ވަޒީފާގެ ބާޒާރަށް ޒުވާނުން އަހުލުވެރިކުރުވަން ބާއްވާ "ވަރަ އެކްސްޕޯ" މިއަދު ހަވީރު ފަށައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ އެކްސްޕޯ ހުޅުވައިދެއްވީ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. 

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން އިންތިޒާމުކުރާ މި އެކްސްޕޯ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މި އެކްސްޕޯގައި 176 އެގްޒިބިޓަރުން ބައިވެރިވެ އެވެ.

އެ ހަރަކާތް ގެންދާނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އެއީ؛

- ކެރިއާ ޒޯން (45 ބައިވެރިން)

- އެޑިއުކޭޝަން ޒޯން (35 ބައިވެރިން)

- ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން (23 ބައިވެރިން)

- މާކެޓު ޒޯން (73 ބައިވެރިން)

ބަންޑާރަ ނައިބު އުޝާމް، ވަރަ އެކްސްޕޯ މިއަދު ފައްޓަވައިދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ބަންޑާރަ ނައިބު އުޝާމް، ވަރަ އެކްސްޕޯ މިއަދު ފައްޓަވައިދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓްރީން ބުނީ އެކްސްޕޯގެ މައިގަނޑު ބޭނުމަކީ ވަޒީފާ ދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް އަލަށް ނުކުންނަ ޒުވާނުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ މުހިއްމު މައުލޫމާތުތައް ހިއްސާކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެ އެކްސްޕޯ ވާނީ ތައުލީމީ މަރުހަލާ ނިންމައި މަސައްކަތަށް ނުކުންނަ ޒުވާނުންނާއި ވަޒީފާގެ އާ ފުރުސަތުތައް ހޯދަން އެދޭ މީހުންނަށް މުހިއްމު ޕްލެޓްފޯމަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.