ރާއްޖޭގައި އުޅޭ އައިންމަތީ ދޫންޏާއި ހިޖުރަކުރާ ދޫނިތަކުގެ އިތުރުން އައްޑޫގައި އުޅޭ ދޮންދީނިތަކުގެ މައުލޫމާތު އާންމުންނަށް ރިޕޯޓް ކުރެވޭނެ ސިޓިޒަން ސައިންސް ޓޫލްއެއް އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު ތައާރަފުކޮށްފި އެވެ.
އީއާރުއޭ އިން މި ސިޓިޒަން ސައިންސް ޓޫލް ތައާރަފުކުރީ އެ އޮތޯރިޓީން އިންތިޒާމުކޮށްގެން މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ހޯލްގައި ބޭއްވި "ސީބާޑް ކޮންޒަވޭޝަން ވޯކްޝޮޕް އެންޑް ނޮލެޖް ޝެއަރިން އިވެންޓް"ގަ އެވެ.
އެއީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިންމަތީ ދޫނި މޮނިޓާ ކުރުމާއި ދޫނިތަކުގެ މާހައުލު ހިމާޔަތްކުރުމާއި އަލުން އިޔާދަކުރުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަނެ، ފަހުގެ ދިރާސާތަކުގެ ހޯދުންތައް ހިއްސާކުރުމަށް ދިރާސާވެރިންނާއި ސަރުކާރުގެ އިދާރާތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިވެރިންނާ އެކު ބޭއްވި އިވެންޓެކެވެ.
އެ އިވެންޓުގައި ވަނީ އާންމުންގެ ތަޖުރިބާ އާއި މައުލޫމާތުގެ އަލީގައި އީއާރުއޭ އިން އެކުލަވާލާފައިވާ ރާއްޖޭގައި ބިސްއަޅާ އަދި ހިޖުރަކުރާ ދޫނިތަކާ ބެހޭ ގައުމީ ދިރާސާ އާއި ގއ. ހިތާދޫގައި ކުރިއަށް ގެންދާ އައިންމަތީ ދޫނި މޮނިޓާކުރުމުގެ މަސައްކަތްތަކާއި އައްޑޫގައި ކުރިއަށް ގެންދިޔަ ދޮންދީނި ސާވޭގެ ހޯދުންތަކަށް އަލިއަޅުވާލައިފަ އެވެ.
މީގެ އިތުރުން، މިހާރު އުޅޭ ދޫނި ހިމާޔަތްކުރުމުގެ އުސޫލުތައް ތަންފީޒުކުރެވޭ ގޮތާއި ގާނޫނު ތަންފީޒުކުރުމާއި ދިރޭތަކެއްޗަށް އެހީތެރިވުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާއި ގައުމީ ފެންވަރުގައި އައިންމަތީ ދޫނި މޮނިޓާކުރުމުގެ ޕްރޮގްރާމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ ކަންކަމާ ގުޅޭ ގޮތުން ބައިވެރިން ވަނީ މި އިވެންޓުގައި މަޝްވަރާތައް ކޮށްފަ އެވެ.
އާންމުންގެ ބައިވެރިވުމާ އެކު، މައުލޫމާތު އެއްކުރުމަށް ސިޓިޒަން ސައިންސްގެ ހާއްސަ ދެ ޓޫލްއެއް ވެސް އީއާރުއޭ އިން ވަނީ މި އިވެންޓުގައި ތައާރަފުކޮށްފަ އެވެ. އެވެ؛
- އޭގެ ތެރެއިން އެއް ޓޫލްއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަ ހިމާޔަތްކޮށްފައިވާ ދޫނިތަކާއި ހިޖުރަކުރާ ދޫނިތަކުގެ މައުލޫމާތު އާންމުންނަށް ރިޕޯޓްކުރެވޭނެ ފޯމެއް.
- އަނެއް ޓޫލްއަކީ އައްޑޫގައި ދޮންދީނި ނިދާ އަދި ބިސްއަޅާ ގަސްތަކުގެ މައުލޫމާތު އައްޑޫގެ ރައްޔިތުންނަށް ރިޕޯޓްކުރެވޭނެ ފޯމެއް.
އީއާރުއޭ އިން ބުނި ގޮތުގައި، މި މައުލޫމާތުތަކުގެ އެހީގައި، ދޫނިތައް އުޅޭ ސަރަހައްދުތައް ދެނެގަތުމަށާއި ދޫނި ބިސްއަޅައި ނިދުމަށް މުހިންމު ގަސްތައް ފާހަގަކުރުމަށް އެ އޮތޯރިޓީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ.
