ގަތުލްއާންމާއި ދައުލަތަށް ޣައްދާރުވުމަކީ ކުށެއް ކަމަށް ބަޔާންކޮށް ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް އަނބުރާ ގެންގޮސްފި އެވެ.
ސަރުކާރުގެ ފަރާތުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލް އަނބުރާ ގެންދިޔައީ އިއްޔެ އާއި މިއަދުގެ ޖަލްސާއަށް ވެސް އެޖެންޑާކުރުމަށް ފަހުގަ އެވެ. ނަމަވެސް އެ ބިލް މިހާރު ވަނީ ސަރުކާރުން އަނބުރާ ގެންގޮސްފައިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
މިއީ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް އިން ހިންގަން އުޅޭ ބިޔަ މަޝްރޫއަށް ފަހިކުރުމަށް ގެންގަން އުޅޭ ބަދަލުތަކެއް ކަމަށް ބުނެ އެ ބިލަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ނަމަވެސް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހަކީ، ރާއްޖޭން 42 އަހަރު ކުރިން ބައިވެރިވެފައިވާ ޖެނޮސައިޑް ކޮންވެންޝަނުން ލާޒިމްކުރާ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް މިހާ ދުވަސް ވެގެން ދިޔައިރު ވެސް މި އިސްލާހުތައް ގެނެސްފައި ނުވާ ކަމަށާއި މިއީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ރާއްޖޭން ތަދައްހުލްވެ ވަކާލާތުކުރާ މައްސަލަތަކުގައި ރާއްޖޭގެ ގާނޫނީ ހުށަހެޅުންތައް ބަލިކަށިވާ ސަބަބެއް ކަމަށް ވެސް ވިދާޅުވި އެވެ.
މުސްލިމުންނާ ދެކޮޅަށް ގަތުލްއާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ގައުމުތަކާ ދެކޮޅަށް އިއައިސީޖޭގައި ހިނގަމުންދާ މައްސަލަތަކެެއް ކަމަށްވާ، "ދަ ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިޒްރޭލު" މައްސަލަތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްހުލުވެފަ އެވެ.
ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ވަކި ކަންތައްތަކެއް ހިންގުމަކީ ކުށެކެވެ. އެއީ؛
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން.
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން.
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް އެ ބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން.
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން.
ބިލުގައިވާ ގޮތުން މިއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެއީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ކުށެކެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެ ކުށެކެވެ.
އެ އަމަލުތައް ކުރުމުގެ އިތުރުން އެ ކަންކަން ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ވެސް ކުށެކެވެ.
މި މާއްދާގެ ދަށުން ކުރާ ދައުވާއެއްގައި ދައުވާ ރައްދުވާ މީހާ ކުށްކުރީ ވެރިއެއްގެ އަމުރަކަށް ތަބާވުމުގެ ގޮތުން ކަމުގައިވުމީ ނުވަތަ ކުށުގެ އަމަލު ކުރުމަކީ ގާނޫނުން ހުއްދަކޮށްފައިވާ ކަމަކަށްވުމީ ދިފާއެއް ނޫން ކަމަށް ބިލުގައިވެ އެވެ.
މި ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.