ޔުނާން: އެ ޕްރޮވިންސަކީ ދުނިޔޭގައި އެންމެ ފުރަތަމަ ސައިފަތް އުފައްދަން ފެށި ޗަައިނާގެ ދެ ޕްރޮވިންސްގެ ތެރެއިން އެއް ޕްރޮވިންސް --- ފޮޓޯ/މިހާރު
02 އޯގަސްޓް 2025 - 07:38
ދުނިޔެއަށް އަންނަ ބަދަލުތަކާއި ތަރައްގީއާ އެކު އެންމެ އަވަހަށް ފޮހެވި، ނެތެމުންދާ އެއްޗަކީ އެ ބައެއްގެ އަމިއްލަ ސަގާފަތާއި ތާރީހެވެ. ނަމަވެސް ދުނިޔޭގެ ބޮޑު ބާރަކަށް ވެފައި އޮތް ޗަައިނާގެ ޔުނާން ޕްރޮވިންސުން އެ ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ޔުނާންގެ އެންމެ ބޮޑު އެއް ހާއްސަކަން ގުޅިފައި އަދިވެސް އޮތީ އެ މީހުންގެ ފަހުރުވެރި ތާރީހާއި ތަފާތު ނަސްލުތަކާއި ސަގާފަތް ހިމާޔަތްކުރަން ދޭ އިސްކަމުގެ މައްޗަށެވެ.
ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ ކަމަށްވާ ޗައިނާގެ އެންމެ ގިނަ ނަސްލުތަކަށް ނިސްބަތްވާ މީހުން އުޅެނީ ޔުނާންގަ އެވެ. ޔުނާންގެ 47 މިލިއަން މީހުންގެ އާބާދީގެ ތިން ބައި ކުޅަ އެއް ބަޔަކީ މައިނޯރިޓީ ނަސްލުތަކެވެ. އެ އިން ކޮންމެ ބަޔަކު ވެސް ހެދުން އެޅުމުން ފެށިގެން ވާހަކަ ދައްކާ ބަހުރުވަ އާއި ސަގާފަތް އެހާމެ ތަފާތު ނަމަވެސް އެ މީހުންގެ ސަގާފަތާއި ގަދީމީ އާސާރުތަކަކީ ތަފާތު ކުރުމެއް ނެތި މިހާތަނަށް ވެސް ދެމިގެން އައިސްފައި ހުރި ކަންކަމެވެ.
ދިވެހި ނޫސްވެރިން ޔުނާނަށް މިދިޔަ މަހުގެ ފަހުކޮޅު ކުރި ދަތުރުގައި އެ ޕްރޮވިންސްގެ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި މަޝްހޫރު ލިޖިންގެ ތަރައްގީވެފައިވާ ކާރޫބާރު ބޮޑު ސަރަހައްދުގެ ތެރެއިން ދިގު ދަތުރަކަށް ފަހު ގޮސް ދެވުނީ ޔުހު ވިލެޖްގެ އެތައް ސަތޭކަ އަހަރު ކުރީގެ ސަގާފަތުގެ ތެރެއަށެވެ. ކަނޑުގެ ސަތަހައިން ފެށިގެން އެތައް ހާސް މީޓަރެއްގެ މަތީގައި އޮންނަ އެ ވިޖެލަކީ ޗައިނާގައި އެންމެ ތަފާތުއެއް ނަސްލު ކަމަށްވާ ނަޝީ ދަރިކޮޅު މީހުން އެންމެ ފުރަތަމަ ވަޒަންވެރިވި ކަމަށް ބުނެވޭ ސަރަހައްދެވެ.
