މި ޖީލުގެ ބައެއް ދަރިވަރުން ދިވެހި ބަހުން ވާހަކަ ދައްކަން އުނދަގޫވެ، ފަސްޖެހޭ ތަން ފެންނަ ކަމަށާއި މިއީ ވިސްނަން ޖެހިފައި އޮތް ކަމެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ރޭ ވިދާޅުވެއްޖެ އެވެ.
ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވާހަކަދެއްކުންތެރިކަމުގެ ހުނަރަކީ މިހާރު ބޮޑުވަމުން އަންނަ ދަރިވަރުންގެ އާލާކުރަން ޖެހޭ މުހިންމު ސިފައެއް ކަމަށެވެ.
އެގޮތުން މީހުންނާ މުއާމަލާތް ކުރުމާއި ވަޒީފާގެ މާހައުލުގައި ވެސް ކާމިޔާބީއަށް ވާސިލް ވެވޭނީ މީހުންނާ ވާހަކަ ދައްކަން ދަސްވެފައި ހުރުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ފޯނުން ޗެޓް ކޮށްގެން ވާހަކަ ދެއްކުން އާއްމުވެފައިވާއިރު މީހުންނާ ސީދާ މުއާމަލާތް ކުރުމަށް މި ޖީލުގެ ބައެއް ކުދިންނަށް އުނދަގޫވާ މަންޒަރު ފެންނަ ކަމަށް ހީނާ ވިދާޅުވި އެވެ.
"މީހުންނާ މުއާމަލާތް ކުރުމަށް މި ޖީލުގެ ބައެއް ކުދިންނަށް އުނދަގޫވާތަން އަޅުގަނޑުމެންނަށް ފެނޭ. އަޅުގަނޑުމެންގެ މާދަރީ ބަހުން، ދިވެހި ބަހުން ވާހަކަ ދައްކަން ޖެހިލުންވާތަން ނުވަތަ ވާހަކަ ދައްކަން ދަތިވާތަން ވެސް އަޅުގަނޑުމެންނަށް ފެނޭ. މިއީ އަޅުގަނޑުމެން ވަރަށް ވިސްނަން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ވާހަކަދެއްކުން ފަދަ މުބާރާތްތައް ބާއްވަނީ ވެސް ވާހަކަދެއްކުންތެރިކަމުގެ ސިފަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ކަމަށާއި އެ މުބާރާތްތަކުގެ ސަބަބުން، ދަރިވަރުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ، ގިނަ މީހުންގެ ކުރިމަތީގައި ބަސް ބުނަން ކެރޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ މުބާރާތްތަކަކީ ހުރަސްތައް ގިރާކޮށް، ދިވެހި ބަހުން މުއާމަލާތު ކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.