ދިރުވާލައިގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ނޭޕާލު ދެ މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުގައި 89 ބުލެޓު އަދި އަނެކަކުގެ ހަށިގަނޑުގައި 53 ބުލެޓު އޮތް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ސްމަގްލްކޮށް ޓްރެފިކްކުރަން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ނޭޕާލު ފިރިހެނެއް ކަމަށްވާ ނިއްކަ ތަމަންގް، 47، އާއި އެ ގައުމުގެ އަންހެނެއް ކަަމަށްވާ އީތުރާނީ ގަލެ، 40، އެވެ.
އެ މީހުންގެ ބަންދު އިތުރުކުރަން ދެވަނަ ފަހަރަށް ކޯޓަށް ގެންދިއުމުން ވަނީ 30 ދުވަސް ޖަހައިފަ އެވެ.
އޭގެ ތެރެއިން، ނިއްކަގެ ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ހަށިގަނޑު ސްކޭންކުރިއިރު ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރި ކަމަށާއި ޖުމްލަ 89 ބުލެޓް ފެނިފައިވާ ކަމަށް ބަޔާންކޮށް ސީނަށް ދިޔަ ފުލުހެއްގެ ބަޔާން ހުށަހަޅާފައިވެ އެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ވެސް ކޮކެއިންނަށް ޕޮޒިޓިވްވެފައިވެ އެވެ.
އީތުރާނީ ބަންދުގައި ބަހައްޓަން އަމުރުކުރީ ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގައި އޭނާގެ ހަށިގަނޑު ސްކޭންކުރިއިރު ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރި ކަމަށާއި ޖުމްލަ 53 ބުލެޓް ފެނިފައިވާ ކަމަށް ބުނެފައިވާތީ އެވެ. އަދި ކަސްޓަމްސްގެ މައްސަލަ ހުށަހަޅާ ފޯމު ވެސް ހުށަހަޅާފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުންގެ ހަށިގަނޑުގައި ރައްކާކޮށްގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް އައިއޯ ފާހަގަކުރާއިރު އެ ދެ މީހުންގެ ފަރާތުން ދައުލަތުގެ ވަކީލަކަށް މިދިޔަ ހަފުތާގައި އެދިފައިވިޔަސް އަދި ވަކީލަކު ހަމަނުޖެހޭތީ ބަޔާން ނުނެގޭ ކަމަށް ވެސް އައިއޯ ބުނެފައިވެ އެވެ.