އެތައް ގޮތަކުން ދުނިޔޭގެ ބޮޑު ބާރަކަށް ޗައިނާ މިއަދު ވެފައި އޮތް ނަމަވެސް ނަސްލީ ތަފާތަށް ބެލުމެއް ނެތި އެ އިން ކޮންމެ ބައެއްގެ ސަގާފަތާއި ތާރީހު ހިމާޔަތްކުރަން އެ މީހުން ކުރާ މަސައްކަތް ޔުހު ވިލެޖުން ފެނިގެންދިޔަ އެވެ. ޗައިނާގައި އާބާދީ މަދުވެފައިވީ ނަމަވެސް ނަޝީ ނަސްލުގެ މީހުންގެ ސަގާފަތް އެ މީހުން ދަމަހައްޓަމުން އަންނަނީ ހަމައެކަނި ޓޫރިސްޓުން ޝައުގުވެރި ކުރުވުމަކަށް ވުރެ ބޮޑަށް އެ ބައެއްގެ ސަގާފަތް ހިމާޔަތް ކުރުމަށެވެ. އެ ތަނުން އަދިވެސް ފެންނަނީ އެ މީހުންގެ އާންމު ދިރިއުޅުމެވެ.
ޔުހު ވިލެޖްގެ ސަރަހައްދެއް --- ފޮޓޯ/އުމަރު ޝާން ޝަފީގް
އެ ތަނުގައި ހުރި ގަދީމީ އާކިޓެކްޗާތަކާއި ކުރެހުންތަކާއި ލިޔުންތަކާއި އަތްތެރި މަސައްކަތްތަކުން އެކަން ފެނެ އެވެ. އެ މީހުންގެ އަތްތެރި މަސައްކަތްތައް ދަސްކޮށްދޭން ގާއިމްކޮށްފައިވަނީ ޗައިނާގައި ވެސް ހުރި އެންމެ ނުފޫޒު ގަދަ އެއް އިންސްޓިޓިއުޓް ކަމަށްވެ އެވެ. އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަކުދިން ވެސް އުޅެ ބޮޑުވަމުންދަނީ އަމިއްލަ ސަގާފަތުގެ ތެރޭގަ އެވެ.
އެ ތަނަށް ޒިރާޔަތް ކުރާ ޓޫރިސްޓުންނަށް އެ މީހުންގެ ސަގާފަތް ދަސްކޮށްދޭއިރު ކުޑަކުދިން ބައިވެރިކުރެ އެވެ. އާބާދީ މަދުވެފައިވާ ނަސްލުތަކުގެ ތާރީހާއި ސަގާފަތް ޗައިނާގައި އަދިވެސް ފެންނަން އޮތީ އެ ސަބަބާ ހެދި ކަމަށް ބެލެވެ އެވެ.
ނަޝީ ނަސްލުގެ ޑޮންބްގާ ލިޓްރޭޗާއަކީ ދުނިޔޭގެ އެންމެ ފަހަށް ފެންނަން އޮތް ޕިކްޓޯގްރަފިކް ލިޓްރޭޗާ (ކުރެހުން ބޭނުންކޮށްގެން މުއާމަލާތު ކުރި) ލިޓްރޭޗާ އެވެ. މިހާރު ޔުނެސްކޯއިން ބައިނަލްއަގްވާމީ ގޮތުން ހިމާޔަތްކޮށްފައިވާ ޔުނާންގެ އެ ފަހުރުވެރި ލިޓްރޭޗާ ކޮންމެވެސް ވަރަކަށް ދަސްކުރުމުގެ ފުރުސަތު ދިވެހި ނޫސްވެރިން ވެސް ޔުހު ވިލެޖުން ލިބުނެވެ. ޔުހު ވިލެޖްގެ މިފަދަ ހާއްސަ ސިފަތަކަށްޓަކައި އެއީ ޗައިނާގެ މައި ސަރުކާރުން 2012 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަގާފީ އަވަށެކެވެ.
