ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ފުރަތަމަ ފަހަރަށް ޗައިނާގައި ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމަށް ޒިޔާރަތް ކުރައްވާ އެ މިއުޒިއަމްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ޗައިނާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގް އެވެ.

އެ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ހާއްސަ އެގްޒިބިޝަނެއް ޗައިނާގެ ސިޓީތަކުގެ މިއުޒިއަމްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ފުރަތަމަ ފަހަރަށް ޗައިނާގައި ބޭއްވުމުގެ އެއްްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ފުރަތަމަ ފަހަރަށް ޗައިނާގައި ބޭއްވުމުގެ އެއްްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

އެގޮތުން "އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިން" އަދި "ނެވިގޭޝަން ޓެކްނޮލޮޖީ" ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިން ޗައިނާ އެންޑް ދަ މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ދާރުލްއާސާރުގައި ވެސް ހާއްސަ މައުރަޒެއް ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މައުރަޒުތައް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކަނޑުދަތުރުފަތުރާއި މެރިޓައިމް ސިލްކް ރޫޓުގެ ތާރީހީ ގުޅުން ބައިނަލްއަގުވާމީ ފެންވަރުގައި ހާމަކޮށްދިނުމާއި، ދިވެހި ފަންނުވެރިންނަށް ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުން ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ ދިރާސާތައް ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ސަގާފަތާއި ތަރިކައާއި މިއުޒިއަމް މެނޭޖްމަންޓާއި އަދި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި މުވައްޒަފުންގެ ހުނަރާއި އިލްމު އިތުރަށް ތަރައްގީކުރުމަށްޓަކައި ޗައިނާގެ ޔުނިވާސިޓީތަކާ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ވެސް މަޝްވަރާ ކޮށްފައިވެ އެވެ.