ރާއްޖޭގެ ރަށްރަށުގެ ތާރީހް އުވިގެން ދިޔަ ނުދީ، އިޔާދަކުރަން ތަރިކައާ ބެހޭ ކޯހެއް ހިންގަން، ރަށްރަށުން މީހުން ހޯދަން ފަށައިފި އެވެ.
މުޅިން އަލަށް ފަށާ މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފަންނާއި ސަގާފަތާއި ތަރިކަ އާއި ބެހޭ މިނިސްޓްރީ އާއި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ ގުޅިގެންނެވެ. މިއީ، ދިވެހިންގެ ހަނދާންތައް އެއްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމެކެވެ.
ތަރިކައާ ބެހޭ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު އަމްޖަދު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުންނަށް ހުޅުވާލާ އެ ކޯހުގައި ބައިވެރިވާން 658 ޖާގަ ދޭނެ ކަމަށެވެ.
އޮންލައިންކޮށް ހިންގާ އެ ކޯހުގައި ކޮންމެ ރަށަކުން ވެސް ވަކި އަދަދެއްގެ މީހުންނަށް ބައިވެރިވެވޭނެ އެވެ. އަދި އެ ކޯހަކީ އެމްކިޔުއޭ ގަބޫލުކުރާނެ ކޯހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމްޖަދު ވިދާޅުވި ގޮތުގައި ކޮންމެ ރަށަކަށް ވެސް ޖާގަ ދޭނީ އެ ރަށެއްގެ ކައުންސިލަރުން ތިބި އަދަދަށް ބަލައިގެންނެވެ.
މިނިސްޓްރީން ބުނީ އެ ކޯހުގައި ތަރިކައިގެ ދާއިރާގެ މުހިންމު ބައިތައް ކަމަށްވާ ދިވެހިންގެ ހަނދާންތައް އެއްކުރުމާއި ރަށްވެހި އާސާރު އުފެއްދުން ފަދަ ކަންކަމަށް އަހުލުވެރިކުރުވޭ މޮޑިއުލްތައް ހުންނާނެ ކަމަށެވެ.
ތިން މަސްދުވަހުގެ އެ ކޯސް ފަށަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީގަ އެވެ.
މިނިސްޓްރީން ކުރިން ބުނެފައި ވަނީ އެ މަސައްކަތުގެ ސަބަބުން ކޮންމެ ރަށެއްގެ ތާރީހު އަލުން އިއާދަކުރެވި، އެރަށެއްގެ ތާރީހު އަލުން ލިޔެވުންފަދަ މުހިންމު މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރެވިގެން ދާނެކަމަށެވެ.