މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް ބުނެ ކ. ބޮލިދުއްފަރުގައި އިހުތިޖާޖުކުރި ގިނަ އަދަދެއްގެ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން ހިފެހެއްޓުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓްރާންސްޕޭރެންސީން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރިސޯޓެއްގެ ތަރައްގީކުރަމުން އަންނަ ބޮލިދުއްފަރު ފަޅުގެ ކޮންސްޓްރަކްޝަން ސައިޓުގައި ކުރި އިހުތިޖާޖާ ގުޅިގެން ގާތްގަނޑަކަށް 21 ބިދޭސީ މަސައްކަތްތެރިއަކު އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ލިބޭ ރިޕޯޓްތަކާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.
މަސައްކަތްތެރިން ސުލްހަވެރި އިހުތިޖާޖެއްގައި ބައިވެރިވުމުގެ ސަބަބުން މަސައްކަތްތެރިން ބަންދުކުރުމަކީ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ކަމެއް ކަމަށާއި މިއީ އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ފިޔަވަޅު އަޅާފާނެ ކަމުގެ ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
ޓްރާންސްޕޭރެންސީން ބުނީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް އަދި ހުރިހާ މަސައްކަތްތެރިންނަށް ވެސް އިހުތިޖާޖުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމާއި ހަޅުތާލުކުރުމުގެ މިނިވަންކަން ލިބިދީފައިވާ ކަމަށާއި މި ހައްގުތަކުގެ ބޭނުން ހިފުމުގެ ސަބަބުން މަސައްކަތްތެރިންނަށް ބިރުދައްކައި އެމީހުން ހައްޔަރުކޮށްގެން ވެސް ނުވާނެ ކަމަށެވެ.
ޓްރާންސްޕޭރެންސީން އެދުނު ކަންކަން
- ސުލްހަވެރިކަމާ އެކު އިހުތިޖާޖުކުރުމުގެ ގާނޫނީ ހައްގުގެ ބޭނުން ހިފުމުގެ ސަބަބުން އެއްވެސް މަސައްކަތްތެރިއަކަށް އަދަބު ނުލިބޭނެކަން ކަށަވަރުކުރުމަށާއި އިމިގްރޭޝަނުން ބަންދުކޮށްފައިވާ މަސައްކަތްތެރިން ވަގުތުން ދޫކޮށްލުން.
- މި ހައްޔަރުކުރުންތަކުގައި އިންސާނީ ހައްގުތަކާ ހިލާފު އެއްވެސް ކަމެއް ހިނގާފައިވޭތޯ އެޗްއާރުސީއެމުން ބަލައި ތަހުގީގުކުރުން.
- އިހުތިޖާޖުކުރަން މެދުވެރިވި މައްސަލަތައް ލޭބާ ރިލޭޝަންސް އޮތޯރިޓީ ވަގުތުން ތަހުގީގުކޮށް، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
މި މައްސަލައާ ގުޅޭ ތަފުސީލެއް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ.
ބިދޭސީ މަސައްކަތްތެރިން އިހުތިޖާޖުކުރީ މުސާރަ ނުދޭތީ އާއި މަސައްކަތު މާހައުލުގެ ވެލްފެއާ ހާލަތު ވަރަށް ދަށް ކަމަށް ބުނެ އެވެ.
ފުލުހުން "މިހާރު"އަށް ބުނީ އެ ރަށުގައި އިހުތިޖާޖުކުރި މީހުން ފުރުވާލުމަށް އެއާޕޯޓަށް ގެންދިޔަ ކަމަށާއި އެތަނުން އެކަކު ފުރާފައިވާ ކަމަށެވެ. ފުރަން ދެކޮޅު ހެދި މީހުންނާ މެދުގައި ގޮތެއް ނިންމާނީ އިމިގްރޭޝަނާއި އެ މީހުން މަސައްކަތް ކުރާ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ފުލުހުން ބުންޏެވެ.
ބޮލިދުއްފަރު ފަޅުން 34 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓެއް ހަދަނީ ދުބާއީގެ ޑަމަކްސް ޕްރޮޕަޓީސް އިންނެވެ. ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކޮށްފައި ދިވެހި ކުންފުންޏަކާ އެވެ.