މި ސަރުކާރުން ރާއްޖޭގައި ހިންގަން ތައްޔާރުވަމުން އަންނަ ބިޔަ މަޝްރޫއުއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ޕީއެންސީގެ ޗެއާާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދު ދެއްވައިފި އެވެ.
ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއަކީ ރާއްޖޭގައި "ޔަހޫދީ އާބާދީއެއް ގާއިމްކުރަން" ކުރާ ކަމެެއް ކަމަށް ތުހުމަތު ކުރައްވައި އެެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޔާމީން ޔޫއޭއީގެ އީގަލް ހިލްސްއަށް ގޮވާލެއްވީ އެ މަޝްރޫއު ދޫކޮށްލުމަށެވެ.
އެ މަނިކުފާނުގެ ތުހުމަތަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްެރަހީމް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާ ވަރަށް ވުރެ މާ ބޮޑަށް ތަސައްރަފު ފުދިފައި ތިބި އަދި މާ ހަރުދަނާ ބައެއް ކަމަށެވެ. ދިވެހިންނަކީ ގައުމާ މެދު ވިސްނައި، ފިކުރުކޮށް ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ބައެއް ކަމަށް ވެސް ޔާމީނަށް ދެއްވި ރައްދުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
"މާތްالله ގެ ތަނަވަސް ރަހުމަތްފުޅުން ރަސްމާލޭގެ މަޝްރޫއު ނުހުއްޓުވޭނެ. އިރާދަކުރެއްވިއްޔާ ރައީސް ޑޮކްޓަ މުއިއްޒުގެ ވެރިކަމުގައި ލަހެއް ނުވެ މި ބިޔަ މަޝްރޫއު ފެށިގެންދާނެ. އަދި މި މަޝްރޫއު ކުރިއަށް ދާނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން. މުސްތަގްބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބިގެންދާނެ،" އަބްެދުއްރަހީމް ވިދާޅުވި އެވެ.
ޔާމީނަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓްގައި އެ މަނިކުފާނަށް އަބްދުއްެރަހީމް ގިނަ ސުވާލުތަކެއް ވެސް ކުރެއްވި އެވެ. ފުރަތަމަ ސުވާލަކީ ރަސްމާލެ މަޝްރޫއު ހުއްޓުވަން ޔާމީން ކުރައްވާ މަސައްކަތްޕުޅާއި ފ. އަތޮޅު މަޝްރޫއު ހުއްޓުވަން އެމްޑީޕީން ކުރި މަސައްކަތާ ހުރި ތަފާތަކީ ކޮބައިތޯ އެވެ. އޭރުގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި މިހާރު ދައްކަވާ ވާހަކަފުޅުތަކާ ދިމާވަނީ ކިހާވަރަކަށްތޯ ވެސް އެ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.
"އޭރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމާ ރައްޔިތުންނަށް ޣައްދާރުވީ ކަމަށް. މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރު ވެވެނީ ގައުމާއި ރައްޔިތުންނަށް ނޫންތޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ؟" ޔާމީނަށް އަމާޒު ކުރައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ރަސްމާލޭ މެރީނާ މަޝްރޫއާ އެންމެ ބޮޑަށް ދެކޮޅު ހައްދަވައި އެ މަޝްރޫއާ ގުޅުވައި އެންމެ ގިނަ ތުހުމަތުތަކެއް ކުރައްވާ ލީޑަރަކީ ޔާމީނެވެ. އެ މަޝްރޫއާ ދެކޮޅަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަަކަފުޅުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ އެއްބަސްވުމުގެ މައުލޫމާތު އާއްމު ނުކުރެެއްވުމެވެ.