ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.

އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 102 ގަ އެވެ. 

މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ އުތުރުގެ ރަށްރަށަށެވެ. ހދ. ކުޅުދުއްފުށީގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، އެ ރަށުގައި ވައިގެ ކޮލިޓީ ހުރީ 170 ގަ އެވެ. އަދި ށ. ފުނަދޫގައި ހުރީ 162 ގަ އެވެ. 

އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ މޮޑަރޭޓް ލެވަލް އެވެ. އެކަމަކު، އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތެކެވެ. އެއާ ކޮލިޓީ އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެ ނަމަ ހައި ރިސްކު މީހުންނަށް ނުރައްކާ ބޮޑުވެ އެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 150 އަށް ވުރެ މަތިވެއްޖެ ނަމަ، އެންމެނަށް ނުރައްކާ ބޮޑުވެ އެވެ. 

މެދު ރާއްޖެތެރޭގެ ރަށްރަށަށް މިވަގުތު ވައިގެ ކޮލިޓީ އެވްރެޖުކޮށް ހުރީ 50-75 އާ ދެމެދުގަ އެވެ. އަދި ދެކުނުގެ ރަށްރަށަށް ވައިގެ ކޮލިޓީ ހުރީ 50 އިން ދަށުގަ އެވެ. 

ރާއްޖެއަށް އާންމުކޮށް ނުސާފު ވައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ އިރުވައި މޫސުމުގައި ވައިގެ މިސްރާބު ހުންނަ ގޮތުން، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. އަންނަ މަހު މޫސުން ބަދަލުވެ، ޑިސެމްބަރުގައި އިރުވައި މޫސުން ފެށުމާ އެކު، އަނެއްކާވެސް ނުސާފު ވައިގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެ އެވެ. 

އެ ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. އަދި ދަނޑުވެރިކަމުން އުފެދޭ ކުނި ނައްތާލުމަށް އެ ތަކެތި އެންދުމާއި ކަރަންޓު އުފެއްދުމަށް ކޯލް އެންދުން އަދި އުމްރާނީ ތަރައްގީއަށް ހިންގާ ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތަކުން އުފެދޭ ކުނޑި އާއި ދުން ވެސް ހިމެނެ އެވެ.

މި ސަރަހައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ ގާތްގަނޑަކަށް 75-80 ޕަސެންޓް އުފެދެނީ ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ހިންގާ އިންސާނީ ހަރަކާތްތަކުގެ ސަބަބުން ކަމަށް ދިރާސާތަކުން ހާމަވެ އެވެ. 

ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އަހަރަކަށް ވުރެ އަހަރަކު އިތުރުވަމުންދާކަން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.