އެމްޑީޕީގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުން އެކަން ހައުސިން މިނިސްޓްރީ އަށް އަންގަން ތިން ވަނަ ފުރުސަތެއް މިއަދު ދީފި އެވެ.
ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރުމަށް ފަހު ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައި އެދިފައި ވަނީ ލިއުންތައް މި މަހުގެ 23 ގެ ކުރިން ހުށަހެޅުމަށެވެ.
ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނިގޮތުގައި ހުށަހަޅަން ޖެހެނީ ވެށިފަހި މާލެ އޮފީހުން ދީފައިވާ ލިއުމާއި އައިޑީކާޑު ކޮޕީ އާއި ދޫކޮށްލާ ގޭގެ ރަޖިސްޓްރީ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2010ގައި ފެށި ވެހިފަހި މަޝްރޫއުގައި، މާލެ އިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އޭގެ ތެރޭގައި، ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށް ފަހު ފްލެޓް ހަވާލުނުކޮށް ތިބި މީހުންނާއި މާލެ އިން ލިބިފައިވާ ކުޑަ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތައް ހިމެނެ އެވެ.
ފްލެޓާއި ގޯތި ނުލިބޭ ކަން އަންގާއިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުން ހުށަހަޅަން ޖެހެ އެވެ. އަދި މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުން ވެސް ހުށަހަޅަން ވަނީ އެދިފަ އެވެ.
ވެށިފަހި މަޝްރޫއު ހުޅުވާލީ ތިން ކެޓަގަރީ އަށެވެ. އެއީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެ އަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި، ޖޫން، 30، 2011 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފަ އެވެ.
އެމްޑީޕީގެ ވެރިކަން 2012 ގައި ނިމުމުން، އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެ ސަރުކާރުގައި އެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތުން އެމްޑީޕީން ހިތްހަމަނުޖެހުންފާޅުކުރި އެވެ.