ނަޝީ ޑޮންގްބާ ލިޓްރޭޗާ ދަސްކޮށްދެނީ --- ފޮޓޯ/އުމަރު ޝާން ޝަފީގް
މިފަދަ އެތައް ފިޔަވަޅުތަކެއްގެ ނަތީޖާއަކީ ޔުނާނަކީ ސަގާފަތާއި ތާރީހުގެ ގޮތުން ޓޫރިސްޓުންގެ މެދުގައި ވެސް އަދި ދުނިޔޭގައި ވެސް މަޝްހޫރު މަގްބޫލު މަންޒިލަކަށް ވެފައިވުމެވެ. އެގޮތުން 1،000 އަހަރަށް ވުރެ ދިގު ގަދީމީ ތާރީހަކާއި އޭގެ އާސާރުތައް މިހާރު ވެސް ފެންނަން ހުރި ޔުނާންގެ ލިޖިއަންގެ އޯލްޑް ޓައުން ހިމެނޭހެން އެ ޕްރޮވިންސްގެ ހަ ތަނެއް ޔުނެސްކޯއިން ދުނިޔޭގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އެއީ ޗައިނާގެ ސިޓީތަކުގެ ތެރެއިން ޔުނެސްކޯއިން އެންމެ ގިނަ ތަންތަން ހިމާޔަތްކޮށްފައިވާ ސިޓީ އެވެ.
ކޮންމެ އަހަރަކު އެތައް މީހުން ލިޖިއަންއަށް އެކަނި ޒިޔާރަތް ކުރާއިރު، އެންމެ ގަދީމީ ޒަމާނުގެ އާސާރުތައް އަދިވެސް ރައްކާތެރިކަމާއެކު ބަލަހައްޓަމުން ގެންދެ އެވެ. އަދި ޕެރެލަލްކޮށް ވަކިވަކިން ފެން ދައުރުވުމުގެ ސަބަބުން ޔުނެސްކޯއިން ގުދުރަތީ ހެރިޓޭޖެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ކޯރާއި ގުޅިފައިވާ ލައޮޖުން ފަރުބަދައަކީ ވެސް މަގްބޫލު މަންޒިލެވެ.
އުސް ފަރުބަދަތަކުން ވަކިވެފައިވާ އެ ތިން ކޯރުގެ ތެރެއިން ޖިންޝާ ކޯރަކީ ދުނިޔޭގެ ތިން ވަނައަށް އެންމެ ދިގު ޖެންޒީ ކޯރާ ގުޅިފައިވާ ތަނެކެވެ. އެއީ ވެސް ޓޫރިސްޓުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ލިބިފައިވާ މަންޒިލްތަކެވެ.
މިއަދު ދުނިޔޭގެ ބޮޑު އިގްތިސާދީ ބާރެއްގެ ގޮތުގައި ޗައިނާ އޮތްއިރު، ޔުނާން ޕްރޮވިންސަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދުނިޔޭގެ އެހެން ގައުމުތަކާ ވިޔަފާރީގެ ގުޅުން ގާއިމްކުރި ޗައިނާގެ މައި ހަބެވެ. ޔުނާންއިން ފެށުނު މަޝްހޫރު "ޓީ ހޯސް ރޯޑް" އަކީ ޗައިނާއިން އީޖާދުކުރި ސައިފަތް އެތައް ހާސް މޭލެއްގެ ދިގު ރާސްތާއެއް ހުރަސްކޮށް އޭޝިއާގެ އެކި ގައުމުތަކަށް އެކްސްޕޯޓްކޮށް، ވިޔަފާރީގެ ގުޅުންތައް ގާއިމްކުރި ވިޔަފާރީގެ ގަދީމީ ނިޒާމެވެ.
