ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރިވެތި އާދަތައް އަލުން ދިރުވައި އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ މަޝްރޫއު ކަމަށްވާ "އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" މިރޭ ރަސްމީކޮށް ފަށައިފި އެވެ. 

ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްދާ މަޝްރޫއު މިރޭ ފައްޓައިވެއްދެވީ ވެސް ރައީސް އެވެ. އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ޖަމިއްޔާތަކާއި އާންމުންގެ ގިނަ ބަޔަކު ބައިވެރިވި އެވެ. 

މި ރަސްމިއްޔާތުގައި ރައީސް ވަނީ އިހްތިރާމް އަދާކޮށް، އިސްލާމީ، ތަހުޒީބީ މުޖުތަމައުއަކަށް ވާސިލުވުމުގެ އަޒުމު ކަނޑައަޅަން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

އިހްތިރާމް އަދާކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
އިހްތިރާމް އަދާކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އިހްތިރާމު ކުރުމަކީ އިންސާނާ ކުރާ، ލޮލަށް ނުފެންނަ މުޑުވައްކުރުމެކެވެ. އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާ އިންތިހާޔަށް ބޭނުންތެރި ކަމަށާއި އޭގެ ގޮފިތައް އެތައް ކަންކޮޅުތަކަކަށް ފެތުރިގެންދާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އޭގެ މޭވާއަކީ ހިތްތަކަށް ދޭ ފުން ތަސައްލީއެއް ކަމަށާއި ރޫހަށް ލިބޭ ފޮނި ޣިޒާއެއް ކަމަށެވެ.

ޒަމާނީ ނަފުސާނީ އިލްމުގެ ހޯދުންތަކުން އެނގޭ ގޮތުގައި މުޖުތަމައެއްގައި އެކެއް އަނެކެއްގެ ހައިސިއްޔަތަށް އިހްތިރާމު ކުރުމަކީ ކުލުނާއި ގާތްކަން އިތުރުވާކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެ މުޖުތަމައަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭކަމެއް ކަމަށެވެ.


އަޒުމު ކަނޑައަޅަންވީ ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީނުގެ މަތިވެރި ހަމަތަކާ ރީތި މިސާލުތަކާ އެއްގޮތަށް އުޅުންތަކާ ގުޅުންތައް އިސްލާހުކުރުމަށެވެ. އަދި ތަރައްގީވެފައިވާ ތަހުޒީބު މުޖުތަމައަކަށް މި މުޖުތަމައު ހެދުމަށެވެ.

އިހްތިރާމް އަދާކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
އިހްތިރާމް އަދާކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ފަސް އަހަރު ދުވަހަށް ހިންގާ މި މަޝްރޫއު ރައީސް އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުންނެވެ. ހެރިޓޭޖް މިނިސްޓްރީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

މީގެ މަގުސަދަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް އަދަބު އިހްތިރާމް ކުރުމާއި، މާތް އަހްލާގީ ސިފަތައް އަލުން ދިރުވައި، މުޖުތަމައުގެ ގުޅުންތައް ބަދަހިކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.