މިދިޔަ މަހުގެ ނިޔަލަށް ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބުނު އަދަދު 30 ޕަސެންޓަށް އިތުރު ވެއްޖެ އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލްސް ވިދާޅުވީ މިދިޔަ އަހަރުގެ ފަހު ތިން މަހާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ދިިރާގަށް 244 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިދިޔަ މާޗުމަހުގެ ނިޔަލަށް ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ވަނީ ލިބިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އެއް ހަމައެއްގައި މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް، އާމްދަނީގެ ގޮތުގައި 644 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ކުންފުނީގެ މޮބައިލް މާކެޓަށް، ހާއްސަކޮށް މޮބައިލް ޑޭޓާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސް ދުވަހު ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެއްވި އެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން ނެރުނު އާ ޕްލޭންތަކާއި ޑޭޓާ ޕްރޮމޯޝަންތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާ އާއި ފުރިހަމަ ކަމެއް ވަނީ ލިބިފަ އެވެ.

މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ދިރާގުން ކުރި މުހިއްމު ކަންތައްތަކުގެ ގޮތުގައި އެ ކުންފުނިން ފާހަގަ ކޮށްފައިވަނީ ދިރާގުގެ 4ޖީ ނެޓްވޯކު އާބާދީގެ 70 ޕަސެންޓަށް ވުރެ ބޮޑަށް ފުޅާކުރުމާއި ފައިބާ ބްރޭންޑް ނެޓްވޯކު އިިތުރު 17 ރަށެއްގައި ގާއިމު ކުރުމެވެ.

މިދިޔަ އަހަރު ނިމުނުއިރު ދިރާގަށް ވަނީ ރެކޯޑު އާމްދަނީއެއް ލިބިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދިރާގުން ތައާރަފް ކުރި ބައެއް ހިދުމަތްތަކުގެ ތެރޭގައި ސްމާޓް އެގްޒެކްޓިވް ޕެކޭޖުގެ ނަމުގައި ރާއްޖޭގައި ދޭ އެންމެ ބޮޑު ޑޭޓާ އެލަވަންސާއެކު ހުސްނުވާ ވޮއިސް އަދި އެސްއެމްއެސް ހިމެނޭ ޕެކޭޖެއް ވަނީ ތައާރަފް ކޮށްފަ އެވެ. އަދި ދިރާގަށް އަލަށް ގުޅޭ ކޮންމެ ޕޯސްޕެއިޑް ކަސްޓަމަރަކަށް ހަ މަސް ދުވަހަށް ދެ ޖީބީ ޑޭޓާ އަދި ބިލަށް 25 ޕަސެންޓް ޑިސްކައުންޓާއެކު، ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް އެއް ޖީބީ ހިލޭ ވަނީ ދީފަ އެވެ.