މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނަގަން ނިންމައި އެކަން ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވާތީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ކައުންސިލުން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.
ސަރުކާރުގެ ނިންމުމާ ގުޅިގެން، ސިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ގާލިބު ވަނީ ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިއުމަށާއި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓާ ހަމައަށް މައްސަލަ ގެންދިއުމަށް ހުށަހަޅުއްވައިފަ އެވެ. އަދި ކައުންސިލުން އެގޮތަށް ގަރާރެއް ހުށަހަޅައި މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ އިއްތިފާގުން ގަރާރު ފާސްކުރި އެވެ.
މާލޭ ސިޓީ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައި އެޖެންޑާ އިއްވަވަމުން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އެ ކައުންސިލުން ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމަށާއި ދުވަހުން ދުވަހަށްދޭ އެތައް ހިދުމަތެއް ދިނުމަށާއި އަދި އާމްދަނީ ހޯދުމަށް ބޭނުންކުރަމުންދާ ކައުންސިލުގެ 14 ބިމެއް ކުއްލި ގޮތަކަށް މާލޭ ސިޓީ ކައުންސިލުގެ އިހްތިސާސުން ވަކިކޮށް ދައުލަތުގެ ފުރިހަމަ ބާރު ހިންގައި ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
މިރޭގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ބިންތަކަކީ ކައުންސިލު ހިންގުމަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށާއި ކައުންސިލުގެ ބަޖެޓު ތައްޔާރުކުރަނީ އެ ބިންތަކުން ވެސް ލިބޭ އާމްދަނީ ލައިގެން ކަަމަށެވެ.
"އެ ބަޖެޓަށް ލާފައިވާ ފައިސާ އަޅުގަނޑުމެންނަށް ލިބޭނެ ގޮތެއް ވެސް ސަރުކާރުން އަންގަން ޖެހޭނެ. ކިހިނެއްތޯ ލިބެމުންދާ އާމްދަނީ ދެން ލިބޭނީ މި ބިންތައް އެ ބޭފުޅުން ނަގައިފިއްޔާ. އެއީ އެ ބޭފުޅުން ކުރަންޖެހޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި، މިސްކިތްތައް ބެލެހެއްޓުމާއި ކައުންސިލުގެ އިދާރީ ހިންގުމަށް ބޭނުންވާ ފައިސާ ވެސް ހަމަޖައްސަމުން އައީ ބިންތަކުން ލިބޭ އާމްދަނީންނެވެ. އަދި ބިންތައް ދައުލަތަށް ނަގާފައި ވަނީ އެ ތަންތަން ތަރައްގީކޮށް މާލޭގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ޕްރޮޖެކްޓްތައް ވެސް ބިންތަކުގައި ހިންގުމަށް ރާވާފައިވާ ދަނޑިވަޅެއްގައި ކަމަށް އޭނާ ވިދާޅުވެ އެވެ.
އޭގެ ތެރޭގައި ޕާކިން ބިލްޑިން އާއި ޕާކުތަކާއި ހުސް ޖާގަތައް ހެދުން ފަދަ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ކުރެވޭނެ ކަންކަން ވެސް ހިމަނައިގެން ވަރުގަދަ މާސްޓާޕްލޭނެއް ހަދަމުންދާކަން ވެސް އާޒިމް ފާހަގަކުރެއްވި އެވެ.
"ރައްޔިތުންނަށް ފަސޭހަވާނެ އެއްވެސް ކަމެއް މި ސަރުކާރަށް ނުކުރެވޭތީ ކުރާ މީހުންގެ މަސައްކަތް ވެސް ކުރިއަ ނުދިނުމަށް. ރައްޔިތުންނަށް ޖެއްސުން ކުރަން އައިސްފައި އޮތް ސަރުކާރެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ސަރުކާރުން ގެނެސްފައިވާ ބަދަލުގެ ސަބަބުން ރައްޔިތުންނަށް ބައެއް ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ސިނަމާލެ އަދި މާލޭހިޔާ ފްލެޓުތަކާއި ވިލިމާލޭގެ ފްލެޓުތަކުގެ މަރާމާތުގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނައިރު އެ މަސައްކަަތަށް ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.