އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރަން، އިމިގްރޭޝަން ގާނޫނުގެ ބިލުގައި ހިމަނާފައިވާ މާއްދާ ޕީއެންސީގެ މެންބަރުންނަށާއި އެމްޑީޕީގެ މެންބަރުންނަށް ދެ ގޮތަކަށް މާނަކުރެވޭތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޫނު ބަހުސެއް ކޮށްފި އެވެ.

އިމިގްރޭޝަން ގާނޫނު އަލުން ހަދަން ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވީ ޑުއަލްޕާސްޕޯޓް އޮންނަ އިޒްރޭލު މީހުން ރާއްޖެއަށް އައުން އެ ބިލުން މަނާނުވާ ކަމަށެވެ. 

އެކަން އެހެން އޮތް އިރު އިޒްރޭލު ސިފައިންގެ ގިނަ މީހުންނަކީ ޑުއަލް ޕާސްޕޯޓް ގެންގުޅޭ މީހުން ކަމަށާއި އެހެންވީމާ އިޒްރޭލު ޕާސްޕޯޓްގައި އައުން މަނާކުރިޔަސް އެ މީހުންނަށް އާދެވޭނެ ކަަމަށެވެ.

"މިއަދުވެސް، އަޅުގަނޑުމެން މި ބަހުސްކުރާ މިދަނޑިވަޅު ވެސް މި ރާއްޖެއަށް އިޒްރޭލު ރައްޔިތުން އެތެރެވޭ، އިޒްޒަތްތެރި ރައީސް، މިއީ ފެކްޓެއް. އެެއީ އިޒްރޭލުގެ ގިނަ ރައްޔިތުންނަކީ ޑުއަލް ޕާސްޕޯޓް އޮންނަ މީހުން. އިޒްރޭލުގެ އިޒްރޭލީ ޑިފެންސް ފޯސްގެ 80 ޕަސެންޓް މީހުންނަކީ ޑުއަލް ޕާސްޕޯޓް ހޯލްޑަރުން،" މީކާއީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

އެހެން ވިދާޅުވެ އޭނާ ތުހުމަތުކުރެއްވީ އިމިގްރޭޝަން ބިލުގައި މިފަހަރު ވެސް އޮތީ އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރުމުގެ ކަންތައް ނަމެއްގައި ކުރާ ގޮތަށް ކަމަށެވެ. 

ވައިކަރަދޫ ދާއިރާގެ މެންބަަރު ހުސައިން ޒިޔާދު ވެސް ވިދާޅުވީ ޑުއަލް ޕާސްޕޯޓް އޮންނަ އިޒްރޭލު މީހުން  ރާއްޖެއަށް އައުން އެ ބިލުން މަނާނުވާ ކަމަށެވެ. 

މީކާއީލްގެ އެ ތުހުމަތަށް ރައްދު ދެއްވައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހަކަށް އެހެން ޕާސްޕޯޓެއްގައި ވެސް ރާއްޖެއަށް އައުން އެ ބިލުން ސާފުކޮށް މަނާކުރާ ކަމަށެވެ.

އޭނާ ހަވާލާދެއްވީ އެ ބިލުގެ 46 ވަނަ މާއްދާއަށެވެ. އެ މާއްދާގައި، ދިވެހިރާއްޖެއަށް އައުމުގެ ހުއްދަ ނުދެވޭނެ މީހުންގެ ލިސްޓެއް އޮތް އިރު އެ ލިސްޓުގެ (މ) ގައި އޮތީ "އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް" މިހެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

"އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަކީ ކޮބައިތޯ؟ ބައްލަވާ އަޅުގަނޑުމެންގެ މި މަޖިލީހުންނޭ، ސަރުކާރުން ފޮނުވައިގެން އިޒްރޭލު ޕާސްޕޯޓް ބޭންކުރީ. އޭގެ މާނައަކީ އެ ޕާސްޕޯޓް ނޫން ދެވަނަ ޕާސްޕޯޓެއްގައި އައުމުގެ ފުރުސަތު އަދިވެސް އޮތީ. ޑުއަލް ޕާސްޕޯޓް ގެންގުޅޭ ބައެއް އެއީ. އެހެންވީމާ ދެވަނަ ޕާސްޕޯޓްގައި އެ މީހުން އަދިވެސް ރާއްޖެއަށް އާދޭ، އެކަން އެބަ ހިނގާ، އަޅުގަނޑު ވެސް ގަބޫލުކުރަން. އެއެއް އަޅުގަނޑުމެނަކަށް ނުވެސް ހުއްޓުވޭނެ އެއީ އޭރު އަޅުގަނޑުމެން ބޭންކުރީ އިޒްރޭލު ޕާސްޕޯޓް،"

ނަމަވެސް އޭނާ ވިދާޅުވީ މިހާރު ގެނެސްފައިވާ ބަދަލުން އެކަން ދެން އެހެން ނުވާނެ ކަމަށެވެ.

"މިހާރު މި ގާނޫނުން އަޅުގަނޑުމެން މި މަނާކުރަނީ އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ އެއްވެސް ފަރާތަކަށް މިރާއްޖެއަކަށް ނުވަދެވޭނެ، އޭގެ މާނައަކީ ދެވަނަ ޕާސްޕޯޓެއް ހިފައިގެނެއް ވެސް ތިން ވަނަ ޕާސްޕޯޓެއް ހިފައިގެނެއް ވެސް މިތަނަކަށް ނުވަދެވޭނޭ،" މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން މަނާކުރީ ޕާސްޕޯޓް ކަމަށް ވިޔަސް މިފަހަރު މަނާކުރަނީ ޕާސްޕޯޓް ގެންގުޅޭ މީހާ ކަމަށާއި އެކަން ވަރަށް ސާފުކޮށް އެނގެން އެބަ އޮތް ކަމަށެވެ.

އޭނާގެ ކުރިން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ވިދާޅުވީ އިމިގްރޭޝަން ގާނޫނުގެ ބިލު ގާނޫނަކަށް ވުމަށް ފަހު އިޒްރޭލު މީހުންނަށް ރާއްޖެއަށް އައުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަަމަށެވެ. 

އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެއަށް އައުން އިމިގްރޭޝަންގެ އާ ގާނޫނުން މަނާކުރަން ކަނޑައަޅާފައި ވާއިރު، މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓްގެ ބިލްގައި ބުނާ ގޮތުން އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނަކުން ޕްރޮޕަޓީ ގަނެ އަދި އިންވެސްޓްކުރުމުގެ ފުރުސަތެއް، ރާއްޖެ އައުން އިމިގްރޭޝަންގެ ގާނޫނުގެ ދަށުން މަނާ އެއްވެސް މީހަކަށް ނުލިބޭނެ އެވެ. އެހެންވެ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް އިން ހިންގަން އުޅޭ މަޝްރޫއުގައި އެފަދަ ފަރާތްތަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.