ސަރުކާރުން ހަރަދުތައް ކުރާ ގޮތާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި މީޑިއާ ބްރީފިންއެއްގައި ޝަމްހީދު ވިދާޅުވީ ބަޖެޓް ފާސްކުރުމަކީ ގާނޫނުން ލާޒިމްކުރާ ކަމެއް ކުރުމުގެ ގޮތުން ކޮށްލާ ކަމަކަށް ވެފައިވާ ކަމަށެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކަން ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސަނީ އެކިއެކި ނަން ނަމުގައި އެސްއޯއީތަކަށް ފައިސާދީގެންނެވެ.
"ޑްރެޖަރެއް ގަންނަންވީމާ މި ލަނީ އާރްޓީއެލް ސަބްސިޑީގެ ގޮތުގައި ފައިސާ. ފުށިދިއްގަރު [ރަސްމާލެ] ހިއްކަން ވީމާ މި ލަނީ ދިރިއުޅުމުގެ ހަރަދުކުޑަކުރަން ނޫނީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ހަރަދު ކުޑަކުރާށޭ ކިޔާފައި އެޗްޑިސީ އެކައުންޓަށް، ޕީއެސްއައިޕީ ބަޖެޓުން 900 މިލިއަން،" ޝަމްހީދު ވިދާޅުވި އެވެ.
ފެނާއި ނަރުދަމާ ފަދަ އަސާސީ ކަންކަމަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
ސަރުކާރުގެ މަސައްކަތްތައް ކުރި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ހަތް ބިލިއަން ރުފިޔާ ނުދީ އޮތް އޮތުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޝަމްހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމުނު އިރު ނުދީ ހުރީ ތިން ބިލިއަން ރުފިޔާ ކަމަށެވެ.
ސަރުކާރުގެ މަސައްކަތްތައް ކުރި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ހަތް ބިލިއަން ރުފިޔާ ނުދީ އޮތް އޮތުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޝަމްހީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރު ނިމުނު އިރު ނުދީ ހުރީ ތިން ބިލިއަން ރުފިޔާ އެވެ.
މިއަދުގެ މީޑިއާބްރީފިންގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސިފަކުރެއްވި ގޮތުގައި ރައްޔިތުން މިހާރު ތިބީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އުޅުނު ހާލަތަށް ވުރެ ވެސް ދަތީގަަ އެވެ.
އިގުތިސާދީ ގޮތުން ރާއްޖޭގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި އެ ހާލަތު އަދިވެސް ދާނީ އިތުރަށް ގޯސްވަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ބަޖެޓް އެކުލަވާލާ ގޮތާއި ބަޖެޓުން ހަރަދުކުރާ ގޮތަށް، މިއަދުގެ ބައްދަލުވުމުގައި އެހެން ބައެއް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ސަރުކާރުން ހުށަހެޅި ބަޖެޓްގައި ތަފްސީލްތައް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ވިދާޅުވީ ބަޖެޓަށް މިފަހަރު ވެސް ވޯޓު ނުދެއްވާނެ ކަމަށެވެ.