ގައުމެއް ކުރިއަރައިގެން ދާނީ އެ ތަނެއްގެ ޒުވާން ޖީލު ގައުމަށް ހިދުމަތްކުރަން ބޭނުންވާ މިންވަރެއްގެ މައްޗަށް ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގައި ހެނދުނު ބޭއްވި ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ގައުމެއްގެ ކުރިމަގު ބިނާވަނީ ޒުވާން ޖީލުގެ ހިދުމަތްތަކަށް ވިއަސް، ބައެއް ފަހަރު އޮފީސް މާހައުލުގައި ހަމައެކަނި ވަޒީފާއެއް އަދާކުރަން މަސައްކަތަށް ނުކުންނަ މީހުން ވެސް އެބަތިބި ކަމަށެވެ. 

ނަމަވެސް، ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ހިދުމަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ފެނޭ ބައެއް ފަހަރު އޮފީސް މާހައުލުގައި ހަމައެކަނި ވަޒީފާއެއް އަދާކުރަން ހެނދުނު 8 އިން މެންދުރު ފަހު 2 އަށް މަސައްކަތްކުރާ ސްޓާފުން. އޭގެ ތެރޭގައި އެކި ވަގުތުގައި ބޭރަށްދާންޖެހޭ ވަގުތު އާދޭ. އެކަމަކު، މި ދެންނެވި މުވައްޒަފުން ހިދުމަތްކުރުމުގެ ރޫހު ކުޑަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" މުއްތަލިބު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހިދުމަތްކުރަނީ، ސަރުކާރުގެ ވަޒީފާއެއްގައި ވަކި ވަގުތެއްގައި ހިދުމަތްކުރަން ކަނޑައަޅާފައިވިއަސް ރައްޔިތު މީހާއަށް ދޭ ހިދުމަތް ވާންޖެހޭނީ އިހުލާސްތެރިކަމާއެކު ދޭ ހިދުމަތަކަށް. އެ ދުވަހުގެ މަސައްކަތް ނިންމަން ހުއްޓަސް އެ ދުވަހު 2 ގެ ފަހުން ވިއަސް އެ މަސައްކަތް ނިންމުން ވާންވީ ކޮންމެ މުވައްޒަފެއްގެ ވެސް ރޫހަށް."

އެކަންކަން ހުއްޓަސް، އޭނާ ވިދާޅުވި ގޮތުގައި އެ ޖީލުގެ މީހުންނަށް ވުރެ، މިހާރު ތިބީ ސަރުކާރާއި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ރޫހު ބޮޑު ޒުވާނުންނެވެ. 

އެމްއެންޔޫގައި މިއަދު ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫގައި މިއަދު ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: އެމްއެންޔޫ

ކަންކަމުގައި ކުރާ ޝަކުވާ މަދު ކަމަށާއި އަދި ކުރާ މަސައްކަތާ އެއްވަރަށް މުސާރަ ލިބެންޖެހޭނެ ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުސާރައާ ގުޅޭގޮތުން ސިވިލް ސާވެންޓުން ކުރާ ޝަކުވާތަކަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ ދައުލަތަށް މުސާރަ އިތުރުކޮށްދެވޭނީ ވެސް ދައުލަތުގައި ހުރި މިންވަރެއްގެ މައްޗަށް ކަމަށެވެ. 

"..ގައުމުގެ އާމްދަނީގެ 40 ބިލިއަނަށް ވާއިރު، ރިކަރަކްޓު ހަރަދުގެ ގޮތުގައި ވެސް އަޅުގަނޑުމެން އެ ވަރު ހަރަދުކުރަން. ދައުލަތަށް މުސާރަ އިތުރުކޮށްދެވޭނީ ވެސް ދައުލަތުގައި ހުރި މިންވަރެއްގެ މައްޗަށް. މުސާރައަށް ޑިމާންޑުކުރުމަކީ އެންމެ ރަނގަޅު ކަމެއް. އެހެން ނަމަވެސް، ހިދުމަތްކުރަނީ ސަރުކާރަކަށް ނޫން. ހިދުމަތްކުރަނީ ރައްޔިތުންނަށް. އެހެންވީމަ، އެ ހިދުމަތްކުރުމުގެ ރޫހު ހުރުމަކީ ވަރަށް މުހިއްމު ކަމެއް. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް، ވަގުތުން ވަގުތަށް، ފަސޭހަކަމާއެކު ދެވޭތޯ ބެލުމަކީ ކުރަންޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ 2004 ވަނަ އަހަރު ސީއެޗްއެސްއީ އިން އޭ ލެވެލް ނިންމައި ލިބުނު ރައީސްގެ ސްކޮލަޝިޕްގައި އިނގިރޭސިވިލާތުގައި ހަތަރު އަހަރު ކިޔެވުމަށް ފަހު އަނބުރާ ރާއްޖެ ވަޑައިގަތީ ރައްޔިތުންގެ ފައިސާއިން އޭނާއަށް ކިޔަވައިދިނުމުގެ ބަދަލެއްގެ ގޮތުން ހިދުމަތް ކުރަން ކަމަށެވެ.

ދަސްވެނިވި ދަރިވަރުން ވެސް މިއަދު ތިބީ އެ ހާލުގައި ކަމަށާއި ދެން އޮންނާނީ، މުއްތަލިބު ވިދާޅުވި ގޮތުގައި ގައުމަށް ހިދުމަތްކުރުމުގެ ރޫހެވެ.

ސިވިލް އިންޖީނިއަރިންގެ ރޮނގުން ރާއްޖެއިން ބޭރުން ޕީއެޗްޑީ ފުރިހަމަކުރެއްވުމުން ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވިކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ ރާއްޖެ ފިޔަވައި އެހެން ތަނަކުން "ހޯމް" ފީލެއް ނުލިބުނު ކަމަށެވެ. 

ދަރިންނާއި ދަރިންގެ ދަރިން ބޮޑުވާން އޮތީ މި ގައުމުގައި ކަމަށާއި ކޮންމެ މީހެއްގެ ގައިގައި ވެސް ގައުމަށް ހިދުމަތްކުރުމުގެ ރޫހު ހުންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސޯޝަލް މީޑިއާގައި ހަމައެކަނި ޒުވާބުކުރަން ވަގުތު ހޭދަނުކޮށް، ހިދުމަތްކުރުމުގައި އުފެއްދުންތެރި މަސައްކަތްކުރާ ބަޔަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.