ހިޔާ ފްލެޓުގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތައް ލިބިއްޖެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހިޔާ ފްލެޓުތަކުގެ 11 ވަނަ ޓަވަރުގެ 23 ވަނަ ފްލޯގެ އެޕާޓްމަންޓެއްގެ ބަދިގޭގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ގޭތެރޭގައި ދުމުގެ އަސަރު ހުރުމުން އެ ގޭގައި ދިރިއުޅޭ ހަތަރު މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން އަދި ފަސް ދުވަހުގެ ކެއުންބުއިމުގެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. 

 

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެންޑީއެމްއޭއިން ސޯޝަލް މީޑިއާގައި އާއްމުކުރި ފޮޓޯތަކުން އެ ބަދިގެއަށް ގެއްލުންތައް ލިބިފައި ހުރި ތަން ފެނެ އެވެ. ގޭސް އުނދުނާއި ތެލިތައް އަދި ކަބަޑުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެ އެޕާޓްމަންޓުގައި ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.