ޗައިނާއިން އީޖާދުކުރި ސައިފަތް އެންމެ ފުރަތަމަ އުފައްދަން ފެށި ދެ ޕްރޮވިންސްގެ ތެރެއިން އެއް ޕްރޮވިންސް ކަމަށްވާ ޔުނާނަކީ އަވަށްޓެރި ވިއެޓްނާމާއި މިއަންމާ އަދި ލާއޮސްއާ އެއްގަމުމަގުން ގުޅިފައި އޮންނަ ޕްރޮވިންސެއް ނަމަވެސް އެތައް ސަތޭކަ އަހަރެއް ކުރިން، ދަތުރުފަތުރު ކުރުމުގެ ލުއި ފަސޭހަކަމެއް ނެތް ޒަމާނެއްގައި ޔުނާންގެ ރައްޔިތުން އެ ވިޔަފާރީގެ ގުޅުން އެހެން ގައުމުތަކާއެކު ބޭއްވީ އެތައް މަސްތަކެއް ވަންދެން ފައިމަގުގައި ދަތުރުކޮށްގެންނެވެ. އެއީ ދުނިޔޭގެ އެންމެ ގަދީމީ ބައިނަލްއަގްވާމީ އެއް ވިޔަފާރީގެ ޕެސެޖެވެ.
ޔުނާންގެ ލިޖިއަން އޯލްޑްޓައުން --- ފޮޓޯ/އުމަރު ޝާން ޝަފީގް
ދުނިޔެއަށް އައި ކުރިއެރުމާއެކު، އިގްތިސާދު ފުޅާވެގެން ދިޔައިރު ވެސް ޔުނާންގެ މުހިންމު ކަމަށް ބަދަލެއް ނާންނަނީ ޖިއޮގްރަފީ ގޮތުން އެ ޕްރޮވިންސް އޮތް ސަރަހައްދުގެ ގޮތުންނެވެ. ޔުނާންގެ ވެރިރަށް ކުމިންއަކީ ޗައިނާއިން 2013 ވަނަ އަހަރު އެހެން ގައުމުތަކާއި ވިޔަފާރި އާއި އިގްތިސާދީ ގުޅުން ފުޅާކުރަން އިއުލާންކުރި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މުހިންމު އެއް ހަބެވެ. އަދިި އެއީ ޗައިނާގެ އެހެން ޕްރޮވިންސްތަކުން ވެސް ދެކުނު އޭޝިއާއާ ވިޔަފާރީގެ ގުޅުން ފުޅާކުރަން ބޭނުން ކުރެވޭ އެއް މަރުކަޒެވެ.
ސަގާފީ އަދި ގުދުރަތީ ހާއްސަ ކަމަށްޓަކައި ޓޫރިސްޓުންގެ ސަމާލުކަން އެ ޕްރޮވިންސަށް އިތުރުވަމުންދާ ދިއުމުގެ ނަތީޖާއަކީ ވެރިރަށް ބެއިޖިންއާ ދުރުގައި އޮތް ނަމަވެސް ޔުނާނަކީ އިގްތިސާދީ ހަބަކަށްވުމެވެ. ޓެކްނޮލޮޖީ އާއި ވަރުގަދަ އިންފްރާސްޓްރަކްޗާތައް ގާއިމްކޮށް، ހައިވޭ ނެޓްވޯކަކާއި ރެއިލްވޭ ނެޓްވޯކްތައް ގާއިމްކޮށް، ޗައިނާގެ އެތައް ސިޓީތަކުގެ އިތުރުން ބައެއް އަވަށްޓެރި ގައުމުތަކާ ދެމެދު ވެސް ރެއިލްވޭ ނެޓްވޯކްތައް ވަނީ ގާއިމްކޮށްފަ އެވެ. އަދި އެފަދަ އިތުރު މަޝްރޫއުތައް ކުރިއަށް އެބަ ގެންދެ އެވެ.
ކުމިންގެ ޗަންޝުއި އިންޓަނޭޝަނަލް އެއާޕޯޓުން 300 އަށް ވުރެ ގިނަ މަންޒިލަކަށް ދަތުރުތައް ކޮށް، އަހަރަކު 45 މިލިއަން މީހުންނަށް ހިދުމަތް ދެ އެވެ. އަދި މިދިޔަ އަހަރު އެކަނި ވެސް 80 މިލިއަން ޓޫރިސްޓުން އެ ޕްރޮވިންސަށް ޒިޔާރަތް ކުރިއިރު، މިދިޔަ އަހަރު ޓޫރިޒަމްގެ ދާއިރާއިން 128 ބިލިއަން ޔުއާން (19 ބިލިއަން ޑޮލަރު) ގެ އާމްދަނީއެއް އެ ޕްރޮވިންސަށް ލިބުނެވެ.
