އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނަކަށް ބިމެއް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ހިމަނައިފި އެވެ. 

ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ބުނެފައިވާ ގޮތުގައި، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައެޅޭނީ މަދުވެގެން 1 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ، ފާސްކުރެވޭ މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރާ މަޝްރޫއުތަކެވެ.

މިފަދަ ޒޯނެއްގެ ގޮތުގައި ރަށެއް، ފަޅެއް ނުވަތަ ބިމާއި ފަޅު އެކުލެވޭ ވަކި ސަރަހައްދެއް ކަނޑައެޅިދާނެ އެވެ. އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެެ. 

ބިލުގައިވާ ގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 99  އަހަރުގެ މުއްދަތަށެވެ. އަދި އެ ޒޯނުގައި ތަރައްގީކުރާ ވަކިވަކި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ރައިޓްސް ވެސް ގިނަވެގެން 99 އަހަރަށް "ސަރެންޑާ އެންޑް ރީ-ގްރަންޓް" މޮޑެލްގެ ދަށުން ވިއްކިދާނެ ކަމަށް ބިލުގައިވެ އެވެ. 

މާސްޓާ ޑިވެލޮޕަރަކަށް ޒޯން ކުއްޔަށް ދޫކުރެވޭނީ އާންމުކޮށް ބީލަމަށް ހުޅުވާލައިގެން، ނުވަތަ ސަރުކާރުގެ އިގްތިސާދީ ސިޔާސަތާ އެއްގޮތަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން، ނުވަތަ ދައުލަތުގެ ހިއްސާ ހިމެނޭ ކުންފުންޏަކަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސް ނިންމަވާ ގޮތެއްގެ މަތިންނެވެ. 

ބިމުގެ ޕްރީމިއަމްގެ ގޮތުގައި އެއްފަހަރާ ދައްކާ ފައިސާއެއް ނުވަތަ ޕްރޮޕަޓީ ވިއްކައިގެން ލިބޭ ފައިސާގެ 10 ޕަސެންޓް ކުލީގެ އާމްދަނީގެ 10 ޕަސެންޓް އަދި ވިޔަފާރީގެ ފައިދާއިން ޕަސެންޓް ނެގިދާނެ ކަމަށް ބިލުގައިވެ އެވެ. މީގެ އިތުރުން ޕްރޮޕަޓީއެއް ވިއްކާއިރު އޭގެ އަގުގެ ހަތަރު ޕަސެންޓް އޮތޯރިޓީއަށް ޓްރާންސްފާ ފީގެ ގޮތުގައި ދައްކަންޖެހެ އެވެ.

ބިލުގައިވާ ގޮތުން ވަކި އެއް ގައުމެއްގެ ރައްޔިތުންނަށް ނުވަތަ އެ ގައުމެއްގެ ރައްޔިތުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް މިލްކުކުރެވޭނީ މުޅި ޒޯނުގައި ތަރައްގީކުރާ ޖުމްލަ ޕްރޮޕަޓީތަކުގެ 25 ޕަސެންޓަށް ވުރެ އިތުރުނުވާ މިންވަރެކެވެ. 

ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖެ އެތެރެވުން މަނާ ފަރާތްތަކަށާއި، ބައިނަލްއަގްވާމީ ކޯޓުތަކުގައި މައްސަލަ ހިނގާ މީހުންނާއި އެފަދަ ކޯޓުތަކުން ހައްޔަރުކުރުމުގެ އަމުރު އައިސްފައިވާ މީހުންނަށް މި ޒޯނުން ޕްރޮޕަޓީ ވިއްކުމާއި، ކުއްޔަށް ދިނުން އަދި ބަދަލުކުރުން މަނާވާނެ ކަމަށް ބިލުގައިވެ އެވެ.

އަދި އޮޅުވާލައިގެން ނުވަތަ ދޮގު މައުލޫމާތު ދީގެން ޕްރޮޕަޓީ ގަނެފި ނަމަ، އެ މުއާމަލާތެއް ބާތިލުކޮށް، ދައްކާފައިވާ ފައިސާގެ 50 ޕަސެންޓާ ހަމައަށް ޖޫރިމަނާކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބޭ ކަމަށް ވެސް ބިލުގައިވެ އެވެ. 

ބިލުގައި ބުނެފައިވާ ގޮތުން މަގުތަކާއި، ކަރަންޓާއި، ފެނާއި ނަރުދަމާ، ކުނި މެނޭޖްކުރުން އަދި ދަތުރުފަތުރުގެ ނިޒާމު ފަދަ އެންމެހާ އަސާސީ ހިދުމަތްތައް ގާއިމުކޮށް ދެމެހެއްޓުމަކީ މާސްޓަ ޑިވެލޮޕަރުގެ ޒިންމާއެކެވެ. މި ހިދުމަތްތަކުގެ އަގު ނެގުމަށް ހާއްސަ ބޭންކު އެކައުންޓެއް މެދުވެރިކޮށް "ޔޫސޭޖް ޗާޖު" ނެގުމުގެ ހައްގު ޑިވެލޮޕަރަށް އޮވެ އެވެ.

ޒޯނުގައި ހިންގާ ހުރިހާ މަޝްރޫއުތަކާއި ވިޔަފާރިތަކުގައި ވަކި ނިސްބަތަކަށް ދިވެހި މުވައްޒަފުން ވަޒީފާގައި ބައިތިއްބަން ލާޒިމުކޮށްފައިވެ އެވެ. އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކޮށްފައިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ހަރަކާތެއް އެ ޒޯނުތަކުގައި ހިންގުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.