މެތަމްފެޓަމައިން އާއި ހެރޮއިން ހިމެނޭ ގޮތުން ޖުމްލަ 101 ކިލޯގެ ޑްރަގް ބަރުކޮށްގެން ސްރީ ލަންކާގެ ދެކުުނުން، ރާއްޖޭގެ އިރުއުތުރުން ދަތުރުކުރި މަސްބޯޓެއް ލަންކާއިން އަތުލައިގެންފި އެވެ.
ސްރީ ލަންކާގެ ކަނޑުގެ ސިފައިންގެ ވެބްސައިޓްގައި ބުނީ މާކަނޑުން ދަތުރުކުރިި އެ އުޅަނދު އަތުލައިގަތް އިރު އޭގައި ފަސްމީހުން ތިބި ކަމަށާއި އިއްޔެ ހެނދުނު އެ އުޅަނދު ލަންކާގެ ގޯލްގެ ބަނދަރަށް ގެންގޮސްފައިވާ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިކަންކުރާ ގޮތަށް ތައްޔާރުކޮށްގެން ދަތުރުކުރި އެ އުޅަނދުގައި ހުރި ކަމަށް ފުރަތަމަ ބެލެވުނީ 101 ކިލޯގެ ހިރޮއިންއާއި 870 ގްރާމްގެ މެތަމްފެޓަމައިން (އައިސް) އެވެ. އެތަކެތި ބަންދުކޮށްފައި ހުރީ ހަ ބަސްތާަގަ އެވެ.
އެކަމަކު ގޯލް ބަނދަރަށް އެ އުޅަނދު ގެންދިއުމަށް ފަހު އިތުރަށް ބެލުމުން، އޭގައި 58 ކިލޯގެ ކޮކެއިން އާއި 43 ކިލޯގެ ހެރޮއިން އަދި 134 ގްރާމްގެ މެތަމްފެޓަމައިން ހުރިކަން ކަަށަވަރުކުރެވިފައިވާ ކަމަށް ލަންކާގެ ކަނޑުގެ ސިފައިން ބުންޏެވެ.
އެތަކެތީގެ މަގުމަގީ އަގު ލަންކާގެ ފައިސާއިން ބަލާ އިރު 1.5 ބިލިއަނަށް އަރަ އެވެ.
އެ ބޯޓާއި އޭގައި ތިބި ފަސްމީހުން މިހާރު ވަނީ ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއާ ހަވާލުކޮށްފަ އެވެ.
މަސްވެރިކަމުގައި ނުކުމެ އުޅެނިކޮށް ބެހިގެން ކަމަށް ބުނެ ރާއްޖެއަށް ވަރަށް ގިނައިން ވަދެ އުޅޭ ޒާތުގެ އެ ބޯޓް ބަލައި ފާސްކުރީ ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔާޑް އަރޫނާ ޖަޔަސޭކަރައާއި ކަނޑުގެ ސިފައިންގެ ކޮމާންޑަަރު ވައިސް އެޑްމިރަލް ޑަމިއަން ފެނާންޑޯ އާއި ސަދަން ނޭވަލް އޭރިއާގެ ކޮމާންޑަރު ރިއާ އެޑްމިރަލް އެޗްއެންއެސް ޕެރޭރާއާއި ޑިރެކްޓަރް ޖެނެރަލް އޮޕަރޭޝަންސް ޗަމިންދަ ކަރުނަސޭނާގެ ހާޒިރުގަ އެވެ. ލަންކާ ސިފައިންންނާއި ފުލުހުންގެ އެހެން ގިނަ އިސް އޮފިސަރުންތަކެއް ވެސް އެ ތަކެތި ބަލަައި ފާސްކުރުމުގައި ބައިވެރިވި އެވެ.
ޑްރަގް ބަރުކޮށްގެން ދަތުރުކުރި އެ ބޯޓް އަތުލައިގަތީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން"އަ ނޭޝަން ޔުނައިޓެޑް"ގެ ނަމުގައި ލަންކާ ސަރުކާރުން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިންގެ ތެރެއިންނެވެ.
އެ ކެމްޕެއިން ކުރިއަށް ގެންދަނީ ގާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާތަކެއް ގުޅިގެންނެވެ.