އިތުރު ބަޔަކަށް ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް މަނާކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ސަރުކާރުގެ ހަމައެކަނި އަމާޒަކީ ކުޑަކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ކަށަވަރު ކޮށްދިނުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ދެންނެވި ސުވާލެއްގެ ޖަވާބުގައި އިހުސާން ވިދާޅުވީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް މަނާކުރުމާ ގުޅޭ ކަރުދާހެއް ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ ހުރިހާ ކަމެއްގައި އޮތީ އެންމެ ބޭނުމެއް ކަމަށެވެ. އެއީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
"އެއްވެސް އިންޓެންޝަނެއް ނެތް ސޯޝަލް މީޑިއާގެ އެއްވެސް މަންސައެއް ބޭން ކުރަން ވެސް އަދި ރިސްޓްރެކްޓް ކުރަން ވެސް އަދި މީހުން އޮންލައިން އެންގޭޖުވާ ގޮތަށް އެއްވެސް އިންފްލުއެންސެއް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ 100 ޕަސެންޓު އިންޓެންޝަނަކީ މިހާރު މިދާ އެފަޓުގައި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްގައި ތިބެގެން ޑިޖިޓަލް އެންވަޔަރްމަންޓުގައި އެންގޭޖުވާނެ ގޮތެއް ކަށަވަރުކުރުން. އޭގެ ތެރޭގައި ބައެއް ހާމްފުލް ސޯޝަލް މީޑިއާ ބިހޭވިއާތަކުން ވެސް ރައްކާތެރިކުރެވޭނީ ކިހިނެއްތޯ. އެ އޮޕްޝަނަށް އަޅުގަނޑުމެން މި ހޯދަމުން ދަނީ."
މިނިސްޓަރު ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުން ކުޑަކުދިން އަމިއްލަ ނަފްސަށް ގެއްލުންދިނުން ފަދަ ނުރައްކާތެރި ކަންކަން ރާއްޖެއިން ވެސް ފެންނަމުންދެ އެވެ.
ކުޑަކުދިންނަށް ބުލީކުރުމާއި އެ ކުދިން އެކްސްޕްލޮއިޓް ކުރުން ފަދަ ނުރައްކާތަކުން ދުރުކޮށް، އޮންލައިންކޮށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
އޭނާ ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް، ވަކި އުމުރެއްގެ ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައިވާކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ނޯވޭގައި އެކަން ތަންފީޒު ކޮށްފައިވާއިރު، އިނގިރޭސި ވިލާތުގައި ވެސް އެކަން ކުރަން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޓެކްނިކަލް ޓީމުން ލަފާދީފައިވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާށެވެ. އަދި ރާއްޖެ ޑިޖިޓަލްވަމުން އަންނައިރު، އީ-ފާސް މެދުވެރިކޮށް ތައުލީމާއި ސިއްހަތާ ގުޅޭ މައުލޫމާތާއި އަސާސީ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ގެއްލުން ހުރި ކޮންޓެންޓްތައް ކުދިންނަށް ނުފެންނާނެ ގޮތްތަކެއް ހެދުމަށް ޓެކްނިކަލް ހައްލުތަކެއް ހޯދުމުގެ މަސައްކަތް ވެސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ މަނާކުރިއަސް، ވީޕީއެން ފަދަ އެޕްތައް ބޭނުންކޮށްގެން އެ ޕްލެޓްފޯމްތައް ބޭނުންކުރާތީ ބައެއް ގައުމުތަކުން އަންނަނީ ހައްލު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ރާއްޖޭގައި ވެސް ސޯޝަލް މީޑިއާ މަނާކުރާއިރު އެ ހުރިހާ ކަމަކަށް ވިސްނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.