އޯޓީޕީ ހޯދައިގެން އީސިމަށް ބަދަލުކޮށް ބޭންކް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކާއި، ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހެއްހާ ދުވަސްތެރޭ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން އޮޅުވާލައިގެން ކުރާ ފޯނު ކޯލްތަކާއި ފޮނުވާ ޓެކްސްޓް މެސެޖުތަކުގެ ޒަރީއާއިން ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އަދި ވެރިފިކޭޝަން ލިންކުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

މިހާރު އެންމެ އާންމުކޮށް ބޭނުންކުރަމުންދާ އެއް އުކުޅަކީ ޝިކާރައަކަށްވާ މީހާއަށް ގުޅައި، ގުޅި މީހާ މިހާރު ބޭނުންކުރާ މޮބައިލް ނަމްބަރަކީ މީގެ ކުރިން އެ މީހާ ބޭނުންކުރި ނަމްބަރެއް ކަމަށް ބުނެ އޮޅުވާލައިގެން ކޯޑު ހޯދައި، ބޭންކް އަދި ޑިޖިޓަލް ވޮލެޓްތަކުގެ އޯޓީޕީ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި، ކުރީގެ އީމެއިލް ނުވަތަ މީސް މީޑިއާ އެކައުންޓްތައް އަލުން ހޯދަން (ރިކަވާ ކުރަން) ބޭނުންވާ ކަމަށް ބުނެ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑު ހޯދުމަށް މަކަރާއި ހީލަތުން މަސައްކަތްކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޯޓީޕީ ހިއްސާކުރުމުގެ ނުރައްކާތެރިކަން

ފުލުހުން ބުނީ އޯޓީޕީ ނުވަތަ ވެރިފިކޭޝަން ލިންކުތައް ހިއްސާކުރުމަކީ ހަމައެކަނި ސޯޝަލް މީޑިއާ ނުވަތަ އީމެއިލް އެކައުންޓެއް ގެއްލުމަށްވުރެ މާ ނުރައްކާތެރި ކަމެއް ކަމަށެވެ. އެގޮތުން ކުށްކުރާ ފަރާތްތަކުން:

  1. ލިބޭ މައުލޫމާތު ބޭނުންކޮށްގެން، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަމްބަރު ކުށްވެރިންގެ އަމިއްލަ ފޯނަށް އީސިމް މެދުވެރިކޮށް ބަދަލުކޮށްލާ. އޭގެ ސަބަބުން ފޯނު ލައިނުގެ ފުރިހަމަ ކޮންޓްރޯލް އެމީހުންނަށް ލިބި، ކުރިއަށް އަންނަ ހުރިހާ ކޯލްތަކާއި ބޭންކިން އެސްއެމްއެސްތައް އެމީހުންގެ ފޯނަށް ލިބޭ.
  2. ކޮމްޕްރޮމައިޒްވެފައިވާ ނަމްބަރާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން އެ މީހެއްގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، އެކި މުއާމަލާތްތައް ހިންގާ.
  3. ވަގަށް ނަގާ މައުލޫމާތު ބޭނުންކޮށްގެން ބޭންކް އެކައުންޓުތަކަށް ވަދެ، އެކައުންޓުން ފައިސާ ޓްރާންސްފާކޮށް، އާންމުންނަށް މާލީ ގެއްލުންތައް ލިބެމުންދޭ.

ފުލުހުން ވަނީ ރައްކާތެރިކަމަށް އެއްވެސް ހާލެއްގައި އޯޓީޕީ ނުވަތަ ލިންކު ހިއްސާނުކުރަން އެދިފަ އެވެ. އަދި ގުޅާ ފަރާތްތަކުގެ ވާހަކަތައް ކަށަވަރުކުރުމާއި މޮބައިލް ކަނެކްޓިވިޓީއަށް ސަމާލުވުމުގެ އިތުރުން ޝައްކުކުރެވޭ ކަމެއް އުޅޭނަމަ ރިޕޯޓުކުރުމުގެ އިތުރުން ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓުކޮށް އެކައުންޓްތައް ފްރީޒްކުރުމަށްޓަކައި ބޭންކަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.