އިޒްރޭލާ އެކު އެހެން ގައުމެއްގެ ރަށްވެހިކަން ވެސް އޮންނަ މީހަކު ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު އޮވެދާނެ ކަމަށާއި އެކަމަކު އެ ގޮތަށް އައިސްގެން ވެސް އިޒްރޭލު މީހަކަށް ރާއްޖޭގައި އިންވެސްޓް ކުރުން ގާނޫނީ ގޮތުން މަނާވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އިމިގްރޭޝަން ގާނޫނުގައި މަނާކޮށްފައި އޮތީ އިޒްރޭލް ޕާސްޕޯޓް ކަމަށް ވިޔަސް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި އެކަން ހިމަނާފައި ވާނީ އެ އަށް ވުރެ ތަފްސީލުކޮށް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެހެން ގައުމެއްގެ ޕާސްޕޯޓެއްގައި ރާއްޖެ އައިސްގެން ވެސް އިޒްރޭލު މީހަކަށް ރާއްޖޭގައި އިންވެސްްޓް ނުކުރެވޭނެ ކަން އެެއީ ޔަގީން ކުރެވިދާނެ ކަމެއް ކަމަށެވެ.
"ރިއަލް އެސްޓޭޓް ބިލްގައި މި ބަޔާން ކުރަނީ އަދި އެ އަށް ވުރެ [އިޒްރޭލު ޕާސްޕޯޓްގައި އައުން މަނާ ވުމަށް ވުރެ] ވެސް ތަފްސީލުކޮށް. އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް، އިޒްރޭލުގެ އިންވެސްޓަރަކަށް ވެސް ކުންފުންޏަކަށް ވެސް މިހެން ކިޔާފައި ވަރަށް ތަފްސީލުކޮށް، ފުރުސަތެއް ނެތް ވާހަކަ. އެއީ ކުރެވިދާނެ ކަމެެއް. ރާއްޖެއަށް ޑުއަލް ޕާސްޕޯޓްގައި އަޔަސް އިންވެސްޓް މި ކުރެވެނީ އިތުރު ތަފްސީލު ބަލާފައި، ކޭވައިސީ ޗެކްކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭން ޕްރޮޕަޓީއެއް ހޯދަން އަންނަ މީހާއަކީ އިޒްރޭލުގެ ރަށްވެހިކަން ނެތް މީހެއް ކަން ކަށަވަރުކޮށްފައި ނޫނީ ކަމާ ބެހޭ އިދާރާއިން އެ މީހަކަށް ހުއްދައެއް ނުދޭނެ އެވެ. ރިއަލްް އެސްޓޭަޓް ބިލް، ގާނޫނަކަށް ވާއިރު އިޒްރޭލު މީހަކު ރާއްޖޭގައި އިންވެސްޓްކުރުމުގެ ޖާގަ ލިބޭ ފަދަ އެއްވެސް "ލޫޕްހޯލެއް" ނޯންނާނެ ކަމަށް ވެސް ވަރަށް ޔަގީންކަމާ އެކު ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މި މޭރުމުން ޖަވާބުދެއްވި އިރު ރަސްމާލޭގައި "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ"ގެ ނަމުގައި ސަރުކާރުން ހިންގަން އުޅޭ މަޝްރޫއުގެ ސަބަބުން އެ ރަށުަގައި ޒަޔަނިސްޓް ޔަހޫދީން އާބާދު ވެދާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ އެ މަޝްރޫއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.
އެކަމަކު، އެއްވެސް ހާލަތެއް ނެތި ވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް ހަދަން ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ބިލަށް އިސްލާހު ގެންނަން ސަރުކާރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފަ އެވެ. އެ ބިިލުގައި ވަނީ ދިވެހި ރާއްޖެއަށް އައުމަށް ހުއްދަ ނުދެވޭ މީހުންގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ހިމަނައިފަ އެވެ.