މި އަހަރު އަޅުވާ ހަތަރު ވަނަ ފިލްމް ކަމަށްވާ "އިލް ނޮއިސް" މިރޭ ޝްވެކް ސިނަމާގައި ޕްރިމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

ތިއޭޓަ މިރާޖާއި އޯކޭޒް އިންކް ގުޅިގެން ގެނެސްދޭ މި ސައިކޮލޮޖިކަލް ތުރިލާ މިރޭ ޕްރިމިއާ ކުރާއިރު، މިރެއިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ކޮންމެ ރެއަކު ޝްވެކް ސިނަމާގައި ދެ ޝޯ ދައްކަން ވަނީ ހަމަޖައްސައިފަ އެވެ.

އޯކޭޒް އިންކްގެ ޑިރެކްޓަރު އަހުމަދު ސާޖިދު (ސާޖީ) މިއަދު ބުނީ "އިލް ނޮއިސް" ޕްރިމިއާ ކުރުމުގެ ގޮތުން މިރޭ ރެޑް ކާޕެޓް އިވެންޓެއް ވެސް އޮންނާނެ ކަމަށެވެ.

"ކުޑަކުޑަ ރެޑް ކާޕެޓް އިވެންޓެއް ވެސް ކުރިއަށް ދާނެ. އޭގައި ފިލްމުގައި ކާސްޓާއި މުޅި ޓީމްގެ މެމްބަރުން ބައިވެރި ވާނެ. އަދި މުންކޮ ވާހަކަ ވެސް ދައްކާނެ ފިލްމާ ބެހޭ ގޮތުން ރެޑް ކާޕެޓް އިވެންޓްގައި،" އޭނާ ބުންޏެވެ.

ސާޖީ ބުނީ ފިލްމަށް މިހާރު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ދެ ހަފުތާ އަށް ޝޯތައް ކުރިއަށް ގެންދަން ނިންމާފައި އޮތް ނަމަވެސް، ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރު ކުރާނެ ކަމަށެވެ.

"ފިލްމުގެ ޓިކެޓް ކޮންމެ ދުވަހަކު މެންދުރު ފަހު އެކަކުން ފެށިގެން ޝްވެކްގެ ކައުންޓަރުން ވިއްކަމުން ގެންދާނެ،" 100ރ. އަށް ޓިކެޓް ވިއްކާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

އާދަޔާހިލާފު ބައްޔެއް ޖެހިފައިވާ މީހަކު ސަލާމަތް ކުރަން ކުރާ މަސައްކަތް ދައްކުވައިދޭ "އިލް ނޮއިސް" ގެ ލީޑް ރޯލުން ފެންނާނީ މުހައްމަދު މުންތަސިރު (މުންކޮ) އާއި ޝަމްއަތު އިބްރާހީމްގެ އިތުރުން އަހުމަދު އަލަމް އެވެ.

ތިއޭޓަ މިރާޖުން 2012 ގައި "އިލް ނޮއިސް" ގެ ނަމުގައި ގެނެސް ދިން ތިއޭޓަ ޕްލޭ ފީޗާ ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ގެނެސް ދެނީ އިސްމާއިލް ނިހާދުގެ ޑައިރެކްޝަނާ އެކުގަ އެވެ.

"އިލް ނޮއިސް" މާލޭގައި ޕްރިމިއާ ކުރުމަށް ފަހު، މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ވެސް އަޅުވަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ހިމެނެ އެވެ. އަދި ސިންގަޕޫރާއި މެލޭޝިއާގައި ވެސް ފިލްމް އަޅުވަން އަންނަނީ މަޝްވަރާ ކުރެވެމުންނެވެ.