ރާއްޖެއިން ފެނުނު ކަމަށް މީގެ ކުރިން ރެކޯޑް ކުރެވިފައި ނުވާ ބާވަތެއްގެ ދޫންޏެއް މ. މުލިން ފެނިއްޖެ އެވެ. 

ރާއްޖެއިން އަލަށް ފެނި، ފޮޓޯއާ އެކު ރަސްމީކޮށް ރެކޯޑް ކުރެވުނު "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ނަމަކަށް ކިޔާ މި ދޫނީގެ މައުލޫމާތު ހިމަނައިގެން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް މިދިޔަ ހަފުތާގައި ވަނީ އާންމުކޮށްފަ އެވެ.   

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އީއާރުއޭގެ ޓީމަށް މި ދޫނި ފެނިފައި ވަނީ މ. އަތޮޅުގައި ތިމާވެށީގެ ގޮތުން މުހިންމު އަދި ހިމާޔަތްކުރެވިދާނެ ސަރަހައްދުތައް ދެނެގަތުމަށް 2024 ވަނަ އަހަރު އޮކްޓޯބަރު 26-30 އަށް ކުރިއަށް ގެންދިޔަ އިކޮލޮޖިކަލް ސާވޭއެއްގައި އުޅެނިކޮށެވެ. 

މުލީގައި ދަނޑުވެރިކަން ކުރާ ސަރަހައްދެއްގެ ކައިރިން މި ބާވަތުގެ ދެ ދޫނި ފެނުނު ކަމަށާއި އޭގެ ތެރެއިން އެއް ދޫނި ރުކެއްގެ ކުރީގައި ޖައްސާފައި އިންއިރު، އަނެއް ދޫނި ވަނީ ކައިރީގައި އޮތް ގަސްބޯ ސަރަހައްދަކަށް ވަދެފައި ކަމަށް ރިޕޯޓުގައި ބުންޏެވެ.

ދޫނި ދެނެގަތުމާއި ކަށަވަރުކުރި ގޮތް

  • މި ދޫނީގެ ފޮޓޯ ނަގާފައި ވަނީ 800 އެމްއެމް ލެންސެއް ހަރުކޮށްފައިވާ ކެނަން ޑީއެސްއެލްއާރު ކެމެރާއަކުން.
  • ދޫނީގެ ބާވަތް ދެނެގަތުމަށް ބޭނުންކުރީ "އަ ފޮޓޯގްރަފިކް ގައިޑް ޓު ދަ ބާޑްސް އޮފް އިންޑިއާ" ފޮތް.
  • އީއާރުއޭގެ މުވައްޒަފުން ކަމަށްވާ މުހައްމަދު އައިމަން، ޔޫސުފް ރިލްވާން އަދި އަހްމަދު ބަޝީރުގެ އެހީތެރިކަމާ އެކު ދޫނި ދެނެގަނެ، އިތުރަށް ކަށަވަރުކުރުމަށް "އީބާޑް" އަށް ފޮޓޯތައް ހުށަހެޅި.
  • ދުނިޔޭގެ ދޫނިތަކުގެ ޗެކްލިސްޓްތައް ކަމަށްވާ "އީބާޑް" އާއި "އޭވިބޭސް" އިން ދައްކާ ގޮތުގައި، މީގެ ކުރިން ރާއްޖެއިން މި ބާވަތުގެ ދޫންޏެއް ފެނިފައިވާ ކަމުގެ އެއްވެސް ރެކޯޑެއް ނެތް.
މ. މުލިން މި ދޫނި ފެނުނު ސަރަހައްދު މެޕުގައި ފާހަގަކޮށްފައި.
މ. މުލިން މި ދޫނި ފެނުނު ސަރަހައްދު މެޕުގައި ފާހަގަކޮށްފައި.

އީއާރުއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ދޫންޏަކީ އާންމު ގޮތެއްގައި ޔޫރަޕާއި މެދުތެރޭ އޭޝިއާ އާއި އެފްރިކާ އަދި ޗައިނާގެ ފަރުބަދަމަތީ އުސް ސަރަހައްދުތަކުގައި އުޅޭ ދޫންޏެކެވެ. އެހެންވެ، ރާއްޖެ ކަހަލަ ބިންތިރި، ޖަޒީރާ ރަށްތަކަކުން މި ދޫނި ފެނުމަކީ ތިމާވެށީގެ ގޮތުން ވަރަށް ހާއްސަ އަދި އާދަޔާ ހިލާފު ކަމެއް ކަމަށް ބެލެވެ އެވެ.

ރާއްޖެއަކީ "ސެންޓްރަލް އޭޝިއަން ފްލައިވޭ" އިން ހިޖުރަކުރާ ދޫނިތައް ފިނި މޫސުން ހޭދަކުރުމަށް އަންނަ މުހިންމު މަންޒިލެއް ނަމަވެސް އައިންމަތީ ދޫނިތަކާއި ގޮނޑުދޮށުގައި އުޅޭ އެހެން ދޫނިތަކާ އަޅާބަލާއިރު، އެއްގަމުގައި އުޅޭ ދޫނިތަކާ ބެހޭ ދިރާސާތައް ރާއްޖޭގައި ކުރެވިފައި ވަނީ އަދި ވަރަށް މަދުން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

މި ދޫންޏަކީ އުތުރު އިންޑިއާ އިން އާންމުކޮށް ފެންނަ ދޫންޏެއް ނަމަވެސް، ދެކުނު އިންޑިއާގެ ކަރްނާޓަކާއިން 2013 އާއި 2020 ގައި، އަދި ކެރެލާއިން 2015 ގައި ފެނިފައި ވަނީ ވަރަށް މަދުންނެވެ.

