ވެށިފަހި މާލެ ޕްރޮގްރާމުން ދައުލަތަށް މިލްކުވެފައިވާ 48 ބިމެއް ވިއްކާލަން އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. 

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން އެ ބިންތައް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

ވިއްކާލާ ބިންތައް 

• މާފަންނުން 21 ބިމެއް 

• މައްޗަންގޯޅިން 10 ބިމެއް 

• ގަލޮޅުން 7 ބިމެއް

• ހެންވޭރުން 9 ބިމެއް 

• ވިލިމާލެ އިން 1 ބިން 

މީގެ 16 އަހަރުކުރިން، 2011 ގައި ހިންގި "ވެށިފަހި މާލެ ޕްރޮގްރާމު" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު ވަނީ ޖޫން 28، 2021 ގައި އާންމުކޮށްފަ އެވެ. އެ އުސޫލުގެ ދަށުން 48 ބިމެއް ގަންނަން ޝައުގުވެރިވާ އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް އެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެެވެ. 

ބިން ވިއްކަނީ އަކަފޫޓަކަށް 2000ރ. ގެ ރޭޓުންނެވެ. 

މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މާފަންނުން 21 ބިމަކާއި މައްޗަންގޯޅިން 10 ބިމެއް އަދި ގަލޮޅުން 8 ބިމަކާއި ހެންވޭރުން 9 ބިމެއް އަދި ވިލިމާލެއިން ބިމެއް ވިއްކުމަށް ވަނީ އިއުލާނުކޮށްފަ އެވެ. އެ ގޯތިތަކުގެ ބޮޑުމިން އުޅެނީ 28 އަކަފުޓާއި 180 އަކަފޫޓާ ދެމެދުގަ އެވެ. 

މިނިސްޓްރީން ބުނީ ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް އަންނަ މަހުގެ އަށް ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ. 

އެ ޕްރޮގްރާމުގެ ދަށުން ބިންތައް ވިއްކުމާ ބެހޭ އުސޫލުގައިވާ ފޯމާއި ވިއްކާ ބިމުގެ ޗާޓު އަންނަ އާދިއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓާއި ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ. 

ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކެއް މީގެ ކުރިން ވެސް ވަނީ ހައުސިން މިނިސްޓްރީން ވިއްކައިފަ އެވެ. ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ފްލެޓް ދޫކުރަނީ ވަކި މިންވަރަކަށް ވުރެ ކުދި ބިންތައް ހުންނަ ފަރާތްތަކަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި ވެށިމާލެ ޕްރޮގްރާމުން ހުޅުމާލެއިން ބިމާއި ފްލެޓު ދޫކުރީ މާލެއިން ލިބިފައިވާ ބިންތައް ދައުލަތަށް ދޫކޮށްލާ ގޮތަށެވެ.