އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކުރަން ގޮވާލި މައްސަލައިގައި އިއްޔެ ހައްޔަރުކުރި ޒުވާނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، އޭނާގެ ބަންދަށް އިތުރު 12 ދުވަސް މިއަދު ދީފި އެވެ.
ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ، ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން ވަނީ ހައްޔަރުކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ޖުމާން، 25، ބުނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޖުމާންގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.
ޖުމާންގެ އިތުރުން ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިމާރާތް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލާގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ވެސް ހައްޔަރުކޮށް އޭނާގެ ބަންދަށް މިދިޔަ ބުދަ ދުވަހު ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި ޒިހާން ސޯޝަލް މީޑިއާގައި ޕޯސްޓް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ.