އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެތެރޭގެ އިންތިހާބު 900 އަށް ވުރެ ގިނަ ކެންޑިޑޭޓުންނާ އެކު މިއަދު ފަށައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އަތޮޅު އަދި ސިޓީތަކުގެ އިތުރުން ދާއިރާތަކުގެ ނައިބު ރައީސުންނާއި ސެކްރެޓަރީން އަދި ޕާޓީގެ ގުނަވަންތައް ކަމަށްވާ ޔޫތު ވިންގާއި އަންހެނުންގެ ރޫހުގެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ވޯޓުލުން ފަށާފައި ވަނީ މިއަދުގެ މެންދުރު 2:30 ގަ އެވެ.
އެ އިންތިހާބުގެ ވޯޓުލުން މިރޭ 8:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އިންތިހާބު ނިމުމާ އެކު ވޯޓު ގުނަން ފަށާނެ އެވެ.
މާލެ ސަރަހައްދުގައި އުޅޭ އެމްޑީޕީގެ މެމްބަރުން ވޯޓުލާން ވޯޓުފޮށިތައް ބަހައްޓާފައި ވަނީ އެކިއެކި ސްކޫލްތަކުގަ އެވެ.
އެ އިންތިހާބުގައި 448 މަގާމަކަށް 979 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެމްޑީޕީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާލެއިންނެވެ. ގައުމީ މަޖިލީހުގެ މާލެ ސިޓީގެ 111 މަގާމަކަށް 209 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
އޭގެ ތެރެއިން މާލެ ސިޓީ ގައުމީ މަޖިލީހުގެ 16 ގޮނޑިއަކަށް އެކަނި ވެސް 45 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އައްޑޫންނެވެ. އެ ސިޓީގެ 39 މަގާމަކަށް 86 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، ފުވައްމުލަކުގެ 13 މަގާމަކަށް 23 ކެންޑިޑޭޓުން، ކުޅުދުއްފުށީގެ ނުވަ މަގާމަކަށް 21 ކެންޑިޑޭޓުން އަދި ތިނަދޫގެ އަށް މަގާމަކަށް 18 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ.
އަތޮޅުތަކަށް ބަލާއިރު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ހއ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 22 މަގާމަކަށް 53 ކެންޑިޑޭޓުން ވާދަކުރެ އެވެ. ދެވަނައަށް އެންމެ ގިނައީ ރ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 23 މަގާމަކަށް 52 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
އަދި ގއ. އަތޮޅުގެ 21 މަގާމަކަށް 49 ކެންޑިޑޭޓުން ވާދަކުރާއިރު، ހދ. އަތޮޅުގެ 18 މަގާމަކަށް 43 ކެންޑިޑޭޓުން އަދި ގދ. އަތޮޅުގެ 17 މަގާމަކަށް 40 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދިޔައީ ވެސް ވަރަށް ފޯރިގަދަކޮށެވެ. މައިގަނޑު ގޮތެއްގައި ކެމްޕެއިނުގެ ހަރަކާތްތައް ވެސް އޮތީ ދެ ޓީމަކަށް ބެހިފަ އެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތާއިދާ އެކު ނުކުންނަ "ޓީމު އެމްޑީޕީ" އާއި ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރިޔާސީ ކެންޑިޑެންސީއަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ތާއިދާއެކު ނުކުންނަ "ބޮޑު ބަދަލު" ޓީމެވެ.