މީގެ އިތުރުން ޔުނާނަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތަކަކީ ވެސް އެ ޕްރޮވިންސްގެ އިގްތިސާދީ ބޮޑު ކުރިއެރުމެވެ. މުޅި އޭޝިއާގައި އެންމެ ގިނައިން ތާޒާ ފިނިފެންމާ އުފައްދާ އަދި އެންމެ ގިނަ އަދަދަކަށް އެތަކެތި އެކްސްޕޯޓްކުރާ ފެކްޓްރީއާ އެކު ވެރިރަށް ކުމިންގަ އެވެ. ޗައިނާ ސަރުކާރުގެ ކުންފުންޏަކުން ހިންގާ އެ ފެކްޓަރީން ދުވާލަކު 600،000 އަށް ވުރެ އެކި ވައްތަރުގެ ފިނިފެންމާ ބާޒާރަށް ނެރެ، އެކި ގައުމުތަކަށް އެކްސްޕޯޓް ކުރާއިރު އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.
ޔުނާންގައި ހުރި އޭޝިއާގެ އެންމެ ބޮޑު މާ އުފައްދާ ބަގީޗާ --- ފޮޓޯ/މިހާރު
ދިވެހި ނޫސްވެރިން އެތަނަށް ކުރި ޒިޔާރަތުން އެނގުނު ގޮތުގައި ރާއްޖެއަށް އެކަނި ވެސް ހަފުތާއަކު 30،000 އާއި 50،000 އާ ދެމެދުގެ އަދަދަކަށް އެކި ވައްތަރުގެ ފިނިފެންމާ އެތަނުން އެކްސްޕޯޓް ކުރެ އެވެ. އެއީ ވެސް ރާއްޖޭގެ ބާޒާރުގެ އަގަށް ވުރެ އެތައް ގުނައެއް ކުޑަ އަގެއްގަ އެވެ. "ކިންގްޑަމް އޮފް ފްލާވާސް" ގެ ނަމުން ވެރިރަށް ކުމިން މަޝްހޫރު ވެފައިވާއިރު، ދަނގަޑާއި ޓައިޓޭނިއަމާއި އެކި ވައްތަރުގެ ލޮނާއި އެ ނޫން މައުދަންތަކުގެ އެންމެ ބޮޑު ރިޒާވެއް ޗައިނާގައި އޮތް އެއް ޕްރޮވިންސަކީ ޔުނާން ކަމަށްވާތީ "ކިންގްޑަމް އޮފް ނަން ފެރޮސް މެޓަލްސް" އޭ ވެސް ކިޔާ އުޅެ އެވެ.
ފުޅާވެފައިވާ ޓޫރިޒަމްގެ ސަބަބުން ތަރައްގީ އާއި އިންފްރާސްޓްރަކްޗާގައި ޔުނާންއިން އެހެން ޕްރޮވިންސްތަކާ ގާތް ކުރަމުން ދިޔަ ނަމަވެސް ގުދުރަތީ ވަސީލަތްތަކާއި ތިމާވެށްޓަށް އެ މީހުން ދޭ ސަމާލުކަން ހުރިހާ ދިމާލަކުން ފެނެ އެވެ. ކުމިންއާ ހިލާފަށް ލިޖިއަން ފަދަ ޓޫރިސްޓް މަންޒިލްތަކުގައި އުސް އިމާރާތްތައް މަދުވެފައި ފެހިކަން ބޮޑެވެ. ކޯރުތަކުން ދައުރުވާ ފެން އެ މީހުން ބޭނުންކުރަނީ ފެނުން ކަރަންޓް އުފެއްދުމަށެވެ. އަދި އެއީ ޗައިނާގައި ވެސް އެންމެ ގިނައިން ފެނުން ކަރަންޓް އުފައްދާ އެއް ޕްރޮވިންސެވެ.
