އެއްވެސް ގައުމެއްގެ މުސްތަގުބަލު، އެހެން ގައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ ޖަމާއަތެއްގެ ގޮތުގައި އދ. ދެމިއޮތުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް، ގައުމީ އަމާޒުތަކާއި އުންމީދުތައް ހާސިލް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީ ވެފައިވާ ގައުމަކަށް ވުމަށް ރާއްޖެއިން ކުރާ އުންމީދު ހާސިލް ކުރުމަށް ލިބޭނެ އިތުރު ބާރެއް ކަމަށެވެ.
އެ އަމާޒަށް ވާސިލު ވުމަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށް ވުނަ ކުރުމަށާއި އިގުތިސާދު ވަރުގަދަ ކުރުމަށާއި ރާއްޖެއިން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް، ވިލުންތެރިކަމާ އެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމުގެ ބޭނުންތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އދ. އަކީ ހުރިހާ ދައުލަތެއްގެ ހައްގުތަކަށް އިހުތިރާމްކުރާ، ހުރިހާ ގައުމެއްގެ އަޑުއަހާ ޖަމާއަތަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް މުއިއްޒުގެ މެސެޖުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އދ. ގެ އިތުބާރު ބިނާވެފައިވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށެވެ. އެކަން ހާސިލް ކުރެވޭނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައި، ގައުމުތަކުގެ މެދުގައި ކޮށްފައިވާ މުއާހަދާތައް ފުރިހަމައަށް ތަންފީޒު ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން، ސަރަހައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރުމުގައި ހަމަހަމަކަން ނެތުމާއި އަދި ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް ގައުމުތައް ކުރިއަށް ދިއުމުގައި ހުރި ގޮންޖެހުންތަކަކީ އެ އިތުބާރު ގެއްލިގެންދާ ސަބަބުތަކެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ހާއްސަކޮށް ފަލަސްތީން ފަދަ ގައުމުތަކުގެ އިންސާނިއްޔަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. އަދި، ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ދިމާވެފައި ހުރި ހުރަސްތަކުގެ ގޮތުގައި، މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި ދެމެހެއްޓެނިވި ނޫން ގޮތުގައި ނަގާ ދަރަނި ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މެސެޖު ނިންމަވާލައްވަމުން، ސުލްހަ މަސަލަސްކަމަށް އިހުތިރާމް ކުރުމާއި އަދުލުއިންސާފު ގާއިމު ކުރުމާއި އަދި ކޮންމެ ދައުލަތަކަށް ވެސް އެ ދައުލަތެއްގެ މުސްތަގުބަލު އަމިއްލައަށް ބައްޓަން ކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.