މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައިވާ 14 ބިމެއް ދައުލަތަށް ނެގުމަށް ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ 14 ބިމެއް ދައުލަތަށް ނަގަން ނިންމައި އެކަން ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އަންގާފައި ވާތީ، އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެކަން ހުއްޓުވައިދޭން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ މިދިޔަ މަހު 28 ވަނަ ދުވަހު އެވެ. 

ސިވިލް ކޯޓުގެ ނިންމުމުގައި ބުނީ އެ އަމުރު ނެރެދެވެން ނެތީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް އެ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލާގައި ފުރިހަމަވެފައި ނުވާތީ ކަމަށެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، ތަރައްގީގެ މަޝްރޫއުތައް ހިނގަން ސަރުކާރަށް ބިންތައް ނަގާ ކަމަށް އަންގާފައިވީ ނަމަވެސް އޭގެ ތަފުސީލެއް ކައުންސިލަށް ނުލިބެ އެވެ. އަދި ތަފުސީލު ހޯދަން ކައުންސިލުން ފޮނުވި ސިޓީތަކަށް ޖަވާބެއް ލިބިފައި ނުވެ އެވެ. އެހެންވެ، ކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނުގައި ބުނާ އިޖުރާއަތް ފުރިހަމަނުވާ ކަމަށް ސިޓީ ކައުންސިލަށް ގަބޫލުކުރެވޭތީ ކަމަށް ބުނެ އެވެ. 

ދައުލަތަށް ނަގަން ނިންމި ސިޓީ ކައުންސިލްގެ ބިންތައް

  1. ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
  2. މަސް މާރުކޭޓު
  3. މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
  4. ލޯކަލް މާރުކޭޓު
  5. މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
  6. ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
  7. ކާނިވާ ސަރަހައްދު
  8. އާޓިފިޝަލް ބީޗު
  9. މަސްވެރިންގެ މައިޒާން
  10. ތައިސޭ ކޮށި ހިމެނޭ ސަރަހައްދުގެ ހުސްބިމެއް
  11. ކުލީ ފާޚާނާ ނަންބަރު 2
  12. ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
  13. ބޮނޑިބަތް ޕާކު
  14. ރަސްފަންނު

ހައުސިން މިނިސްޓްރީން އެ ބިންތައް ނަގަން ނިންމުމަށްފަހު ބުނެފައިވަނީ އެއީ މާލެ އާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްތައް ކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަށް ކެބިނެޓުން ކަނޑައަޅައިފިނަމަ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ކައުންސިލެއްގެ ބިމެއް ސަރުކާރަށް ނަގަން ކެބިނެޓުން ނިންމިޔަސް، އެކަމުގައި ކައުންސިލާ މަޝްވަރާކުރަން ޖެހެ އެވެ. އަދި ކައުންސިލެއްގެ ބިމެއް ނަގަން ކެބިނެޓުން ނިންމާއިރު އިތުރު ގިނަ ކަންތައްތަކެއް ވެސް ފުރިހަމަކުރަން ޖެހެ އެވެ.

އިހުތިސާސުން ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ ފިނޭންސް މިނިސްޓްރީއަށް މެދުވެރިކޮށް އެކަށީގެންވާ ބަދަލު ދޭންޖެހޭ ގޮތަށް ވެސް ގާނޫނަށް ގެނައި އެ އިސްލާހުގައި ހިމަނާފައިވެ އެވެ.