އެގޮތުން ޖިންޝާ ކޯރުގެ 615 ކިލޯމީޓަރުގެ ސަރަހައްދަކާއި އިތުރު އެތައް ކޯރެއް ޔުނާންއާ ހިއްސާ ކުރާއިރު އެ ތަންތަނުން ދައުރުވާ ފެން އެމީހުން ބޭނުންކުރަނީ ފެނުން ކަރަންޓް އުފެއްދުމަށް ހަ ސްޓޭޝަނެއް ގާއިމްކޮށްފައިވެ އެވެ. އެތަންތަނުން އަހަރަކު 65 ބިލިއަން ކިލޯވޮޓް (65 މިލިއަން މެގަވޮޓް) ގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން އެބަހުއްޓެވެ. އެއީ ރާއްޖޭގެ މާލެ ސަރަހައްދަށް ތެލާ ނުލައި އެތައް އަހަރެއް ވަންދެން ކަރަންޓް ދެވޭނެ މިންވަރުގެ ހަކަތަ އެވެ.
ގްރީން ހައިޑްރޯޖަން އުފައްދަން ޔުނާންގެ ލިޖިއަންގައި ގާއިމްކޮށްފައިވާ ފެކްޓްރީ --- ފޮޓޯ/އުމަރު ޝާން ޝަފީގް
ހަމައެހެންމެ ވައިގެ ހަކަތަ ބޭނުންކޮށްގެން އަހަރަކު 5،400 މެގަވޯޓްގެ ކަރަންޓް އުފައްދާއިރު، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ގްރީން ހައިޑްރޯޖަން އުފެއްދުމަށް ސްމާޓް ފެކްޓްރީއެއް ލިޖިއަންގައި ގާއިމްކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އިލެކްޓްރިކް ބަހާއި ކާރުތަކަށް ދަނީ ފޯރުކޮށް ދެމުންނެވެ. އަދި އެ ފެކްޓްރީގެ ބޮޑު ބައެއް މިހާރު ވެސް ހިންގަނީ ތެލަށް ބަރޯސާނުވެ، ސޯލާ ހަކަތަ ބޭނުންކޮށްގެންނެވެ.
އެހެންވެ، ތަރައްގީވެފައިވާ ސިޓީތަކަށް ދިމާވާ ވައި ނުސާފުވުމުގެ ގޮންޖެހުމާ ޔުނާން ޕްރޮވިންސް ކުރިމަތިލާން ނުޖެހެ އެވެ. ޗައިނާގެ އެންމެ ބޮޑަށް ވައި ސާފު ސިޓީތަކުގެ ތެރޭގައި ޔުނާންގެ ލިޖިއަން ހިމެނޭއިރު، ޔުނާންގެ ފިނިހޫނުމިން މެދުމިންވަރެއްގައި އާންމުކޮށް ހުންނަ ހުރުމަކީ ޓޫރިސްޓުންގެ މަގްބޫލުކަން އަބަދުވެސް އޮންނަ އެއް ސަބަބު ކަމަށްވެ އެވެ. އެ ސަބަބަށްޓަކައި، ޔުނާންގައި "އެއް ފަރުބަދައަކުން ހަތަރު މޫސުން ތަޖުރިބާ ކުރެވޭނެ" ކަމަށް ބުނާ ބުނުމެއް އޮވެ އެވެ.
