މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމައި އެކަން ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާތީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ މާލެ ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިނގަން ސަރުކާރަށް ބިންތައް ނަގާ ކަމަށް އަންގާފައިވީ ނަމަވެސް، އޭގެ ތަފުސީލެއް ކައުންސިލަށް ނުލިބޭ ކަމަށެވެ.
ތަފުސީލު ހޯދަން ކައުންސިލުން ފޮނުވި ސިޓީތަކަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ. އެހެންވެ، ގާނޫނުގައި ބުނާ އިޖުރާއަތް ފުރިހަމަ ނުވާ ކަމަށް ގަބޫލުކުރާތީ، އެ ބިންތައް ނެގުން ހުއްޓުވަން މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުގެ ބެލުމުގެ ދަށުން ދައުލަތަށް ނަގާ ތަންތަން:
- ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
- މަސް މާރުކޭޓު
- މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
- ލޯކަލް މާރުކޭޓު
- މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
- ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
- ކާނިވާ ސަރަހައްދު
- އާޓިފިޝަލް ބީޗު
- މަސްވެރިންގެ މައިޒާން
- ތައިސޭ ކޮށި ހިމެނޭ ސަރަހައްދުގެ ހުސްބިމެއް
- ކުލީ ފާޚާނާ ނަންބަރު 2
- ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
- ބޮނޑިބަތް ޕާކު
- ރަސްފަންނު
ހައުސިން މިނިސްޓްރީން އެ ބިންތައް ނަގަން ނިންމުމަށްފަހު ބުނީ އެއީ މާލެ އާއި ވިލިމާލޭގެ އާބާދީ އަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.
އެކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީ އަށް ހުށަހަޅަން ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް ކެބިނެޓުން ކަނޑައަޅައިފި ހިނދެއްގައި ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ މަހު އެވެ.
ބިލުގައިވާ ގޮތުން، ކައުންސިލެއްގެ ބިމެއް ސަރުކާރަށް ނަގަން ކެބިނެޓުން ނިންމިޔަސް، އެކަމުގައި ކައުންސިލާ މަޝްވަރާކުރަން ޖެހެ އެވެ. ގާނޫނަށް ގެނައި އެ ބަދަލުގައިވާ ގޮތުން ކައުންސިލެއްގެ ބިމެއް ނަގަން ކެބިނެޓުން ނިންމާއިރު ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހެ އެވެ.
ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައި އެކަށީގެންވާ ބަދަލު ލިބެން ޖެހޭ ގޮތް ގާނޫނަށް ގެނައި އާ އިސްލާހުން ފަހިކޮށްފައިވެ އެވެ.