އިރުވައި މޫސުމާ ދިމާކޮށް މި ދުވަސްވަރު އެކި ބާވަތުގެ ދޫނި ރާއްޖެ އަށް ހިޖުރަ ކުރާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު އެދިއްޖެ އެވެ.

އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައީ ބުނީ މިގޮތަށް ހިޖުރަކުރާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދިރުންތަކެއް ކަމަށެވެ. ހިޖުރަކުރާ ދޫނިތައް ހިފައި އެ ތަކެތި ގެންގުޅުމަކީ އެ ގަވައިދުގެ ދަށުން މަނާކޮށްފައިވާ ކަމެއްކަން އެ ބަޔާނުގައި ބުންޏެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި، ރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މޫސުމާ ގުޅިގެން މިތަނަށް ހިޖުރަކުރާ ދޫންޏެވެ. އެހެންވެ، އެ ތަކެތި ރައްކާތެރިކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

ނަމަވެސް، އީއާރުއޭގެ ކަންބޮޑުވުމަކީ، ކޮންމެ އަހަރަކު މި ދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ދޫނިތައް މަޅިފަތިޖަހާ ހިފައި ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅެ، އޭގެ ވިޔާފަރި ކުރުމަށާއި މޫނިފޫހިފިލުވުމަށް ގެންގުޅޭ މައްސަލަ އެވެ. އެފަދަ ކަންކަން ނުކޮށް، ގާނޫނާއި ގަވާއިދުތަކަށް އެންމެން ވެސް އަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އީއާރުއޭ އިން ބުނީ އެ ދޫނިތަކަކީ އެހެން ގައުމުތަކުން ރާއްޖެ އަށް އަންނަ ދޫނިތަކަށް ވުމުން އެ އެއްޗެހި ހިފައިގެންގުޅުމުގެ ސަބަބުން، ރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ހިލާފުވާ ކަމަށެވެ. މިގޮތަށް ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އދ. ގެ ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން ރާއްޖޭގެ ޒިންމާއެއްކަން އީއާރުއޭ އިން ހަނދާން ކޮށްދިނެވެ.

ގަވާއިދާ ހިލާފަށް މިފަދަ ދޫނިތައް ހިފައިގެން ގެންގުޅެ އަދި އެ ދޫނިތައް ގަނެވިއްކާ، އެ ތަކެތީގެ ވިޔަފާރިކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށް އީއާރުއޭ އިން ބުންޏެވެ.

އެފަދަ މައްސަލައެއް ފާހަގަވެއްޖެ ނަމަ އީއާރުއޭގެ ހޮޓްލައިން ނަންބަރު 7980379 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭ ގޮތުން އެ އޮތޯރިޓީން އަންގާ އެންގުންތަކާއި ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް ވެސް އީއާރުއޭ އިން އެދިފައިވެ އެވެ.

މިދިޔަ އަހަރުތަކުގައި ރާއްޖެ އަށް ވަނީ އެކި ބާވަތްތަކުގެ ދޫނި ހިޖުރަކޮށްފަ އެވެ. އޭގެ ތެރޭގައި ބާޒާއި ގުޑުގުޑާ ދޫނި ކަހަލަ ދޫނިތައް ހިމެނެ އެވެ. ރާއްޖެ އަށް ހިޖުރަ ކުރި ގުޑުގުޑާ ދޫންޏެއް ހިފައި އެ ވިއްކަން ވައިބާ ގްރޫޕެއްގައި ޖެހި މައްސަލައެއް 2021 ވަނަ އަހަރު ވަރަށް ބޮޑުވި އެވެ.