މި ޓޫލްތައް ބޭނުންކުރެވޭނީ ޑިޖިޓަލް ޑާޓާ ކަލެކްޝަންއަށް ބޭނުންކުރާ "ސާވޭ123" އެޕް މެދުވެރިކޮށެވެ.
"ސީބާޑް ކޮންޒަވޭޝަން ވޯކްޝޮޕް" ފެށުމުގެ ކުރިން އެ އިވެންޓުގައި އީއާރުއޭގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު ވިދާޅުވީ، މި ސިޓިޒަން ސައިންސް ޓޫލްތައް ތައާރަފުކުރުމުގެ ބޭނުމަކީ ދޫނިތަކާ ބެހޭ ގޮތުން ދިރާސާކުރުމަށް ދިވެހި ދަރިވަރުންނާއި ދިރާސާވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި ސާވޭ ކުރާ ފަރާތްތަކާއި ރޭންޖަރުންނާއި ތިމާވެށީގެ އޮފިސަރުންނަށް، ދޫނިތައް ހަރުދަނާ ގޮތެއްގައި ހިމާޔަތްކޮށް މި ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި އިލްމު ފޯރުކޮށްދިނުމަކީ ވެސް މީގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސެންޓްރަލް އޭޝިއަން ފްލައިވޭގެ ބައެއްގެ ގޮތުގައި، ރާއްޖެއަކީ ހިޖުރަކުރާ ދޫނިތައް އަރާމުކުރުމަށާއި ކާނާ ހޯދުމަށާއި އަދި ބިސްނާޅާ މޫސުމުގައި ވަގުތު ހޭދަކުރުމަށް ވަރަށް މުހިންމު މަންޒިލެއް،" ހައްސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެކި އަތޮޅުތަކުން އިތުރު މައުލޫމާތު ލިބުމުން، އެ ދޫނިތަކުގެ އުޅުމާއި ވަރަށް ދުރަށް ދަތުރުކުރާ އެ ދޫނިތަކުގެ ދަތުރުތަކުގައި އަޅުގަނޑުމެންގެ ރަށްތަކާއި އަތޮޅުތަކުން އަދާކުރާ ދައުރު އިތުރަށް ދެނެގަނެވޭނެ."
ގއ. ހިތާދޫގައި ކުރިއަށް ގެންދާ އައިންމަތީ ދޫނީގެ ސާވޭ
އީއާރުއޭ އިން ބުނި ގޮތުގައި، މި ސާވޭގެ މައިގަނޑު މަގުސަދަކީ ހިމާޔަތްކޮށްފައިވާ ރަށެއް ކަމަށްވާ ގއ. ހިތާދޫގައި އުޅޭ އައިންމަތީ ދޫނިތަކުގެ އާބާދީ އާއި އެ ރަށުގެ ގަސްގަހާގެއްސާއި ވަށައިގެންވާ ކަނޑުގެ މާހައުލާ ހުރި ގުޅުން ދެނެގަތުމެވެ. ދިގު މުއްދަތައް ކުރިއަށް ގެންދާ މި ސާވޭ ދަށުން މިދިޔަ އަހަރާއި މި އަހަރު ވެސް މައުލޫމާތު އެއްކޮށްފައިވެ އެވެ.
އެ ރަށުގައި ޅޮހިގަހުގެ 5.40 ހެކްޓަރުގެ ބޮޑު ޖަންގައްޔެއް އޮތްއިރު، އޭގެ ތެރޭގައި 344 ބިޔަ ގަސް ހިމެނެ އެވެ. އިރުއޮއްސޭ ވަގުތު އެ ރަށަށް އަރާ ހޯރައިގެ އަދަދު ގުނުމުން، އެއް ފޮޓޯއަކުން ގާތްގަނޑަކަށް 400 ދޫނި ފެނިފައިވެ އެވެ.
ރަށްރަށުގެ ޖަންގަލީގެ އެކި ހިސާބުގައި އެކި ބާވަތުގެ ދޫނި އުޅޭކަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިންޓިފިކް ގޮތުން ޑޮކިއުމެންޓް ކުރެވުނީ ވެސް މި ސާވޭގަ އެވެ. އެ ސާވޭން އެނގުނު ގޮތުގައި، ގަސްތަކުގެ އެންމެ މަތީގައި ހޯރަ ނިދާއިރު، ދަނޑިފުޅު ދޫނި ގަހުގެ ހޮހޮޅަތަކާއި މޫތަކުގެ ތެރޭގައި ބިސްއަޅަ އެވެ. އަދި ހޯގުޅާ ބިސްއަޅަނީ ބިމު އަޑީގައި ކޮނެފައިވާ ހޮރުތަކުގަ އެވެ.
ރާއްޖޭގައި އާންމުކޮށް އުޅޭ އަދި ހިޖުރަކުރާ ދޫނިތަކުގެ ހާލަތު
އޯޝަން ކަންޓްރީ ޕާޓްނާޝިޕް ޕްރޮގްރާމް (އޭސީޕީޕީ)ގެ މާލީ އެހީތެރިކަމާ އެކު، ނިއުޒިލެންޑުގެ އޯކްލަންޑް ޔުނިވާސިޓީ އާއި އައިލްސް ކޮންސަލްޓިން ޕްރައިވެޓް ލިމިޑެޓުން އީއާރުއޭ އަށް ތައްޔާރުކޮށްދިން "ދިވެހިރާއްޖޭގައި އާލާވާ ދޫނި އަދި ހިޖުރަކުރާ ދޫނީގެ ހާލަތު"ގެ ރިޕޯޓު މިިދިޔަ އަހަރު ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓަކީ ރާއްޖޭގެ ހުރިހާ އަތޮޅަކުން 42 މީހަކާ (ހާއްސަަކޮށް ކަނޑުމަހުގެ މަސްވެރިން) އިންޓަވިއުކޮށް، ހިމާޔަތްކޮށްފައިވާ 207 ދޫނީގެ ތެރެއިން 29 ބާވަތެއްގެ ދޫންޏާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ސާވޭއެކެވެ.
ރަށްރަށް ތަރައްގީކުރުމާއި ގަސް ކެނޑުމާއި ވެލި ނެގުމާއި ބިސް ނެގުމާއި އަދި ޕެޓްގެ ގޮތުގައި ގެންގުޅުމަށް ދޫނި ހިފުމަކީ ދޫނިތަކަށް އޮތް އެންމެ ބޮޑު ނުރައްކާތައް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން އައިންމަތީ ދޫނިތައް ފެންނަ އަދަދާއި އެ ދޫނިތަކުގެ އާބާދީ ދަށްވަމުން ދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އައްޑޫ ދޮންދީނި ސާވޭ
ދޮންދީނި ރާއްޖޭގައި ބިސްއަޅާ ކަމަށް ރެކޯޑްކުރެވިފައި ވަނީ އައްޑު އާއި ހުވަދޫގައި އެކަންޏެވެ. އީޕީއޭގެ ސާވޭން އެނގޭ ގޮތުގައި، 2013 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު އައްޑޫން ދޮންދީނި ފެނުނު މިންވަރު ވަނީ އިތުރުވެފަ އެވެ. އެންމެ ގިނައިން ފެނިފައި ވަނީ އައްޑޫ ފޭދޫން 210 ދޫންޏެވެ. ނަމަވެސް، މަރަދޫގައި ދޮންދީނި ފެނުނު މިންވަރު ވަނީ 39 އިން ހަތަރަކަށް މަދުވެފަ އެވެ.
އައްޑޫގައި ދޮންދީނި އެންމެ ގިނައިން ބިސްއަޅަނީ އަނބުގަހާއި ބަނބުކެޔޮ ގަސްތަކުގަ އެވެ. ނަމަވެސް، ތަރައްގީގެ މަޝްރޫއުތަކަށް ގަސް ކެނޑުމުގެ އިތުރުން ކާޅުތައް ދޮންދީނިގެ ޅަދޫނިތައް މެރުމަކީ އެ ދޫނިތަކަށް އޮތް ބޮޑު ނުރައްކަލެކެވެ.
އީއާރުއޭ އިން ބުނީ އައްޑޫގެ ރައްޔިތުންނަށް "ސާވޭ123" މެދުވެރިކޮށް ދޮންދީނި ފެންނަ ގަސްތަކާއި ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އޮކްލެންޑާ ޔުނިވާސިޓީއާ ގުޅިގެން ދޫނިތަކުގައި ރިންގު އެޅުވުމާއި ރޭގަނޑު ދޫނި ގޮވާ އަޑު ރެކޯޑްކުރާ އާލާތްތައް ބޭނުންކޮށްގެން ދިރާސާކުރުން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އީއާރުއޭ އިން ބުނީ ގާއުމީ ފެންވަރުގައި ދޫނި މޮނިޓާ ކުރާނެ އެއްގޮތް އުސޫލެއް އެކުލަވާލުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.