އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރާއްޖެއިން މައްސަލަތަކުގެ ތެރެއަށް ވަނީ ގާނޫނުލްއުގޫބާތުގައި ޖެނޮސައިޑްގެ ކުށް ވަކިން ހިމަނައި، ގާނޫނީ އޮނިގަނޑު ފުރިހަމަނުކޮށް ކަމަށާއި އެހެންވެ ރާއްޖޭގެ ގާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އިސް މަގާމުތައް ފުރާފައިވާ މީހުންނަށް އަދަބު ބޮޑުވާ ގޮތަށް ގަތުލްއާންމާއި އެކަމަށް ގޮވާލުމަކީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅާފައިވާއިރު އެ ބިލާ މެދު ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ބައިނަލްއަގްވާމީ ޖެނޮސައިޑް ކޮންވެންޝަންގައި ރާއްޖެއިން ބައިވެރިވީ މީގެ 42 އަހަރު ކުރިން އޭޕްރީލް 24، 1984 ގަ އެވެ. ނަމަވެސް، ގިނަ ކުށްތަކެއް ހިމަނައި 2014 ވަނަ ފާސްކުރި ގާނޫނުލްއުގޫބާތުގައި ގަތުލްއާންމުގެ ކުށް ހިމަނާފައެއް ނުވެ އެވެ.
އެހެންވެ، ގާނޫނުލްއުގޫބާތަށް އެ ކުށް ގެންނަން މުހިންމުކަން ފާހަގަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، ޖެނޮސައިޑްގެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނިފައި ނެތް ނަމަވެސް، އައިސީޖޭގައި ހިނގާ މައްސަލަތަކަށް ރާއްޖެއިން ވަނުމަކީ ގާނޫނީ ގޮތުން ސައްހަ އަދި ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް، ރާއްޖެއިން އެ މުއާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ރާއްޖެއިން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމެއް ކަމަށެވެ.
އައިސީޖޭގެ މައްސަލަތައް ތަދައްހުލުވުމުގައި ކުރީގެ ސަރުކާރުން އަމަލުކުރި ގޮތާއި މިހާރުގެ ސަރުކާރުގެ ސިޔާސަތުތައް އޭނާ ހާމަކުރެއްވި އެވެ. އެގޮތުން އުޝާމް ފާހަގަކުރެއްވި މުހިންމު ނުކާތައް:
- މިޔަންމާއާ ދެކޮޅަށް ގެމްބިއާއިން ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަނީ 10 ނޮވެމްބަރު 2023 ގައި، ކުރީގެ ސަރުކާރުގަ އެވެ. އެ މައްސަލައިގައި ރާއްޖެއިން އައިސީޖޭއަށް ހުށަހެޅި ބަޔާނުގައި، ޖެނޮސައިޑް ކޮންވެންޝަންގެ 5 ވަނަ މާއްދާގެ ދަށުން ގައުމުތަކުގެ އެތެރޭގެ ގާނޫނުތަކުގައި ޖެނޮސައިޑްގެ ކުށް ކުށެއްގެ ގޮތުގައި ކަނޑައަޅަންޖެހޭނެ ކަމަށް ވަކާލާތުކޮށްފައިވެ އެވެ. ނަމަވެސް އެއިރުވެސް ރާއްޖޭގެ ގާނޫނުގައި އެކަން ކޮށްފައެއް ނުވެ އެވެ.
- ދެކުނު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ތެރެއަށް މި ސަރުކާރުން ވަނީ 1 އޮކްޓޯބަރު 2024 ގަ އެވެ. އެއީ ޖެނޮސައިޑް ހުއްޓުވުމަށާއި، އެކަމަށް ގޮވާލާ ގޮވާލުންތަކަށް އަދަބު ދިނުމަށް ދައުލަތްތަކުން އުފުލަންޖެހޭ އިލްތިޒާމްތަކުގެ މައްޗަށް އަލިއަޅުވާލައި ހުށަހެޅި ހުށަހެޅުމެކެވެ.
"އައިސީޖޭގެ މައްސަލަތަކަށް ވަނުމަށް، އެ މައްސަލައެއް ހުށަހަޅާ ދައުލަތެއްގެ ގާނޫނުގައި އެ ކުށް ކުރިން ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުން މަޖުބޫރެއް ނޫން. ދެ މައްސަލައިގައި ވެސް ރާއްޖެއިން ތަދައްހުލްވީ ގާނޫނީ އިމުގެ ތެރެއިން،" އުޝާމް ވިދާޅުވެފައިވެ އެވެ.
ރާއްޖެއިން ޖެނޮސައިޑް ކޮންވެންޝަންގައި ބައިވެރިވިތާ 40 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ގާނޫނުލްއުގޫބާތުގައި އެ ކުށް ހިމަނާފައި ނެތް ނެތުމަކީ ގާނޫނީ އުނި ކަމެއް ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ އެ އިހުމާލު ރަނގަޅުކުރަން ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
"މިއީ ހެޑްލައިން ހޯދަން ކުރާ ކަމެއް ނޫން. މިއީ ކުރަންޖެހޭ މަސައްކަތެއް ކުރުން،" މާލެ ސިޓީ ކައުންސިލްގެ މެންބަރު ފުރުޝާންއަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ހަގީގަތްތައް ސާފުކޮށް ފެންނަން އޮތްއިރު، އެކަމާމެދު ސުވާލު އުފައްދަވާ މީހުންނަށް މައްސަލައިގެ ގާނޫނީ އަދި ތާރީހީ ހަގީގަތްތައް ނޭނގޭ ކަމަށެވެ.
އުޝާމް ވިދާޅުވީ ގާނޫނުލްއުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ، ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތްވާ ގޮތުގެމަތިން ގަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
"މިއީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ބިލުގައިވާ ގޮތުން ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ވަކި ކަންތައްތަކެއް ހިންގުމަކީ ކުށެކެވެ. އެ އަމަލުތައް ކުރުމުގެ އިތުރުން އެ ކަންކަން ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ވެސް ކުށެކެވެ.
މި ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.