ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި އެވެ. 

ފުވައްމުލަކުގައި ހުއްޓާ ޒިހާން ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ދިނީ 15 ދުވަހެވެ. އަދި އެ މުއްދަތު ހަމަވެގެން ބަންދާ މެދު ގޮތެއް ނިންމަން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 14 ދުވަހަށް ބަންދުކޮށްފަ އެވެ. 

ދެ ވަނަ ފަހަރަށް ކޯޓުން ދިން ބަންދުގެ މުއްދަތު ހަމަވެ، މިއަދު ކޯޓަށް ހާޒިރުކުރުމުން  އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ޖެހި ޕޯސްޓުގައި ވަނީ އެކަން ކުރަން ހިތްވަރުދީފަ އެވެ.

"[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" އޭނާގެ ސްޓޭޓަސްގައިވެ އެވެ.

ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތްކުރި ޒިހާން އެތަނުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅު އެވެ. އޭރު އޭނާގެ ގާތް މީހުން ތުހުމަތުކުރި ގޮތުގައި ސިފައިންގެ އިން ވަކިކުރީ ސަރުކާރަށް ފާޑުކިޔާތީވެ އެވެ.

އޭގެ ފަހުން މި ސަރުކާރުން އޭނާ އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނެވެ. އެކަމަކު ފަހުން މަގާމުން ވަކިކުރުމުން އޭނާ އައީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.