ހުޅުމާލޭގައި ސިޓީ ހޮޓަލެއް ހިންގަން އެސްޓީއޯއިން މީގެ އަހަރުތަކެއް ކުރިން ބިނާކުރި ނުވަބުރީގެ އިމާރާތުގައި ހަދާފައިވާ މެންހަޓަން ގްރޭންޑް ހޮޓާ މިރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
ހުޅުމާލެ 1 ނިމޭ ހިސާބުން ވެމްކޯ ކައިރީގައި ހަދާފައިވާ މެންހަޓަން ގްރޭންޑަކީ މާލެ ސަރަހައްދުގައި މިހާތަނަށް ހުޅުވި ފަސް ތަރީގެ އެންމެ ބޮޑު ހޮޓެލެވެ.
އެތަނުގައި ބޭއްވި ހަފްލާއެއްގައި އެ ހޮޓެލް ހުޅުވާދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވަނީ ހަވާ ވެސް އަރުވައިފަ އެވެ.
ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓަލުގައި 162 ކޮޓަރި އާއި ކެފޭ ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ހޯލެއް ހުރެ އެވެ. އައުޑްޑޯ ސުވިމިންޕޫލަކާއި ސްޕާ އެންޑް ވެލްނަސް ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް އެތަނުގައި ވަނީ ގާއިމްކޮށްފަ އެވެ.
އެސްޓީއޯއިން ސިޓީ ހޮޓާ ހިންގަން އެޅި އިމާރާތް "މެންހަޓަން ގްރޭންޑް" ގެ ނަމުގައި ތަރައްގީކުރީ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އިމާރާތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ.
"ވޯލްޑް އޮފް ބިޒްނަސް" އިން އެ ހޮޓާ ހިންގާނީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ އެކުގައި ކަމަށާއި އެ މަޝްރޫއަށް އިންވެސްޓުކުރަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ކަމަށް އެޗްޑީސީން މިދިޔަ އަހަރު ބުންޏެވެ.
އެސްޓީއޯ އިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި އެ ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ހުއްޓި، އެތަން ވިއްކާލަން އެކި ފަހަރު މަތިން އިއުލާނު ކުރި އެވެ.
އެ ހޮޓާ ހިންގަން އޭރު ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ"ގެ ދަށުންނެވެ. ހޮޓަލުގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތުމުން، އެ ޕްރޮޖެކްޓާ މެދު ހިއްސާދާރުންގެ މެދުގައި އޮތީ ކަންބޮޑުވުން އުފެދިފަ އެވެ. ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ.
އެކި ސަބަބުތަކާ ހެދި ނުނިމި ދިގުލައިގެން ދިޔަ ހޮޓާ ނިންމައި ހުޅުވުމަކީ މި ސަރުކާރުން އެންމެ އިސްކަންދިން އެއް ކަންތައްތަކެވެ.
އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓާ،އެޗްޑީސީއާ އެކު 20 މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ) އަށް އަގުކޮށް، ހުޅުމާލެ 2 ގެ ބިމަކާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަދަލުކޮށްފަ އެވެ.