ރާއްޖެ އެތެރެކުރި 130 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފް ދައުލަތުން އަނބުރާ ގެންގޮސްފި އެވެ.

އޮކްޓޫބަރު، 2020 ގައި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރި މީހުންގެ ތެރޭގައި ހިމެނުނީ އޭރު އުމުރުން 16 އަހަރުގެ ކުއްޖެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން 2022 ވަނަ އަހަރު ނިންމި އެވެ.

އެ ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ހުށަހެޅި މައްސަލަ އަނބުރާ ގެންދަން ދައުލަތުން ނިންމުމުން އެ މައްސަލަ ހައި ކޯޓުން މިދިޔަ ހަފުތާގައިވަނީ ބާތިލްކޮށްފަ އެވެ. 

އެ މައްސަލަ އަނބުރާ ގެންދިޔައިރު، އެ މައްސަލާގައި ދައުލަތުން ދެން ދައުވާކުރި ގއ. ވިލިނގިލީ ލައިޓްހައުސް ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ އާއި ގއ. ވިލިނގިލީ ދުންފިނި އަސީލް މާހިރުގެ އިތުރުން ޅ. ހިންނަވަރު ސެލް، އަނަސް ހުސައިނާއި ދެ ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުވެ، އެއިން ކޮންމެ މީހަކު 50 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. 

އޭގެ ތެރެއިން ޝަހީބާއި އަހުމަދު މޫސާގެ ޖަލު ހުކުމް އިސްތިއުނާފްކުރަން އެ ދެ މީހުންގެ ފަރާތުން ހުށަހެޅި މައްސަލާގެ ޝަރީއަތް ހައި ކޯޓުން މިދިޔަ ހަފުތާގައިވަނީ ފަށައިފަ އެވެ.