ނަޝީދާ ބެހޭގޮތުން އުމަރު ކުރެއްވި ޓުވީޓާއެކު، ސޯޝަލް މީޑިއާ ގުގުމާލައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓަކާ ގުޅިގެންނާއި ނަޝީދަށް ރައްދު ދެއްވައި އުމަރު ޓުވީޓު ކުރެއްވުމާއެކު ސޯޝަލް މީޑިއާ މިއަދު ގުގުމާލައިފި އެވެ.


ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމް ކުރުމުގައި ފުލުހުން ބައިވެރިވި ކަމަށް އުމަރު އިއުތިރާފްވެ ވަޑައިގަތުމުން ނާޒިމް މިނިވަން ކުރަން ޖެހޭ ކަމަށެވެ. އެ ޓުވީޓާ ގުޅިގެން އުމަރު ވަނީ ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް. އޭނާ ގެންދަވަނީ 11 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން. ފޮޓޯ: ނިޝާން އަލީ/މިހާރު

އުމަރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އޭނާގެ ވާހަކަތައް ގޮތް ގޮތަށް ބަދަލު ނުކުރެއްވުމަށެވެ. އަދި ނަޝީދަކީ އިސްތިއުފާ ދިނުން ވެސް ބޮޑު ބަޣާވާތަކަށް ބަދަލުކޮށްލި މީހެއް ކަމަށާއި ނަޝީދަކީ "ޒިޔައްޓޭ އަންހެނަކަށް" ބަދަލުކޮށްލި މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޒިޔައްޓޭއަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.

މި ޓުވީޓުތަކާ ގުޅިގެން އިދިކޮޅު ފިކުރުތަކަށް ތާއީދުކުރާ އާންމުންނާއި ސަރުކާރަށް ތާއީދު ކުރާ މީހުން ވަނީ ޓުވިޓާގައި ތަފާތު ޝުއޫރުތައް ފާޅު ކުރަން ފަށައިފަ އެވެ. އުމަރަށް ތާއީދުކުރާ މީހުން ވަނީ އޭނާ އަށް ސާބަސް ދީފަ އެވެ. ދެކޮޅު މީހުން ބުނީ ނާޒިމް ފްރޭމް ކުރި ގޮތަށް އުމަރު ވެސް ފްރޭމްކޮށްފާނެ ކަމަށެވެ.

ބައެއް މީހުން ބުނީ މިނިސްޓަރެއްގައި ހުންނަން ޖެހޭ ސިފަތައް އުމަރު ނަސީރުގައި ނެތް ކަމަށާއި އުމަރުގެ ފެންވަރު ޓުވީޓުން އެނގިގެންދާ ކަމަށެވެ. އަދި އުމަރު ޖަލަށް ލެވޭނެ ދުވަހެއް ވެސް އަންނާނެ ކަމަށާއި އެ ދުވަހަކުން އެމްޑީޕީގެ އާންމު މެމްބަރުން އުމަރު ދޫކޮށްލަން ގޮވާލާނެ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

އުމަރަށް ތާއީދުކުރާ މީހުން ބުނީ އޭނާއަކީ ފަހުގެ ތާރީހެއްގައި ފެނުނު "ދަންޑަހެލު" ކަމަށެވެ. އަދި އުމަރަކީ މީހެއްގެ ރުހުން ލިބޭތޯ އުޅުއްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

މިނިސްޓަރު އުމަރު "މިހާރު"އާ ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަދީބަކީ، ނާޒިމް ފްރޭމް ކޮށްފާނެ ފަދަ ބޭފުޅެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އުމަރު ވިދާޅުވީ ނާޒިމް ފްރޭމް ކުރުމުގައި، މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވެދާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ. އެކަމަކު ވަކިވަކި ފުލުހުންނަށް ފައިސާ ދީގެން އެކަން ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.