ސިޔާސީ ފައިދާ ހޯދަން ދީނީ ހިލާފުތައް އުފައްދައި ބައިބައިކުރުވައި، އާންމުންނަށް އޮޅުވާލައިގެން ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ރައްދު ދެއްވައިފި އެވެ.
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއަކީ ރާއްޖޭގައި "ޔަހޫދީ އާބާދީއެއް ގާއިމްކުރަން" ކުރާ ކަމެެއް ކަމަށް ތުހުމަތު ކުރައްވައި އެެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޔާމީން ވަނީ އެ މަޝްރޫއު ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ.
އެކަމަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ 'ޔަހޫދީ އާބާދީއެއް' ގާއިމުކުރުން ކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތް އޮޅުވާލުމަށް ދައްކާ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ދީނީ ޝުއޫރުތަކުގެ ނާޖައިޒު ފައިދާ ނަގަން ކުރާ ލަދުވެތި މަސައްކަތެއް ކަމަށެވެ.
ފަލަސްތީނަށް ދިވެހި ރައްޔިތުން ކުރާ ދެގޮތެއް ނުވާ ތާއީދަކީ ބިރުވެރިކަމާއި ނަފްރަތާއި އަދި ސައްހަ ނޫން މައުލޫމާތު ފެތުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއް ނޫން ކަމަށް އިހުސާން ވިދާޅުވި އެވެ.
"...ތިޔަ މަނިކުފާނުގެ ރިޔާސަތުގައި މި އިންވެސްޓްމަންޓް ހަގީގަތަކަށް ނުވުމަކީ، މިއަދު މި މަޝްރޫއު ގޯސްކުރުމުގެ ހައްގު ތިޔަ މަނިކުފާނަށް ލިބޭ ކަމެއް ނޫން،" ޔާމީންގެ އެކްސް ޕޯސްޓް ރީޕޯސްޓް ކުރައްވާ މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
ގައުމީ ތަރައްގީއަކީ އިހުސާން ވިދާޅުވި ގޮތުގައި އަމިއްލަ ސިޔާސީ ހަސަދަވެރިކަމެއްގެ ތެރެއިން ގެއްލިގެންދާ އެއްޗަކަށް ހަދައިގެން ނުވާނެ އެވެ.
ސިޔާސަތުތަކަށް ފާޑުވިދާޅުވާން ބޭނުންފުޅުވާ ވަރަކަށް ފާޑުވިދާޅުވާންވީ ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން ކޮޅަށް ހުރުމަށްޓަކައި ދީނީ ބައިބައިވުންތައް އުފައްދައި، އާންމުންނަށް އޮޅުވާލުން ހުއްޓާލަންޖެހޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ދިވެހިރާއްޖެއަށް ހައްގުވަނީ ޒިންމާދާރު ލީޑަރޝިޕެކެވެ. ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބިރުވެރިކަން ފެތުރުމެއް ނޫން،" އިހުސާން ވިދާޅުވި އެވެ.
ޔާމީން ކުރެއްވި ޕޯސްޓަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާ ވަރަށް ވުރެ މާ ބޮޑަށް ތަސައްރަފު ފުދިފައި ތިބި އަދި މާ ހަރުދަނާ ބައެއް ކަމަށެވެ. ދިވެހިންނަކީ ގައުމާ މެދު ވިސްނައި، ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ބައެއް ކަމަށް ވެސް ޔާމީނަށް ދެއްވި ރައްދުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
"މާތްالله ގެ ތަނަވަސް ރަހުމަތްފުޅުން ރަސްމާލޭގެ މަޝްރޫއު ނުހުއްޓުވޭނެ. އިރާދަކުރެއްވިއްޔާ ރައީސް ޑޮކްޓަ މުއިއްޒުގެ ވެރިކަމުގައި ލަހެއް ނުވެ މި ބިޔަ މަޝްރޫއު ފެށިގެންދާނެ. އަދި މި މަޝްރޫއު ކުރިއަށް ދާނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން. މުސްތަގްބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބިގެންދާނެ،" އަބްެދުއްރަހީމް ވިދާޅުވި އެވެ.
ރަސްމާލޭ މެރީނާ މަޝްރޫއާ އެންމެ ބޮޑަށް ދެކޮޅު ހައްދަވައި އެ މަޝްރޫއާ ގުޅުވައި އެންމެ ގިނަ ތުހުމަތުތަކެއް ކުރައްވާ ލީޑަރަކީ ޔާމީނެވެ. އެ މަޝްރޫއާ ދެކޮޅަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަަކަފުޅުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ އެއްބަސްވުމުގެ މައުލޫމާތު އާއްމު ނުކުރެެއްވުމެވެ.