ރިސޯޓް ހެދުމަށް 50 އަހަރަށް ދޫކުރި ކ. ދިއްފުށީފަޅުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެތަން އަނބުރާ ހަވާލުކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް 2015 ވަނަ އަހަރުން ފެށިގެން 50 އަހަރަށް ދިއްފުށިފަޅު ކުއްޔަށް ދިނީ އޭގެ ކުރިން ޑީޑް އޮފް އެސައިމެންޓެއްގެ ދަށުން އޭނާއަށް ލިބިފައި އޮތް ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގަ އެވެ.
ދިއްފުށީފަޅުގެ އެއްބަސްވުން 2017 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ހާމިދުގެ ފަރާތުން ދައުވާ ކުރުމުން ސިވިލް ކޯޓުން އޭރު ނިންމާފައި އޮތީ އެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލަ ހާމިދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ 2015 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން އޭގެ ކުރީގެ އެއްބަސްވުންތައް ބާތިލްވެފައި ވަނިކޮށް ކުރީގެ އެއްބަސްވުންތަކާ ހަވާލާދީ އެއްބަސްވުން ބާތިލް ކުރިކަމުގެ ނޯޓިސް ނުފޮނުވޭނެ ކަމަށެވެ. އެހެންވެ، އެ އެއްބަސްވުން އަދިވެސް ދެމިގެންވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެއްބަސްވުން ބާތިލްކުރިކަމުގެ ނޯޓިސް ފޮނުވުމަށްފަހު 2018 ވަނަ އަހަރު ސަރުކާރުން އެހެން ބަޔަކަށް އެތަން ކުއްޔަށް ދީފައި އޮތް ނަމަވެސް ހާމިދާއެކު ހެދި އެއްބަސްވުން އަދިވެސް ދެމިއެބައޮތެވެ. އަދި އެތަނަށް އޭނާ ކޮށްފައިވާ ހަރަދުތަކެއް ހުރުމާއެކު، އެތަން އޭނާއަށް އަނބުރާ ނުދިނުމަކީ ދައުލަތުން އޭނާއަށް ދޭންޖެހޭ ބަދަލު ބޮޑުވެދާނެ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެ އެއްބަސްވުން ބާތިލްކުރިކަމުގެ ނޯޓިސް ބާތިލް ކަމަށާއި އަދި ހާމިދާއެކު ހެދި އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާގެ އިތުރުން ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
އެ މައްސަލާގައި ފަނޑިޔާރު ޝަފީއުގެ ރައުޔަކީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.