ރާއްޖޭގެ އެކި ރަށްރަށުގައި 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމްކުރުމަށް ބޭނުންވާ ޕަވާ ޕަޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސަރުކާރުން އިއްޔެ ސޮއިކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީން ހިންގާ "އެކްސެލަރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް)" މަޝްރޫއުގެ ދަށުން 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމްކުރުމަށް ބޭނުންވާ ޕަވާ ޕަޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ސޮއިކުރެވުނު އެންމެ ބޮޑު ސޯލާ ޕީވީ އެއްބަސްވުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޗައިނާގެ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީ އާއި ސްޓެލްކޯއާ ދެމެދު ސޮއިކުރި ޕަވާ ޕަޗޭސް އެގްރީމަންޓްގައި ސޮއިކުރެއްވީ ސިނަސޯގެ ކަންޓްރީ މެނޭޖާ ޗާއޮ ޝޯމިންގް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ.
ސިނަސޯ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ދެމެދު އެކުލަވާލި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗާއޮ ޝޯމިން އަދި މިނިސްޓަރު އަލީ ޝަރީފެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން "ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފާ" މޮޑެލްގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
މިއީ ވާދަވެރި ބީލަން އުސޫލުން ކުރިއަށް ގެންގޮސް، އިންވެސްޓަރުންނަށް ހުރި ދަތިތައް ކުޑަކުރުމަށް ވޯލްޑް ބޭންކް (އައިޑީއޭ)، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑް (ސީޓީއެފް)، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ (މީގާ)ގެ މާލީ އަދި ފަންނީ އެހީތެރިކަމާ އެކު އެކުލަވާލެވިފައިވާ ހާއްސަ ރިސްކް މިޓިގޭޝަން ފްރޭމްވޯކެއްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
15 މެގަވޮޓްގެ ސޯލާ މަޝްރޫއު ބެހިފައިވާ ގޮތް
ލޮޓް 1: (ލ. އަތޮޅު ކްލަސްޓާ - 2 މެގަވޮޓް)
- ލ. މާމެންދޫ (0.61 މެގަވޮޓް)
- ލ. މާވަށް (0.44 މެގަވޮޓް)
- ލ. މާބައިދޫ (0.38 މެގަވޮޓް)
- ލ. ހިތަދޫ (0.3 މެގަވޮޓް)
- ލ. ކުނަހަންދޫ (0.25 މެގަވޮޓް)
- ލ. ދަނބިދޫ (0.2 މެގަވޮޓް)
ލޮޓް 2: (ސަރަހައްދީ ބޮޑެތި ރަށްރަށް - 13 މެގަވޮޓް)
- ށ. ފުނަދޫ (1.25 މެގަވޮޓް)
- ޅ. ނައިފަރު (2.3 މެގަވޮޓް)
- ލ. ގަން (4 މެގަވޮޓް)
- ލ. ފޮނަދޫ (3 މެގަވޮޓް)
- ލ. އިސްދޫ (0.7 މެގަވޮޓް)
- ލ. ކަލައިދޫ (0.6 މެގަވޮޓް)
- ގއ. ވިލިނގިލި (1.65 މެގަވޮޓް)
މިނިސްޓްރީން ބުނީ މި މަޝްރޫއާ އެކު އެރައިޒް އަދި އެސްޕަޔާ މަޝްރޫއުގެ ދަށުން ގާއިމްކުރެވޭ ސޯލާ ހަކަތައިގެ މިންވަރު 34 މެގަވޮޓަށް އިތުރުކުރެވޭނެ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ގާއިމްކުރެވިފައިވާ ޖުމްލަ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ (110 މެގަވޮޓް) ގެ 30 ޕަސެންޓު ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އަހަރަކު އެތެރެކުރާ ޑީސަލުން 15 މިލިއަން ލީޓަރު ސަލާމަތްކުރެވި، ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހަރަދުން އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމާޒުކުރައްވާފައިވާ، ރާއްޖޭގެ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ގައުމީ އަމާޒަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.