އީއާރުއޭގެ ރިޕޯޓުގައި ބުނީ ރާއްޖެއިން މި ދޫނި ފެނުމުގެ 13 ދުވަސް ކުރިން އޮކްޓޯބަރު 16، 2024 ގައި އިންޑިއާގެ ޓެމިލްނާޑޫގެ ކަންޏާކުމާރީ ވައިލްޑްލައިފް ސެންޗަރީން ވެސް މި ބާވަތުގެ ދޫންޏެއް ފެނިފައިވާ ކަމަށެވެ.

ދުރު ހިސާބުތަކަށް ހިޖުރަކުރާ މި ކަހަލަ ދޫނިތައް އާންމުކޮށް ދަތުރުކުރާ މަގުން ބޭރުވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން، ނުވަތަ ދިރިއުޅޭ މާހައުލު ހަލާކުވުމުގެ ސަބަބުން ނުވަތަ މިސްރާބު އޮޅުން ކަހަލަ ކަންކަމާ ހުރެ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.

ދޫނީގެ ސިފަތައް

  • މިއީ "މިއުސިކަޕިޑޭ" އާއިލާއަށް ނިސްބަތްވާ، 17–20 ސެންޓިމީޓަރުގެ ދިގުމިން ހުންނަ އަދި ބިންމަތީގައި އުޅެން ލޯބިކުރާ ދޫންޏެއް.
  • ދުނިޔޭގެ ރެޑް ލިސްޓުގައި މި ދޫނި ހިމެނެނީ "ލީސްޓް ކޮންސާން" ނުވަތަ ނެތިދިއުމުގެ ބިރު ނެތް ދޫންޏެއްގެ ގޮތުގައި.
  • މި ދޫނީގެ ތުނބަކީ ފަނިފަކުސަ ކެއުމަށް އެކަށީގެންވާ ގޮތަށް ހިމަކޮށް އަދި ތޫނުކޮށް ހުންނަ ތުނބެއް. އަދި ނިގޫ ހުންނަނީ ރަތް/މުށި ކުލައެއްގައި.
  • ބިސްއަޅާ މޫސުމުގައި މީގެ ފިރިހެން ދޫނީގެ ބޮލާއި މޭމަތި ހުންނަނީ ނޫ/އަޅި ކުލައެއްގައި. ބުރަކަށިމަތި ހުދުކޮށް ހުންނައިރު ފިޔަގަނޑު ހުންނަނީ ކަޅު ކުލައިގައި. އަދި ބަނޑުދަށާއި ނިގޫ ހުންނަނީ ގަދަ މުށި ކުލައެއްގައި.
  • އަންހެން ދޫނި އަދި ބިސްނާޅާ މޫސުމުގެ މީގެ ފިރިހެން ދޫނީގެ ހަށިގަނޑުގެ މަތީބައި ހުންނަނީ ގަދަ މުށި ކުލައިގައި ހުޅުނބުތަކެއް ފަދަ ކުރެހުންތަކަކާ އެކުގައި. އަދި ބަނޑުދަށް ހުންނަނީ ފަނޑު މުށި ކުލައެއްގައި.
  • މި ދޫނީގެ ކާނާއަކީ ކުދި ފަނިފަކުސަ އާއި ބައެއް ކަހަލަ މޭވާ.

މިއީ ރާއްޖެއިން މި ދޫނި ފެނުނު ފުރަތަމަ ފަހަރު ކަމަށް ވާތީ، މި ދޫންޏަށް ކިޔާނެ ވަކި ހާއްސަ ދިވެހި ނަމެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

އީއާރުއޭގެ ރިޕޯޓުގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހަލާކުވުމުގެ ސަބަބުން ދޫނިތައް ހިޖުރަކުރާ މަގުތަކަށް ބަދަލު އަންނަމުން ދާތީ، ހާއްސަކޮށް ދޫނި ހިޖުރަކުރާ މޫސުމުގައި ރާއްޖޭގެ ރަށްރަށުގައި ދޫނިތައް މޮނިޓާކޮށް ދިރާސާކުރުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

ރާއްޖޭގައި އުޅޭ އައިންމަތީ ދޫންޏާއި ހިޖުރަކުރާ ދޫނިތަކުގެ އިތުރުން އައްޑޫގައި އުޅޭ ދޮންދީނިތަކުގެ މައުލޫމާތު އާންމުންނަށް ރިޕޯޓް ކުރެވޭނެ ސިޓިޒަން ސައިންސް ޓޫލްއެއް ވެސް (އީއާރުއޭ އިން މިދިޔަ ހަފުތާގައި ވަނީ ތައާރަފުކޮށްފަ އެވެ.