ޓޫރިސްޓުންނަށް މޫދު ކުޅިވަރާއި ފެނުގައި ހިންގާ އެހެން ހަރަކާތްތަކާއި އެކްސްކާޝަންގެ ހިދުމަތް ދިނުމައި ސަލާމަތާއި ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ގޮތަށް ޓޫރިޒަމް  މިނިސްޓްރީން ގަވައިދެއް ހަދައި ގެޒެޓްކޮށްފި އެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފަށާ "ފަތުރުވެރީންނަށް މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގައި އޮތް ގޮތުން އެ ހިދުމަތްތައް ދޭ ކުންފުނިތަކުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމާ އެކު ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުަލަވާލަން ޖެހޭނެ އެވެ. ހިދުމަތް ހޯދާ މީހުންނަށް އާއްމުކޮށް ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޓޫރިޒަމް މިނިސްޓްރީން އެދިއްޖެ ހިނދެއްގައި އެ ޕްލޭން މިނިސްޓްރީއާ ހިއްސާކުރަން ވެސް އެ ގަވައިދު ލާޒިމްކުރެ އެވެ.

މީގެ ކުރިން މި ކަންކަމާ ބެހޭ ގޮތުން އޮންނަނީ ޓޫރިޒަމް މިނިސްޓްރީގެ ސާކިއުލާއެކެވެ.

ކުއްލި ހާލަތުގެ ޕްލޭންގައި ހިމަނަން ޖެހޭ ކަންތައްތައް

  1. މީހަކު ގެއްލިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތް.
  2. މީހަކު ގެނބިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތް.
  3. މޫދު ކުޅިވަރެއްގެ ތެރެއިން މީހަކަށް ހާނީއްކަ ވެއްޖެ ނަަމަ ނުވަތަ ފުރާނައަށް ނުރައްކާ ވެއްޖެ ނަމަ އަަމަލުކުރާނެ ގޮތް.
  4. ދަތުރުމަތީގައި މޫސުން ގޯސްވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތް.
  5. ދަތުރުމަތީގައި ބޭނުންކުރާ އުޅަނދަށް ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތް.
  6. މޫދު ކުޅިވަރުގައި އުޅެނިކޮށް ހާދިސާއެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރާނެ ގޮތާއި އަންގަން ޖެހޭ ފަރާތްތަކާއި ގުޅޭނެ ނަމްބަރުތައް.
  7. ކުޅިވަރުގެ ހަރަކާތް ނުވަތަ އެކްސްކާޝަން ހިންގަމުންދާ ތަނަކާ އެންމެ ކައިރީގައިވާ ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒެއްގެ މައުލޫމާތާއި ފޯނު ނަމްބަރު.

ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭނެ ގިނަ ފިޔަވަޅުތަކެއް ތަފްސީލު ވެސް އެ ގަވާއިދުގައި ހިމަނާފައި ވެ އެވެެ. އޭގެ އެންމެ ފުރަތަމަ ކަމަކީ ހިންގާ ހަރަކާތުގެ ފުރިހަމަ މައުލޫމާތު ޓޫރިސްޓުންނަށް ދިނުމެވެ.

ހިދުމަތްތައް ދޭ ސެންޓަރުތަކުން ހިންގާ ހަރަކާތްތަކަށް ހާއްސަ ސަރަހައްދެއް ކަނޑައަޅަން ވެސް އެގަވާއިދު ލާޒިމްކުރެ އެވެ.

ކުޅިވަރުތަކުގައި ބޭނުންކުރާ އާލާތްތަކަކީ ގްލޯބަލް ސްޓެންޑާޑްގެ ސަލާމަތީ މިންގަނޑުތަކަށް ފެތޭ ތަކެއްޗަށް ވާންވާނެ ކަމަށާއި އެ ތަކެތި ބޭނުންކުރަންވާނީ އެ ތަކެތި އުފެއްދި ފަރާތުން ބޭނުންކުރަން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

ލައިފް ޖެކެޓް އަޅުވައިގެން ނޫނީ މޫދު ކުޅިވަރުތަކުގައި ބައިވެރިނުކުރެވޭނެ މީހުންނަކީ ކޮބައި ކަން ވެސް އެ ގަވައިދުގައި ކަނޑައަޅާފައިވެ އެވެ.

މޫދުކުޅިވަރުތަކުގައި ބައިވެރިކުރާ މީހުންނަށް ފަތަން އެނގޭ މިންވަރު ވަޒަންކުރުމާއި އެފަދަ ހަރަކާތްތައް ހިންގާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ވެސް އާ ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން މޫދުކުޅިވަރާއި ފެނުގައި ހިންގާ އެހެން ހަރަކާތްތަކާއި އެކްސްކާޝަންގެ ހިދުމަތްދޭ ތަންތަން މީގެ ފަހުން ރަޖިސްޓްރީކުރަން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގަ އެވެ.