އަންނަ އަހަަރަށް ލަފާކުރާ، ދައުލަތުގެ ބަޖެޓް ދިރާސާކުރި އިރު މަރުކަޒީ ބޭންކުން ދިން ލަފައާ އެއްގޮތަށް، ކަސްޓަމްސްގެ މާލީ ކަންތައްތައް ފިނޭންސް މިނިސްޓަރުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ކަސްޓަމްސްގެ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް ދިން ލަފާގައި ބުނީ ކަސްޓަމްސްއަށް ލިބެންޖެހި ނުލިބި ހުރި ފައިސާ އިތުރުވެފައިވާކަން ބަޖެޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެން އެކަން އޮތުމުން، ޑިއުޓީ ނެގުމުގެ ކަންތައް ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން އެ އޮތޯރިޓީން ލަފާދިނެވެ.
ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލުގައިވާ ގޮތުން މާލީ ކަންކަމުގައި މިހާރު ކަސްޓަމްސް އިން އަމިއްލައަށް ނިންމާ ގާތްގަނޑަކަށް ހުރިހާ ކަމެއް ދެން ކުރަން ޖެހޭނީ ފިނޭންސް މިނިސްޓަރުގެ ލަފާ ހޯދައިގެންނެވެ.
ފިނޭންސް މިނިސްޓަރުގެ ލަފާ ހޯދަންޖެހޭނެ ކަންތައްތައް
- މުދަލުގެ އަގު ކަނޑައެޅުމާ ބެހޭ ގަވައިދު އެކުލަވައިލުން
- އިމްޕޯޓް ޑިއުޓީ އާއި އެ ނޫން ވެސް ފީތަކާއި އާމްދަނީގެ ފައިސާ ބަލައިގަތުން.
- އިމްޕޯޓް ޑިއުޓީ އާއި އެ ނޫން ވެސް ފީތަކާއި އާމްދަނީގެ ފައިސާގެ ތެރެއިން ދައްކަން ޖެހި ނުދައްކާ ވާ ފައިސާ ދެނެގަތުމާއި ހިސާބުކުރުން
- އިމްޕޯޓް ޑިއުޓީ އާއި އެ ނޫން ވެސް ފީތަކާއި އާމްދަނީގެ ފައިސާގެ ތެރެއިން އިތުރަށް ދައްކާފައިވާ ފައިސާ، ކަސްޓަމްސްއަށް ލިބެން ޖެހޭ ފައިސާއާ އަޅާ ކެނޑުން.
- އިމްޕޯޓް ޑިއުޓީ އާއި އެ ނޫން ވެސް ފީތަކާއި އާމްދަނީގެ ފައިސާ ދެއްކުމުގައި އިސްތިސްނާ އާއި ލުއިދިނުން.
- އިމްޕޯޓް ޑިއުޓީ އާއި އެ ނޫން ވެސް ފީތަކާއި އާމްދަނީގެ ފައިސާގެ ރެކޯޑް ބެލެހެއްޓުން
- ދައުލަތަށް ލިބެން ޖެހި ނުލިބިވާ އިމްޕޯޓް ޑިއުޓީ އާއި އެ ނޫން ވެސް ފީތަކާއި އާމްދަނީގެ ފައިސާ މޮނިޓާ ކުރުން
ކަސްޓަމްސްގެ މާލީ ކަންކަމާ ގުޅޭ މި ނޫން ވެސް ގިނަ ކަންތައްތައް ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައިގެން ނޫނީ ނުކުރެވޭ ގޮތަށް ގާނޫނު ބަަދަލުތައް ގެންނަން އެ ބިލުގައި ހުށަހަަޅާފައިވެ އެެވެ. އެ ބިލުގައިވާ ގޮތުން، ބިލު ހުށަހެޅި ބޭނުމަކީ ކަސްޓަމްސް މެދުވެރިކޮށް، ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ބަލައިގަތުމާއި ހޯދުމާއި ހިސާބުކުރުމުގެ ކަންތައްތައް ހިނގަނީ ދައުލަތުގެ ފިސްކަލް ޕޮލިސީއާ އެއްގޮތައްކަން ކަށަވަރުކުރުމެވެ.