ޔުނާންގެ ލިޖިން އޯލްޑްޓައުން --- ފޮޓޯ/އުމަރު ޝާން ޝަފީގް
މީގެ އިތުރުން އާބާދީ މަދުވުމުގެ ސަބަބުން ހިމާޔަތް ކޮށްފައިވާ ވައިލްޑް އެލަފެންޓްތަކަކީ ވެސް ޔުނާންގެ ހާއްސަ ކަމެކެވެ. އަދި 140 އަށް ވުރެ ގިނަ ބާވަތުގެ ގުދުރަތީ މިނެރަލްތައް ޔުނާންއިން ފެނިފައިވާއިރު، އޭގެ ތެރެއިން 61 ބާވަތަކީ ޗައިނާގައި އެންމެ މުހިންމު ބާވަތްތަކުގެ މިނެރަލްތަކުގެ ކެޓަގަރީ ހިމެނޭ މިނެރަލްތަކެވެ. އެކި ކަހަލަ ބޭސް އުފެއްދުމަށް ބޭނުންކުރާ އެތައް ހާސް ވައްތަރެއްގެ ގުދުރަތީ ގަސްގަހާގެއްސާއެކު އެ ތަކެތި ހިމާޔަތްކުރަން ބޮޑު އިސްކަމެއް ދެ އެވެ.
އެއް ޒަމާނެއްގައި ޗައިނާއާ ދުނިޔެ ގުޅުވާލަދިން ބައިނަލްއަގްވާމީ ވިޔަފާރީގެ ހަބެއްގެ ގޮތުގައި އޮތް ޔުނާނަކީ މިހާރު ތަފާތު ނަސްލުތަކުގެ ސަގާފަތާއި ތާރީހު ހިމާޔަތްކޮށް، ދެމެހެއްޓުމުގައި މިސާލު ދެއްކުމަށް ފަހު، ދުނިޔޭގެ މަގްބޫލު ޓޫރިޒަމްގެ މަންޒިލެކެވެ. ޓޫރިޒަމްގެ ސަބަބުން ބާރު ސްޕީޑްގައި ޔުނާނަށް އަންނަ ކުރިއެރުންތަކާ އެކު ވެސް އެ މީހުންގެ ތިމާވެށްޓާއި ގުދުރަތީ ވަސީލަތްތައް އަދިވެސް ދަމަހައްޓަމުންދާ ދިއުމަކީ ނަމޫނާއެއްގެ ގޮތުގައި ބަލަންޖެހޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫލް +
02 August 2025
"ޔުނާންގެ އެންމެ ބޮޑު އެއް ހާއްސަކަން ގުޅިފައި އަދިވެސް އޮތީ އެ މީހުންގެ ފަހުރުވެރި ތާރީހާއި ތަފާތު ނަސްލުތަކާއި ސަގާފަތް ހިމާޔަތްކުރަން ދޭ އިސްކަމުގެ މައްޗަށެވެ." ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ހާއްސަކަން ގުޅިފައި އަދިވެސް އޮތީ އަހުރެމެންގެ ބުދު ދަރުމަޔާ. އަހުރެމްނެގެ ބިމުން އަދިވެސް ބުދު ފެންނަމުން ދަނީ. ކުރިޔަށް ބުދު ދަރުމަ!!! ބުއްދަމް ސަރަނަމް ގަޗްހާމީ. ސަންގަމް ސަރަނަމް ގަޗްހާމީ.
އަފްރާސިޔާބު
02 August 2025
ހާދަ ޖާހިލުބަޔެކޭ ޔޫނާނުގައި ދިރިއުޅެނީ. އެތާނގައި ލިޔެފައިވާ ލިއުންތަކުގައި އެއްވެސް އިނގިރޭސީ އަކުރެއްވެސް އަޅާލަން ނޭގުނު. އެހެންނުވާނެ ރާއްޖޭގައި. އެއް އޮފީހުން އަނެއް އޮފީހަށް ފޮނުވާ ސިޓީތައްވެސް ވޯކްޝޮޕެއް ބޭއްވިއަސް މުޅިން އިނގިރޭސިބަހުން.
ޖީލުގެދަރިއެއް
02 August 2025
މިއަދު ކުރަންވީކަމަކީ ސަލްޓަންޕާކްގާ ބޮޑުގަޑުވަރުަ ހުރިގޮތަށް އަލުން މޮޑެލް ގަޑުވަރެއް އަޅަންވީއެވެ. އެތަނުގާ ސަގާފަތާ އާދަކާދަ ދައްކުވާދޭ ގިނަކަންކަންވެސް ހިމެނޭގޮތަށެވެ. ޒަމާނީ ޓެކްނޮލޮޖީވެސް މިތާބޭނުންކުރަންވާނެއެވެ. މިގޮތަށް ކަންކުރެވިއްޖެނަމަ.މިއަދުގެޖީލާ އަންނަންއޮތް ޖީލުގެ ކުދިންނަށް ގިނަކަންކަން އެގިފެނިގެންދާނެއެވެ. ބޭރުން އަންނަ މެހެމާނުން ނަށްވެސް އަހަރުމެންގެ 2000 އަހަރުވީ ސަގާފަތާ އާދަކާދަ ފެނިގެންދާނެއެވެ.
ސަލީމު އިދުރީސް
02 August 2025
މިގައުމުގެސަގާފަތް ރައްމާރި ކަޑުފެއްތި ހަމައިން ފެށިގެން ކާބައިން ކަރުނުއަޅަމުން ވަނީ ވަޅުލާފަ!ދެންމިގައުމައް ބަޔަކު ހިއްދަމައިގަންނަ ކަމެއްއޮތީ މިގައުމުގެ ރީތިފަރުތަކުގެ ދިރުންތައް އެކަމަކު ޓުއަރިޒަމައް 50އަހަރުވީއިރު ދެމެހެއްޓެނި ގޮތަކައް އެދިރުންތައް ހިމާޔައް ނުކުރެވޭ!ސީދާ ޑައިވިން ދާއިރާގަ އުޅޭމީހުން ފަތުވެރިންނާ ވެރިންނާ އެކުގޮސް ޑައިވިން ކުރާމީހުންނަށާ ސުނޯކުލިން ރާމީހުންގެ މެދުގަ މަގުބޫލު އެއްމަސް ކަމުގަވަ ކަނޑު ކުރުވައް ދަގަނޑުޖަހާ މަރަނީ
ސަން ސަފާރީ
02 August 2025
ސަލީމު ޑައިވިނުގަ އުޅޭ މީހަކު ތިފަދަ ކަމެއް ނުކުރާނެ.
ޖީހާން ނަސީމް
02 August 2025
ތީ ވަރަށްވެސް ތެދު ވާހަކަ އެކެވެ. އަރަބި ކަރައިގެ ފޭރޭމީހުން ރަންނަމާރި ނަމުގަ ގައްދާރު ދިވެހިންނާ ގުޅިގެން ހިންގި އުދުވާނަކީ އަދި މިހާތަނަށް ދިވެހިން ނުދެކޭފަދަ ލާއިންސާނީ ގަތުލުއާންމެކެވެ. ރާއްޖޭގެ ރައްތަކަށް އަރާ ތަންތަން ސުންނާފަތިކޮށް ފޭރުނެވެ. އަންހެނުންގެ އިއްފަތް ނަގާލިއެވެ. ލާމު އަތޮޅުން 100 އަށްވުރެ ގިނަމީހުން މާލެ ގެނެސް ގަތުލުކުރިއެވެ. މިވާހަކަތައް މިއަދުގެ ދަރިންނަށް އެގެންޖެހެއެވެ.
ކަނބުރުގެ
02 August 2025
ތާރީޚާއި އާދަކާދަޔާއި ޘަޤާފަތާއެކު ތަރައްގީވާން ނުދަންނަ ދިވެހިންނަށް މި ރިޕޯޓުން ލިބޭނެ މާބޮޑު ފިލާވަޅެއް ނޯންނާނެ.
ނުޔުނާން
02 August 2025
ފުރަތަމަ ސުރުޙީ ކިޔާލީމަ ހީވީ ކޮންމެވެސް ޔުނާން ކިޔާމީހެއްގެ ވާހަކައެކޭމީ، ހިލޭ ޗައިނާއަށް ދަތުރެއްކޮށްލެވޭނެ ގޮތެއް ޔުނާންކައިރީގަ އަހާލަދީބަލަ.