މޮރިޝަސް އާއި ރާއްޖޭގެ ސަރަހައްދީ ކަނޑުގެ އިމުން ފުށުއަރާ ބައިގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް މޮރިޝަސް އިން ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމުގައި ރާއްޖޭން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަން އެކުލެވިގެންވާ ގޮތް މިއަދު ބަދަލުކުރައްވައިފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު އުފެއްދެވި ކޮމިޝަންގައި ހިމެނިވަޑައިގަތް ހަތް ބޭފުޅުންގެ ތެރެއިން އޭރު ކޮމިޝަންގެ ރައީސްކަމަށް ހަމަޖެއްސެވި ކަށިމާ އަހްމަދު ޝާކިރު މިހާރު ކޮމިޝަނުގައި ހިމެނިވަޑައެއްނުގަންނަވަ އެވެ. ބަދަލުގައި ރައީސް ކަމަށް އައްޔަންކުރައްވާފައިވަނީ ކޮމިޝަން ފުރަތަމަ އެކުލަވާލި އިރު ވެސް ހިމެނިވަޑައިގަތް ޑރ. އަބްދުލް މުހުސިން މުހަންމަދެވެ.
އިތުރު މެންބަރެއްގެ ގޮތުގައި މިހާރު އައްޔަންކުރައްވާފައި ވަނީ ކުރީގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ފަޒްނާ އަހްމަދެވެ.
މި ބަދަލާ އެކު މިހާރު ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛
- ޑރ. އަބްދުލް މުހުސިން މުހައްމަދު (ރައީސް)
- އަބްދުލް އަޒީޒް ޔޫސުފް
- ޑރ. އާމިނަތު ޝާފިޔާ އާދަމް
- ރިޓަޔާޑް ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ސޯދިގު
- އަހުމަދު އަލީ މަނިކު
- ފާތިމަތު މިންހަތު އިއްޒަތު
- އައިޝަތު ފަޒްނާ އަހްމަދު
އިޓްލޮސްގެ މައްސަލަ ހުށަހެޅުމާ ހަމައަށާއި މައްސަލަ ކުރިޔަށް ދިޔަ ގޮތާއި މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވުމުގައި އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހާ ކަންކަމުގައި ދިވެހި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކާއި ދައުލަތުގެ ފަރާތުން ޝާމިލުވި އެންމެހާ ފަރާތްތަކާއި، އިހުތިޔާރާއި ބާރުތައް އޮތް ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގުކުރުން ރައީސް ވަނީ މި ކޮމިޝަނާ މަތިކުރައްވައިފަ އެވެ.
މީގެ އިތުރުން އެ ފަރާތްތަކުގެ އިހުމާލެއް އޮތްތޯ ބަލައި ޒިންމާކުރުވަންޖެހޭ ފަރާތްތަކާ މެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައަޅައި އަދި މައްސަލައިގެ ލިޔެކިޔުންތައް އޭރު ރައްކާކުރި ގޮތް ބަލައި ކޮމިޝަނުގެ ތަހުގީގަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމްކުރަން ކޮމިޝަނަށް ފެންނަ އިސްލާހުތައް ހުށަހެޅުމެވެ.
އެ ކޮމިޝަން ދެމި އޮންނާނީ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި އަހަރުގެ ފެބުރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި މި ކޮމިޝަން އުފައްދަވާނެކަން ރައީސް އޮތީ އިއުލާނުކުރައްވައިފަ އެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށްފަހު އެ ސްޓޭންޑް ބަދަލުކޮށް، 2021 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އިބޫ އެ ސިޓީފުޅު ފޮނުއްވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލަ އިޓްލޮސްއަށް މޮރިޝަސް އިން ހުށަހެޅުމުން އެ މައްސަލަ ބެލޭނެ ކަމަށް އިޓްލޮސް އިން ކަނޑައަޅާފައި ވަނިކޮށެވެ.
އޭގެ ކުރިން ރާއްޖޭން ވަކާލާތުކުރަމުން ދިޔައީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައި އޮއްވާ އިޓްލޮސް އަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެވެ. އެކަމަކު ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ދަ ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އިސްތިޝާރީ ލަފަޔަށް ބުރަވެ އިޓްލޮސް އިން މައްސަލަ ކުރިއަށް ގެންދަން ނިންމައި، ކަނޑުގެ އިން ވަކިކުރި އެވެ. މިގޮތަށް ކަނޑައެޅުމުން، ކުރިން ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަމަށް ބަލަމުން އައި، މޮރިޝަސްގެ އިމާ ފުށުއަރައި ބައި ދެ ގައުމުގެ މެދުގައި ބަހާލީ އެވެ.