މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުކުރެވޭ ހަތަރު މީހަކު، މަސްތުވާތަކެއްޗާއި އޭގެ ވިޔަފާރީގައި ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް ސާމާނާ އެކު މާލެއިން ހައްޔަރުކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ؛
- ޝިވާން އިބްރާހީމް، 45، މ. ޕިންކްލައިޓް
- އަހުމަދު މުހައްމަދު، 38، ތ. ތިމަރަފުށި / އަލީއާބާދު
- އަޒުހަދު އަލީމަނިކު، 41، ތ. ތިމަރަފުށި / މާލޭގެއާގެ
- އާމިނަތު ނިސާ، 41، ތ. ތިމަރަފުށި / ވިލާ
ޑްރަގް ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކޮށް، ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ މީހުން ހައްޔަރުކޮށް މާލޭގެ ތިން ގެއެއް ބަަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުންގެ ބަންދަށް ވެސް ފަސް ދުވަސް ވަނީ ދީފަ އެވެ.
ކޯޓު އަމުރުގައި ބުނީ އަޒުހަދު އަލިމަނިކާއި އަހުމަދު މުހައްމަދުގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާއިން އޭއެމްޕީ އާއި އޯޕީއައި އަދި ސީއޭޓީއަށް ފޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ތިބި ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނާއި ވިކުރާ ފޮތެެއް ފެނިފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
އައިމިނަތު ނިސާ ދިރިއުޅޭ ގޭގެ ސިޑި ކައިރިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ޖޫސްޕެޓީ ދެ ކޮތަޅާއި 7 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން އެ ތަނުން ހުސް ދެ ރަބަރު ޕެކެޓު ބޮނޑި އާއި ހުސް ދެ ހޮޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނިސާ އާއި ޝިވާން އިބްރާހިމް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި އެ ދެ މީހުން ދިރިއުޅޭ ގެއިން ޑްރަގް ފެނުނު ތަނުން ދެވެނީ އޭނާ ހުރި ކޮޓަރިއަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ދިފާއުގައި އޭނާ ބުނެފައި ވަނީ އޭނާ ދިރިއުޅޭ ތަނުގެ ގްރައުންޑް ފްލޯގައި ކެފޭއަކާއި ގުދަނެއް ހުންނަ ކަމަށާއި އެ ތަނުން މީހުންނަށް ވަދެވޭނެ ކަމަށެވެ.
މ. ޕިންކްލައިޓް ގެއަކީ ޝިވާން އިބްރާހިމްއާ ގުޅުންހުރި ތަނެއް ކަމަށާއި އެ ތަނުގެ ފަސްޓް ފްލޯގައި ހުރި އެޕާޓްމެންޓެއްގައި ހާމައަށް ޑްރަގް ހުރި ކަމަށާއި އެ ތަނުގެ ތެރޭގައި ގިނަ އަދަދެއްގެ ޑްރަގް ރައްކާ ކޮށްފައި ހުރި ކަމަށާއި ޑްރަގް ބަންދު ކުރުމަށް ބޭނުންކުރާ ސާމާނު ވެސް ހުރި ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ދިފާއުގައި އޭނާ ބުނެފައި ވަނީ މ. ޕިންކްލައިޓް ގެއަކީ ޝިވާން އިބްރާހިމްގެ ގެ ނަމަވެސް އެތަނުން ނިކުމެގެން ކުއްޔަށް އެހެން ތަނެއްގައި އުޅޭތާ މިހާރު ފަސް އަހަރު ވަނީ ކަމަށާއި ޑްރަގް ފެނުނު ތަކަކީ ދޮރު ނުހުންނަ އެންމެންނަށް ވަދެ ނިކުމެވޭ ގޮތަށް ހުރި ތަނެއް ކަމަށެވެ. އަދި އެ ތަނުން ފެނުނު އެއްވެސް އެއްޗެއް އޭނާއާ ގުޅުމެއް ނެތް ކަމަށް ވެސް ދިފާއުގައި ބުނެފައިވާ ކަމަމަށް ކޯޓު އަމުރުގައިވެ އެވެ.