އެއްވެސް ހާލަތެއް ނެތި ވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް ހަދަން ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ބިލަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅައިފި އެވެ. 

އިމިގްރޭޝަން ގާނޫނަށް އަލުން އިސްލާހު ގެނަންނަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅާފައިވާއިރު، އެ ބިިލުގައި ވެސް ވަނީ ދިވެހި ރާއްޖެއަށް އައުމަށް ހުއްދަ ނުދެވޭ މީހުންގެ ތެރޭގައި އިޒްރޭލު ޕާސްޕޯޓު އޮންނަ މީހުން ހިމަނައިފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުގައި މިހާރު ކަނޑައަޅާފައި ވަނީ އިޒްރޭލުން ފަލަސްތީނަށް މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކާ ގުޅިގެން، އެ ހާލަތު ބަދަލުވަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭނެކަން ކަމަށެވެ. އެކަމަކު އެ ހާލަތަށް ރިއާޔަތްނުކޮށް، އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް ބަދަލުކުރަން ބިލުގައި މިހާރު ހިމަނާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

"ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކުރާ ބައި، މިހާރު ވެސް ގާނޫނުގައި ކަނޑައަޅާފައި އޮންނާނީ 7 އޮކްޓޫބަރުގައި ހާދިސާއާ ގުޅިގެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭނެ ކަމަށް، އެ ހާލަތު ބަދަލުވަންދެކަށް. އެހެން ނަމަވެސް މި ބިލުގައި އެ ހާލަތަށް ރިއާޔަތް ނުކޮށް މުތުލަގަށް އަޅުގަނޑުމެން ބަޔާންކޮށްފައި އޮންނާނެ އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވިީ އާ އިސްލާހުގައި ވާނީ އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެކަން ވަރަށް ސާފުކޮށް، ބަޔާންކޮށްފައި ކަމަށެވެ. 

"އެހެންވީމަ ވަރަށް ފާމްކޮށް ވަރަށް ސާފުކޮށް އަޅުގަނޑުމެން ގާނޫނުގައި މި ބަޔާންކުރަނީ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެއޭ." 

މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް
މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ އަނިޔާތަކަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އިމުގެ ތެރެއަށް އެ ގައުމުގެ އެއްވެސް މީހަކަށް އާދެވުމަކީ ދިވެހިން އެދޭ ކަމެއް ނޫން ކަމަށާއި އެއީ ދިވެހ ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެއީ ވަކި ކަމަކާ ގުޅުވާފައެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެ ހިންގަމުންދާ ޖެނޮސައިޑަކީ އެއް ގޮތަކަށް ވެސް ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށް. އެހެންވީމާ ރާއްޖޭގެ އިމުގެ ތެރެއަށް އެ ގައުމުގެ އެއްވެސް މީހަކަށް އާދެވޭ ގޮތް ވުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ހަމައެއް ނޫން،" ރައީސް ވިދާޅުވިު އެވެ. 

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމާއި އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން އެކި ޕްލެޓްފޯމުތަކުގައި ގޮވާލައްވައިފަ އެވެ.

ރައީސް ވިދާޅުވީ އެކި ކޯޓު ކޭސްތަކުގައި ބައިވެރިވެ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެއިން ވަރަށް ގަދައަށް ވަކާލާތު ކުރަމުން ވެސް އަންނަ ކަމަށެވެ.