އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ކަނޑައަޅާފައިވާ ބަޖެޓުން އޮފީސް "ހުޅުވައި ލެއްޕުން" ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި 2028 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ވެސް ބަޖެޓުގައި ހިމަނާފައިވާ އަދަދުތައް އުނިކޮށްފައިވާ ކަމަަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ޝަކީލް ވިދާޅުވީ، އެ ކޮމިޝަނަށް 67 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 35 މިލިއަން ރުފިޔާ ހޭދަވަނީ ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ގޮތުގައި ކަމަށެވެ. އިދާރީ ކަންކަން ހަމަޖެއްސުމަށް އޮތީ 29.7 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގެ އިދާރީ ބަޖެޓުގެ ތަފްސީލު

1. މުސާރައަށް: 27 މިލިއަން ރުފިޔާ

2. ކަރަންޓާއި ފެނުގެ ހަރަދުތަކަށް: 6.2 މިލިއަން ރުފިޔާ

3. އައިޓީ ސެކިއުރިޓީ ކަންކަމަށް: ހަ މިލިއަން ރުފިޔާ

4. އެހެނިހެން އިދާރީ ހަރަދުތަކަށް: ހަ މިލިއަން

5. ބައިއިލެކްޝަންތަކަށް: 1.8 މިލިއަން

ޝަކީލް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވެސް އަންނަ އަހަރުގެ ބަޖެޓުގައި މުހިއްމު ކަންކަން ހިމަނާފައިވާނެ ކަމަށާއި އެކަމަކު އެފަދަ އެއްވެސް ކަމަކަށް ބަޖެޓެއް ލިބިފައި ނުވާ ކަމަށެވެ. އަންނަ އަހަރަށް އެކަށީގެންވާ ބަޖެޓެއް ނެތް އިރު މި އަހަރުގެ ބަޖެޓުން ވެސް އެންގުމަކާ ނުލައި ބައެއް އުނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭނުންވާ ބޮޑެތި ޕްރޮކިއުމެންޓްތައް ހޯދުމާއި އެ ނޫން ކަންކަން ހަމަޖެއްސުމަށް އެ އަހަރު ނިމުމުގެ ކުރިން ދަތިވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދުނީ 2027 ވަނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެންގެ ބޮޑެތި ޕްރޮކިއުމެންޓް ކަންކަން ކުރުމަށް ބަޖެޓް ރިލީޒް ކޮށްދެއްވާށޭ ކޮންމެވެސް ވަރަކަށް. އިނީޝިއަލީ އަޅުގަނޑުމެންނަށް ދެއްވި 40 މިލިއަންގެ ސީލިންގެ ބަޖެޓެއް ރިޔާސީ އިންތިހާބުގެ ކަންކަން ކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެ އިދާރާގެ ޑިޖިޓަލް ސިސްޓަމްތައް ހަރުދަނާކޮށް، އެ ކަންކަމަށް ހޭދަކުރުމަށް ބަޖެޓުގައި އެއްވެސް އަދަދެއް ނެތެވެ. އެ ހާލަތުގައި، އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ކުރަން ޖެހޭނީ 2028 ވަނަ އަހަރު ކަމަށާއި އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި އޮންނަ އިންތިހާބަށް ތައްޔާރުވާން ޖެނުއަރީގައި ފަށައިގެން ޕްރޮކިއުމެންޓް ކަންކަން ކުރުމަށް ލިބޭނީ ހައެއްކަ މަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެ އިންތިހާބުގެ ކަންކަން އީސީން ބޭނުންވާ ގޮތަށް ކުރަން ބޮޑެތި ހުރަސްތަކާ ކުރިމަތިވާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ. އަދި އިންތިހާބަށް ތައްޔާރުވުމުގައި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު މަޖިލީހުގެ ބަޖެޓު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މިހިނގާ އަހަރުގެ ބަޖެޓުގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް އެއްވެސް އެނގުމެއް ނެތި ގާތްގަނޑަކަށް ނުވަ ލައްކައެއްހާ ރުފިޔާ ވަނީ ބަޖެޓުން އުނިކުރެވިގެން ގޮސްފައި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ މަރާމާތާއި ސާވާ ސެކިއުރިޓީއަށް ބޭނުންވާ ބަޖެޓު ވެސް އެނގުމެއް ނެތި އުނިވެގެން ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވީ، އެންމެ ބޮޑު ފާޑުކިޔުމެއް އަންނަނީ އާންމުން ހޭލުންތެރިކުރުމަށް ކުރަން ޖެހޭ ކަންކަން ނުކުރާތީ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުން ވެސް އެފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު ވިދާޅުވީ، އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ބަޖެޓުން ދެ މިލިއަން ރުފިޔާ އުނިކޮށްފައިވާއިރު އޭގެ ތެރެއިން ބޮޑު ބައެއް އުނިކޮށްފައިވަނީ މުވައްޒަފުންގެ މުސާރައިން ކަމަށެވެ. އަދި އީސީން އަދިވެސް ޕޭ ހާމަނައިޒް ކުރުމުގެ އޮނިގަނޑުގެ ތެރެއަށް ނުވަންނައިރު އަންނަ އަހަރު އެފަދަ ބަދަލެއް ގެނެސްފި ނަމަ، މުސާރައަށް އަންނާނެ ބަދަލުތައް ވެސް ބަޖެޓަށް އިތުރުކޮށްފައި ނުވާ ސޮލާހް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އަބްދުއް ރަހްމާން ސަލާހު ރަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކޮމިޝަންގެ ނައިބު ރައީސް އަބްދުއް ރަހްމާން ސަލާހު ރަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭނާ ވިދާޅުވީ، އީސީ މިހާރު ވެސް ހިންގަމުން ދަނީ، އިމާރާތް ހުސްކުރުމަށް ލިޔުމުން ނޯޓިސް ދީފައިވާ ތަނެއްގައި ކަމަށާއި އަދިވެސް އޮފީސް ހިންގާނެ ޖާގައެއް ނުލިބޭ ކަމަށެވެ. އެހެންވެ، އޮފީހުގެ ކުއްޔަށް އިތުރަށް ދާނެ އަދަދެއް ޔަގީން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

އީސީން ބުނި ގޮތުގައި، މި އަހަރުގެ ބަޖެޓު ވެސް ކަނޑައަޅާފައިވަނީ އެ ކޮމިޝަންގެ ބޭނުންތަކަށް ބަލައިގެނެއް ނޫނެވެ.

އެ ކޮމިޝަނުން ވަނީ އެކޮމިޝަނަށް މިހާރު ކަނޑައަޅާފައިވާ ބަޖެޓަށް 40 މިލިއަން ރުފިޔާ އިތުރުކޮށްދޭން އެދިފަ އެވެ.