ފައިސާ ނުދައްކާ ބޭނުންކުރަމުންދާ ފައްތިޔާތަކަކުން އުޅަނދުތައް ނުނަގައިފި ނަމަ އުޅަނދުތައް ނަގައި ނައްތާލުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް ދީ އަދި އެ ފައްތިޔާތަކުގެ ފީއަށް 75،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.  

މާލޭ ސިޓީ ކައުންސިލުން މި މައްސަލާގައި ދައުވާކޮށްފައިވަނީ ސީޝަޓެލް މޯލްޑިވްސް ކިޔާ ކުންފުންޏަކާ ދެކޮޅަށެވެ. ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ފައްތިޔާތަކަށް ފައިސާ ދައްކާފައިނުވާ ކަމަށާއި، އެ ފައްތިޔާތައް ބާތިލުކޮށް، އުޅަނދުތައް ނެގުމަށް އެންގުމުން ވެސް އެ ތަކެތި ނަގާފައި ވެސް ނުވާ ކަމަށް ދައުވާގައިވެ އެވެ. އަދި  ފައްތިޔާތަކުގައި އަޅާފައިވާ ހަތަރު އުޅަނދެއްގެ ތެރެއިން ތިން އުޅަނދެއް އަޑިއަށް ގޮސްފައިވާއިރު އެ އުޅަނދުތައް ނެގުމަށް އާންމުކޮށް އިއުލާންކޮށް، ލިޔުމުން ކުންފުންޏަށް އެންގުމުން ވެސް އުޅަނދުތައް ނަގާފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެހެންވެ، ފައްތިޔާ އެއްބަސްވުންތައް ބާތިލުކުރަން ކައުންސިލުން ނިންމި ނިންމުން ސައްހަކަމަށް ކަނޑައަޅައި، އެ އުޅަނދުތައް ނަގައި ތަންސާފުކުރުމަށާއި، ނުދައްކާ ހުރި ފައިސާ އާއި ޖޫރިމަނާ ދެއްކުމަށް އަމުރުކޮށް ދިނުމަށް ސިވިލް ކޯޓުގައި ކައުންސިލުން އެދިފައިވެ އެވެ. 

ކައުންސިލުން ވަނީ ކަނޑައަޅާ މުއްދަތުގައި އުޅަނދުތައް ނަގައި ތަން ސާފުކޮށްފައިނުވާ ނަމަ، އެތަކެތި އެތަނުން ނަގައި ކުނީގެ ގޮތުގައި ނައްތާލުމުގެ ބާރު ކައުންސިލަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމާ އެކު އެކަމަށް ސިޓީ ކައުންސިލުން ކުރަންޖެހޭ ހަރަދަށް، ދައުވާ ލިބޭ ފަރާތުން ޒިންމާވާންޖެހޭ ކަމަށް ކަނޑައަޅައި ކައުންސިލަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓުގައި އެދިފަ އެވެ. 

ކޯޓުން ހުކުމްކުރީ އެއްބަސްވުމުގެ ދަށުން ކައުންސިލަށް ދައްކަން ޖެހި ނުދައްކާވާ ފީ އާއި ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ 75،446ރ. އިއްޔެ އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ކައުންސިލަށް ދެއްކުމަށެވެ. އަދި ކައުންސިލާއި އެ ކުންފުންޏާ ދެމެދުވެފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ ކުންފުންޏަށް ދޫކޮށްފައިވާ ފައްތިޔާތަކުގައިވާ އުޅަނދުތައް އިއްޔެއިން ފެށިގެން 10 ދުވަހުގެ ތެރޭގައި ނެގުމަށް އަމުރުކޮށްފައިވެ އެވެ. 

ކުންފުނީގެ ޣައިރު ހާޒިރުގައި ކޮށްފައިވާ އެ ހުކުމުގައި ބުނީ އެ މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް އެތަނުން ނުނަގައިފި ނަމަ، މާލޭ ސިޓީ ކައުންސިލުގެ ފަރާތުން އެ އުޅަނދުތައް އެތަނުން ނަގައި ކުނީގެ ގޮތުގައި ނައްތާލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.