ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ނިންމާފައިވާ މަޝްރޫއުއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ  ސިޔާސަތަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ފާޑު ވިދާޅުވެއްޖެ އެވެ. 

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެން ޔާމީން ވަނީ މަޝްރޫއުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ މަޝްރޫއު ދެން އަންނަ ސަރުކާރަކުން ހުއްޓުވާނެ ކަމާއި ބަދަލެއް ވެސް ނުދޭނެ ކަމަށް ވިދާޅުވި އެވެ. 

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ފާހަގަކުރެއްވީ ޔާމީންގެ ވެރިކަމުގައި ސައުދި އަރަބިއްޔާގެ ޝާހީ އާއިލާއަށް ފ. އަތޮޅުން ބައެއް ދީގެން ހިނގަން އުޅުނު މަޝްރޫއު އެވެ. 

އަޒާން ވިދާޅުވީ ފ. އަތޮޅު ވިއްކާލަން ޔާމީން ބޭނުންވި ދުވަހު، ގާނޫނުއަސާސީއަށް ވެސް ބަދަލު ގެނައި ކަމަށާއި އަދި އެކަން ކުރަން އުޅުނީ ވަކި އަދަދަކަށް އިންވެސްޓްކޮށް، ބިމުގެ 70 ޕަސެންޓްގެ ދާއިމީ މިލްކުވެރިކަން (ފްރީހޯލްޑް) ލިބޭ ގޮތަށް ކަމަށެވެ. އަދި އޭގެ ފަހުން ބޭނުން ކޮންމެ ބަޔަކަށް، އެއީ އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އަށް ވިޔަސް ވިއްކާލެވޭ ގޮތަށް، އެއްވެސް ސޭފްގާޑެއް ނެތި ކަމަށް އަޒާން ލިޔުއްވާފައިވެ އެވެ. 

"...އެ ހުރިހާ ކަމެއް އޭރު އޮތީ ވަރަށް ރަނގަޅަށް. އޭރު އެއީ 'މެގަ އިންވެސްޓްމަންޓެއް'. މިހާރު ޔާމީން އެ ދެކޮޅު ހަދަނީ، ބިމުގެ ދާއިމީ މިލްކުވެރިކަން ދިނުން ނުވެސް ހިމެނޭ ރަސްމާލެ މަޝްރޫއަށް،" އަޒާން ވިދާޅުވެފައިވެ އެވެ. 

ރޭގެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ރޭގެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަޒާން ވަނީ ރަސްމާލެ މަޝްރޫއު ހިނގަނީ އިމިގްރޭޝަން ބިލާއި ރިއަލް އެސްޓޭޓް ބިލުގައި ވެސް ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހިމަނައިގެންކަން ފާހަގަކުރައްވައިފަ އެވެ. 

"ޔާމީން ވެރިކަމުގައި ހުންނެވި އިރު އިންވެސްޓަރުންނަށް ބިމުގެ ދާއިމީ މިލްކުވެރިކަން ދިނުމަކީ ދުރުވިސްނޭ ހަރުދަނާ ސިޔާސަތެއް. ނަމަވެސް މިހާރު އެފަދަ މިލްކުވެރިކަމެއް ނުދީ ކުރާ އިންވެސްޓްމަންޓެއް ވެސް މި ވަނީ މައްސަލައަކަށް. ވަރަށް ވެސް ދެފުށްކެހެެރި ސިޔާސަތެއް،" އަޒާން ވިދާޅުވި އެވެ. 

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން މާސްޓާ ޑިވެލޮޕަރަށް ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 99 އަހަރުގެ މުއްދަތަށެވެ. އަދި އެ ޒޯނުގައި ތަރައްގީކުރާ ވަކިވަކި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ރައިޓްސް ވެސް ގިނަވެގެން 99 އަހަރަށް "ސަރެންޑާ އެންޑް ރީ-ގްރަންޓް" މޮޑެލްގެ ދަށުން ވިއްކިދާނެ ކަމަށް ބިލުގައިވެ އެވެ. 

ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖެ އެތެރެވުން މަނާ ފަރާތްތަކަށާއި، ބައިނަލްއަގްވާމީ ކޯޓުތަކުގައި މައްސަލަ ހިނގާ މީހުންނާއި އެފަދަ ކޯޓުތަކުން ހައްޔަރުކުރުމުގެ އަމުރު އައިސްފައިވާ މީހުންނަށް މި ޒޯނުން ޕްރޮޕަޓީ ވިއްކުމާއި، ކުއްޔަށް ދިނުން އަދި ބަދަލުކުރުން މަނާވާނެ ކަމަށް ބިލުގައިވެ އެވެ.

އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކޮށްފައިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ހަރަކާތެއް އެ ޒޯނުތަކުގައި ހިންގުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ވެސް ބިލުގައި ބަޔާންކުރެ އެވެ. 

ޔާމީންގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއުއާ ދެކޮޅަށް އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން މުޒާހަރާކޮށް ހިންގި ކެމްޕޭނުތަކާ ގުޅިގެން ސައޫދީން ވަނީ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމައި އެކަން ހުއްޓާލައިފަ އެވެ.