އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގަންވާނީ ބޭރުމީހުން ދިގުމުއްދަަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފައްދާ ގޮތަށް ނޫން ކަމަށާއި ބޭރުމީހުން ދިގުމުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފައްދައިފި ނަމަ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ"ގެ ނަމުގައި ހިންގަން އުޅޭ މަޝްރޫއަށް އަމާޒުކޮށް، ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް  ބިލެއް ހުށަހަޅާފައި ވަނިކޮށް އަދާލަތުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބޭރުމީހުން ދިގުމުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފެދޭ ގޮތަށް މަޝްރޫއެއް ނުހިންގުމަށް ސަރުކާރަށް އިލްތިމާސްކޮށްފަ އެވެ. އޭގެ ބަދަލުގައި ރިއަލްއެެސްޓޭޓް މަޝްރޫއުތައް ހިންގަން ވާނީ ބޭރުމީހުން ޗުއްޓީ ހޭދަކުރާ "ހޮލިޑޭ ހޯމްސް" ތަރައްގީކުރާ ގޮތަށް ކަމަށް ވެސް އެޕާޓީން ބުންޏެވެ.

މި ބަޔާނުގައި، ރާއްޖޭގައި ހިންގަން ނިންމާފައިވާ އިންޓަނޭޝަނަލް ރިއަލްއެސްޓޭޓް އެއްވެސް މަޝްރޫއެއްގެ ވާހަކަ ވަކިން ފާހަގަކޮށްފައެއް ނުވެ އެވެ.

"... ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތައް ދިގުމުއްދަތަކަށް ދިރިއުޅޭ ވަކި ސަރަހައްދެއް އުފެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދާ ނަަމަ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އާއްމު މަސްލަހަތާއި ދިވެހި ސަގާފަތާއި ރާއްޖޭގެ ސަލާމަތީ ރައްކާތެރިކަމަށް ގޮންޖެހުންތައް ކުރިމަަތިވާނެ ކަމަށް މި ޕާޓީން ދެކެމެވެ،" ބަޔާނުގައި އަދާލަތުޕާޓީން ބުންޏެވެ.

ނަމަވެސް އަދާލަތު ޕާޓީން ބުނި ގޮތުގައި އިސްލާމީ އުސޫލާ އެއްގޮތަށް އިންޓަނޭޝަނަލް ރިއަލްއެސްޓޭޓް މަޝްރޫއުތައް ހިންގުމަކީ ރާއްޖޭގެ އިގުތިސާދަށް ރަނގަޅު ކަމެކެވެ. އެއީ އެޕާޓީން ބުނި ގޮތުގައި ރާއްޖޭގެ އިގުތިސާދު ޑައިވާސިފައިކޮށް، ރެޒީލިއެންޓް އިގުތިސާދެއް ބިނާކުރަން މަގުފަހިވާނެ ކަމެކެވެ.

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް އާ ހަވާލުކޮށްގެން ހިންގަން އުޅޭ މަޝްރޫއާ ގުޅޭ މައުލޫމާތު ސާފުކުރަން އަދާލަތު ޕާޓީން މިދިޔަ އޮޮކްޓޯބަރުމަހު ހައުސިން މިނިސްޓަަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރި އެވެ.

އެ ޕާޓީން އޭރު ބުނީ މުހިންމު މައުލޫމާތު ސާފުކޮށް، ކަންކަން އޮޅުންފިލުވަން ޕާޓީގެ ރައީސް މުހައްމަދު ޝިފާނާއި އިސް ލީޑަޝިޕުން މިނިސްޓަރު މުއްތަލިބާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އެކަމުގެ އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އޭރަކު ނުދެ އެވެ.

ރިއަލްއެސްޓޭޓް ވިޔަފާރި އާއި ޓޫރިޒަމް ހިމެނޭހެން 500 ހެކްޓަރުގެ ބިމެއްގައި ބޮޑު މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސަރުކާރުން ކޮމާޝަލް ޓާމްސް އެގްރިމެންޓެއްގައި ސޮއިކޮށްފައި ވާއިރު އެކަމާ ގުޅޭ މައުލޫމާތު އަދާލަތު ޕާޓީ އާއި އެކަމަށް އެދުނު އެހެން ބައެއް ފަރާތްތަކަށް ވެސް މިނިސްޓްރީން އޭރު ދިނެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރިއަލްއެސްޓޭޭޓް  ބިލުގައިވާ ގޮތުން، އެ ބިލުގެ މައިގަނޑު ބޭނުމަކީ ރިއަލް އެސްޓޭޓް ވިޔަފާރިތައް ރެގިއުލޭޓްކުރަން ހާއްސަ އިދާރާއެއް އުފައްދައި، އެ ދާއިރާގައި ހިންގާ މަޝްރޫއުތަކާއި މުއާމަލާތްތައް މޮނިޓާކޮށް، ފްލެޓާއި ގޯތި ގަންނަ ފަރާތްތަކުގެ ފައިސާއަށް ގާނޫނީ ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމެވެ۔

މިހާރު އަމަލުކުރަމުން އަންނަ އިމާރާތްކުރުމުގެ ގާނޫނު ހިނގަނީ ހަމައެކަނި އެއްމެދު އިމާރާތްތަކަށް ކަމަށް ވެފައި، ރިއަލް އެސްޓޭޓް މާކެޓްގައި ގަންނަ ފަރާތްތަކުގެ ފައިސާ ރައްކާތެރިކުރުމުގެ ވަކި ގާނޫނެއް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލެއް ގެނައުމަކީ ބިލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައި ވެ އެވެ.